18 އޮކްޓޯބަރ 2019 - 10:00

ބާސެލޯނާ (އޮކްޓޫބަރު 18) - އޭނާގެ އަމިއްލަ އަށް އޭނާގެ މޮޅު ވާހަކަ ދައްކައިގެން ޕްރޮމޯޓް ވުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނުގެންގުޅޭ ކަމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

އުމުރުން 32 އަހަރުގެ މެސީ ވަނީ ދާދި ފަހުން ފީފާ އިން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މިއީ މި މަގާމު މެސީ އަށް ލިބުނު ހަ ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ދާދި ފަހުން މެސީއާ ވަނީ ހަވާލުކޮށްފަ އެވެ. ޔޫރަޕްގެ ރަން ބޫޓު ޖުމްލަ ހަ ފަހަރަށް ހޯދާފައިވާ މެސީ ވަނީ އެންމެ ފަހުން ތިން ފަހަރު ވެސް އެ ކާމިޔާބީ ހާސިލްކޮށްފަ އެވެ.
ޔޫރަޕްގެ ރަން ބޫޓު މެސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ވަނީ ނޫސްވެރިން ކުރި ގިނަ ސުވާލުތަކަށް ޖަވާބު ދީފަ އެވެ. އެ ގޮތުން މެސީ އަމިއްލަ ނަފްސާ ބެހޭގޮތުން ދެކޭ ގޮތެއް ބުނުމަށް ނޫސްވެރިޔަކު ސުވާލުކުރުމުން މެސީ ވަނީ އެއީ އޭނާ ކުރާ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
"އަހަރެން ބޭނުންވަނީ އެހެން މީހުން އަހަންނާ ބެހޭގޮތުން ވާހަކަ ދައްކަން. އަހަންނަށް އެނގޭ އަހަންނަކީ ކާކުކަން. އަަހަރެން ކުރީ ކީއްކަން. ކުރަނީ ކީއްކަން. އަދި ކުރެވޭނީ ކޮން ކަމެއްކަން. އެހެންވީމަ އެ މަސައްކަތުގައި އަހަރެން ދެމިހުންނަނީ. އަމިއްލަ ނަފްސާ ބެހޭގޮތުން އެގޮތަށް ވާހަކަ ނުދައްކާ ޓީމާ ބެހޭގޮތުން ވާހަކަ ދެއްކުން އަހަންނަށް މާ ރަނގަޅު،" މެސީ ބުންޏެވެ.
ފީފާ އިން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދި ނަމަވެސް އޭނާއާ ވާދަކޮށް ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. ފްރާންސް ފުޓްބޯލް އިން ހޮވާ ބެލޮންޑިއޯ އެވޯޑަށް ވެސް މެސީ އާއި ވެން ޑައިކް ވާދަކުރެ އެވެ. މީގެ ކުރިން ވެން ޑައިކް ވަނީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މެސީ އަށް ތައުރީފްކޮށްފަ އެވެ. މެސީ ބުނީ އޭނާގެ ނަޒަރުގައި ވެން ޑައިކަކީ މޮޅު ކުޅުންތެރިޔެއް ކަމަށެވެ.
"ވެން ޑައިކަކީ ރަނގަޅު ވަގުތުގައި ޑިފެންސްކުރަން ދަންނަ މޮޅު ޑިފެންޑަރެއް. އެ ވަރުގެ އިސްކޮޅެއް ހުރި ނަމަވެސް ވަރަށް ހަލުވި ކުޅުންތެރިޔެއް. އެޓޭކްގައި ވެސް ޑިފެންސްގައި ވެސް ވެން ޑައިކް މޮޅު. އެހެންވެ އޭނާ ގިނަ ގޯލު ޖަހާފައި އެބަހުރި،" މެސީ ބުންޏެވެ.
މީގެ ކުރިން ބާސެލޯނާ ދޫކޮށްލަން ބޭނުންވި ނަމަވެސް އެކަން ކޮށްފައިނުވަނީ އަބަދުވެސް އެންމެ ބޮޑު ޔަގީންކަމެއް އޮންނަ ކްލަބަކީ އެ ޓީމަށް ވުމުން ކަމަށް މެސީ ބުންޏެވެ.