18 އޮކްޓޯބަރ 2019 - 21:33

އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމަށް އިންތިހާބުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ މި ދެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހުބުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެ ދެ މަގާމުގެ ތެރެއިން މިވަގުތު އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި ވަނީ ނައިބު ރައީސް ކަމަށެވެ.
އަސްލަމްއާ ވާދަކުރައްވާނީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް ކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ މުހައްމަދު ޝިފާޒެވެ. އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމުގެ ވާދަވެރިކަން ބޮޑުވި ނަމަވެސް އެމްޑީޕީގެ ރައީސް ކަމަށް މިހާތަނަށް އައިއިރު، ކުރިމަަތިލެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވި އަސްލަމް ވަނީ އެ ޕާޓީ އުފެދުމުގެ ކުރިން ފެށިގެން ގިނަ މަގާމުތައް ފުރައްވައިފަ އެވެ. އެގޮތުން އެމްޑީޕީގެ ސެކްރެޓޭރިއަޓްގައި ހިމެނޭ ފަސް މެމްބަރުންގެ ތެރޭގައި އަސްލަމް ހިމެނިވަޑައިގެންނެވި އިރު، އެ ޕާޓީގެ އިންތިހާބާ ބެހޭ ޑިރެކްޓަރު ކަން ކުރެއްވި އެވެ.
މީގެއިތުރުން އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރި އިރު، ވަލީ ކޮމިޓީގެ މެމްބަރަކަށް ވެސް އުޅުއްވި އެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީޕީގެ އައްޑޫ ދާއިރާގެ މެމްބަރުކަން ކުރައްވައިފަ އެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އެވެ. އޭނާ އެންމެ ފަހުން ހުންނެވި އިސް މަގާމަކީ ދުވަސްކޮޅެއް ވަންދެން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަމެވެ. ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރަކީ ވެސް އަސްލަމެވެ.
އަސްލަމް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވީ ޕާޓީ އަށް ހިދުމަތް ކުރެއްވުމުގެ ޝައުގުވެރިކަން ހުރީމާ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލުމަށް ޕާޓީގެ ވަރަށް ގިނަ އާންމު މެމްބަރުން އެދޭތީ އެކަމަށް އިޖާބަ ދެއްވީ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި ޕާޓީ އަށް ރަނގަޅު ހިދުމަތްތަކެއްކޮށް ދެވިދާނެ ކަމަށް ގަބޫލު ކުރެވޭތީ ކުރިމަތިލަނީ،" ނަޝީދުގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދުނީއްސުރެ، އެންމެ ހަރުދަނާ ޕާޓީއެއްގެ ގޮތުގައި އަދިވެސް އޮތީ އެމްޑީޕީ އެވެ. އެމްޑީޕީ އޮތުމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެވިފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން ހުރި ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އެ މަސައްކަތަށް ޕާޓީގެ ތެރެއިން ޖާގަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕާޓީ އަށް އާމްދަނީ ލިބޭނެ ކަންކަން އިންތިޒާމު ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ދެކެނީ. އަޅުގަނޑުގެ އެބަހުރި ބައެއް ސިޔާސަތުތައް ޕާޓީ ހަރުދަނާކޮށް ވަރުގަދަ ކުރަން. އާންމު މެމްބަރުންނާއި ޕާޓީގެ ލީޑަޝިޕް ގުޅުން ބޮޑު ކުރެވޭނެ ގޮތްތަކެއް އޮންނަން ޖެހޭ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ޝިފާޒަކީ ވެސް އެ މަގާމަށް ގާބިލް ބޭފުޅެކެވެ. ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަކީ ޑިމޮކްރަސީގެ ވަރުގަދަ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
އެކަމަކު، އިންތިހާބެއްގެ ތެރެއަށް ނުފޫޒު ފޯރުވައި ފިތުނަވެރި ގޮތް ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށާއި އެމްޑީޕީގެ ތެރޭގައި ހަރުދަނާ ވިސްނުންތަކެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންތިހާބު ނިމުނީމަ އެއް ބަޔަކަށް މިވަނީ. އެހެންވީމަ އެކަކު އަނެކަކަށް އިހްތިރާމާއި ގާތް ކަން ނުގެއްލޭ މިންގަނޑުގެ ތެރެއިން އެކަން ކުރުމަކީ މުހިންމު ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިހުބުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުންނަށް އެ ފުރުސަތު ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. ދެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ މެންދުރު ހަމަވާނެ އެވެ.