އޭޑީކޭ އަށް ހިޔާލު ހުށަހަޅަން ހާއްސަ ޕޯޓަލެއް
އޭޑީކޭ އަށް ހިޔާލު ހުށަހަޅަން ހާއްސަ ޕޯޓަލެއް

އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް އެ ހޮސްޕިޓަލާ ގުޅޭ ހިޔާލު ހިއްސާކުރުމަށް ހާއްސަ ޕޯޓަލެއް މިއަދު ތައާރަފްކޮށްފި އެވެ.

މިއަދު ފެށި މޯލްޑިވްސް މެޑިކަލް އެކްސްޕޯގައި މި ޕޯޓަލް ތައާރަފްކޮށްދެއްވީ އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ. މި ޕޯޓަލަށް މިއަދުން ފެށިގެން ހިޔާލު ފޮނުވޭނެ އެވެ.

އައްފާލު ވިދާޅުވީ ހޮސްޕިޓަލުތަކުން ހިދުމަތް ހޯދާ މީހުންގެ ހިޔާލަކީ އެ ހޮސްޕިޓަލަކަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށާއި ޝަކުވާތައް ވެސް މުހިންމު ކަމަށެވެ. އެގޮތުން، އޭޑީކޭން ތައާރަފްކުރި މި ހިދުމަތުގެ ސަބަބުން އެ ހޮސްޕިޓަލާއި ހިދުމަތް ހޯދާ މީހުންގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ތައާރަފުކުރަނީ އާންމުންނަށް އަޅުގަނޑުމެންނާ މުއާމަލާތްކުރެވޭނެ ފަސޭހަ ގޮތެއް،" އައްފާލު ވިދާޅުވި އެވެ.

އޭޑީކޭން ހިދުމަތްދޭ ތަންތަނުގައި ހުންނަ ބާކޯޑު ބޭނުންކޮށްގެން މި ޕޯޓަލަށް ވަދެވޭނެ އެވެ. މި ޕޯޓަލަށް ކާކުކަން ނޭނގޭނެހެން ސިއްރުކޮށް ވެސް ހިޔާލު ހުށަހެޅޭނެ އެވެ.

އޭޑީކޭގެ "ހިޔާލު" ޕޯޓަލް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުން އެ ވަގުތަކު ހިންގުމާ ހަވާލުވެ ހުންނަ މީހަކަށް އެ ހިޔާލު ލިބޭނެ އެވެ. އަދި ވަގުތުން އެއަށް ޖަވާބު ދޭނެ އެވެ.