19 އޮކްޓޯބަރ 2019 - 12:00

މެރެތަނެއް ދެ ގަޑިއިރަށް ވުރެ އަވަހަށް ދުވި ފުރަތަމަ މީހާގެ ގޮތުގައި ކެންޔާގެ އެލިއޫޑް ކިޕްޗޯޖް މިދިޔަ ހޮނިހިރު ދުވަހު ހާސިލްކުރި ޝަރަފް، ރާއްޖޭގެ ފެންވަރުގައި ފާހަގަކުރަން ރާއްޖޭގެ ކުރީގެ މެރެތަން ރެކޯޑް ހޯލްޑަރު ހުސެއިން ހަލީމް (ކުޑަހުސެން) ގެ އެކަޑަމީން ހާއްސަ މެރެތަނެއް މިއަދު ފުރިހަމަކޮށްފި އެވެ.
ކުޑަހުސެން ސްޕޯޓްސް އެކަޑަމީގެ 22 ދުވުންތެރިން ވެގެން މިއަދު ހުޅުމާލޭ ޓްރެކުގައި މެރެތަނެއް ފުރިހަމަކުރީ، ފަހަރަކު ދުވުންތެރިޔަކު 400 މީޓަރުގެ މަގުން، ރިލޭ އުސޫލުން ދުވެ އެވެ. އޭގެ ތެރެއިން 13 ދުވުންތެރިޔަކު އެކި ފަހަރު މަތިން ހަ ބުރު ދުވި އެވެ. އެ ދުވުންތެރިން މެރެތަންގެ 42 ކިލޯމީޓަރު ފުރިހަމަކުރީ 2 ގަޑި 5:50 މިނެޓުންނެވެ. މިއީ 1998 ވަނަ އަހަރުގެ ދުނިޔޭގެ މެރެތަން ރެކޯޑް ޓައިމިންއާ ދާދި އެއްވަރެވެ.
ރާއްޖޭގެ މެރެތަން ރެކޯޑް 1989 އިން 2017 އާ ހަމަޔަށް އޮތް ކުޑަހުސެން ބުނީ ކިޕްޗޯޖް އެކުރީ އިންސާނަކު ހަނދަށް ދިއުމާއި އެވަރެސްޓް ފަރުބަދައަށް އެރުމާއި ހަތަރު މިނެޓުން މޭލެއް ޖެހުން ފަދަ ކަމެއް ކަމެއް ކަމަށާއި އެވަރުގެ ކަމެއް ހާސިލްކުރުމުން ރާއްޖޭގެ ފެންވަރުން، އަދި އެ އެކަޑަމީގެ ފެންވަރުން ފާހަގަކޮށްލަން ބޭނުންވީ ކަމަށެވެ.
"އެތައް ބަޔަކު ނުވާނޭޔޭ ބުނި ކަމެއް އޭނާ ހާސިލްކުރީ. އަޅުގަނޑުމެން ބޭނުންވީ އަންގަން އަޅުގަނޑުމެންނަށް ވެސް އެކަމުން ހިތްވަރުލިބިއްޖެކަން. އެހެންވެ ރާއްޖޭގެ ފެންވަރުން އަދި އެކަޑަމީގެ ފެންވަރުން އެކަން މި ފާހަގަކުރީ. މި ދުވުމުގެ ވީޑިއޯ ހަދައި އޭނާ އަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުވާނަން،" ކުޑަހުސެން ބުންޏެވެ.
މި ދުވުމުގައި ކުޑަހުސެން ތަމްރީންކުރާ ޖޫނިއާ ދުވުންތެރިންގެ އިތުރުން ގައުމީ ލެވެލްގެ ދުވުންތެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މެރެތަން، ހާފް މެރެތަން، 20 ކިލޯމީޓަރު، 10 ކިލޯމީޓަރު އަދި ފަސް ކިލޯމީޓަރު ރެކޯޑް ހަދާފައިވާ މަރިޔަމް އަބްދުލްކަރީމް (މަރީ) ހިމެނެ އެވެ.
ދުވުމުގައި މިހާތަނަށް އިންސާނަކަށް ހާސިލްކުރެވިފައިނުވާ ހަމައެކަނި ޗެލެންޖް ކިޕްޗޯޖް، ފުރިހަމަކުރުމުން ދުނިޔޭގެ އެކިކަންކޮޅުތަކުން، އެކި ފެންވަރުގައި ވަނީ ބަލައިގަނެ މަރުހަބާ ކިޔައިފަ އެވެ. އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި 41 ޕޭސްމޭކަރުންނާ އެކު ދުވެ، ކިޕްޗޯޖް އެކަން ހާސިލްކުރީ 42 ކިލޯމީޓަރު ދުވުން 1 ގަޑި 59 މިނިޓް 40 ސިކުންތުން ފުރިހަމަކޮށްގެންނެވެ.