ސްކްރީން ތެޅިފައި އޮތް ފޯނަކުން ސެލްފީ ނެގުމުން އޯޕްރާ ދިނީ ފޯނެއް
ސްކްރީން ތެޅިފައި އޮތް ފޯނަކުން ސެލްފީ ނެގުމުން އޯޕްރާ ދިނީ ފޯނެއް

މަޝްހޫރު ޓީވީ ތަރި އަދި ވިޔަފާރިވެރިޔާ އޯޕްރާ ވިންފްރީ މިދިޔަ ހަފުތާގައި އެޓްލާންޓާގެ މޯހައުސް ކޮލެޖަށް ދިޔައީ އޭނާގެ ނަމުގައި އެތަނުން ދޭ ސްކޮލަޝިޕް ޕްރޮގްރާމަށް 30 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފުލާގައި ބައިވެރިވުމަށެވެ. އެ ޒިޔާރަތުގެ ތެރެއިން ސްކޮލަޝިޕް ޕްރޮގްރާމަށް އިތުރު 13 މިލިއަން ޑޮލަރު ދޭން އޭނާ ނިންމީކީ އެކަންޏެއް ނޫނެވެ.

ހަފުލާ ނިންމާލާފައި ދާން ނުކުމެ ކާރަށް އެރިތަނުން ފިރިހެން ދަރިވަރުންތަކެއް އޭނާ އަށް ގޮވާފައި ސެލްފީއެއް ނަގަން ވެސް އެދުނީ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯގައި ފެންނަނީ ދެ ދަރިވަރަކު އޯޕްރާގެ ކާރު ހުއްޓުވައިގެން ތިބެ ވީޑިއޯ ކުރާ މަންޒަރެވެ. އަދި އެ ވީޑިއޯގައި އޯޕްރާގެ ސަމާލުކަން ހުއްޓުނީ ވީޑިއޯ ކުރި ދަރިވަރުގެ ފޯނުގެ ސްކްރީން ތަޅައިގެން ގޮސްފައި އޮތީމަ އެވެ. އެހެންވެ "ދެޓްސް މީ އިން ޔޯ ކްރެކްޑް ފޯން" އޭ އޯޕްރާ ބުނާ އަޑު ވެސް އިވެ އެވެ.

އެ ހިސާބުން އެކަން އަދި ނިމުނީއެއް ނޫނެވެ. ވީޑިއޯ ކުރި ދަރިވަރަށް، ޖެހިގެން އައި ދުވަހު ލިބުނީ އޯޕްރާ ހަދިޔާއަކަށް ފޯނަށް ފޮނުވިކަމުގެ މެސެޖެވެ. އުފަލުން ގޮސް ދަރިވަރު އެ ވާހަކަ ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ. އޯޕްރާ ދަރިވަރަށް ފޮނުވީ އައިފޯން 11 އަކާއި އޭގެ ފޯނު ކަވަރެކެވެ.

އެެއާ އެކު ލިބުނު މެސެޖްގައި އޯޕްރާ ލިޔެފައި ވަނީ މިހެންނެވެ؛ ހަލާކުވެފައި ސްކްރީނަކުން ދުނިޔެ ބަލާކަށް ފުރުސަތެއް ނުދޭނަމެވެ.

އޯޕްރާގެ މި ދީލަތި އެހީއާ ގުޅިގެން އެތައް ބަޔަކު އޭނާ އަށް ސޯޝަލް މީޑިއާގައި ތައުރީފު ވެސް އޮއްސައިލި އެވެ.