ހަ މަސްތެރޭ ފުރަތަމަ ފަހަރަށް ސީރިއާ އަށް އެހީ ލިބިއްޖެ
ހަ މަސްތެރޭ ފުރަތަމަ ފަހަރަށް ސީރިއާ އަށް އެހީ ލިބިއްޖެ

ދިމިޝްގު (ސެޕްޓެމްބަރު 26) - ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ސީރިއާގެ ހަތަރު ޓައުނަކަށް ހަ ދުވަސް ދުވަހު ތެރޭ ފުރަތަމަ ފަހަރަށް އެހީގެ ތަކެތި ލިބިއްޖެ އެވެ.

ހަ މަސްތެރޭ ފުރަތަމަ ފަހަރަށް ސީރިއާ އަށް އެހީ ލިބިއްޖެ
ހަ މަސްތެރޭ ފުރަތަމަ ފަހަރަށް ސީރިއާ އަށް އެހީ ލިބިއްޖެ

އިންޓަނޭޝަނަލް ރެޑް ކްރޮސް ކޮމިޓީން ބުނީ 71 ލޮރީގެ އެހީގެ ތަކެތި ފޯރުކޮށްދީފައި ވަނީ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް، ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ މަދަޔާ އާއި ޒަބަދާން އަދި ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް އިދްލީބް ޕްރޮވިންސްގެ ފޮއާ އަދި ކެފްރަޔާ އަށް ކަމަށެވެ. އެހީގެ 71 ލޮރީގައި ހިމެނެނީ 60،000 މީހުންނަށް ބޭނުންވާ ކާތަކެއްޗާއި ސިއްހީ ސާމާން އަދި ހައިޖީން ކިޓެވެ.

އެހީގެ ތަކެތި ހިފައިގެން ދަތުރުކުރި 31 ލޮރީ އަށް ހަލަބު ސިޓީ ކައިރިން މިދިޔަ ހަފުތާގައި ހަމަލާ ދިނުމުން އދ. އިން ވަނީ 48 ގަޑިއިރަށް އެހީ ފޯރުކޮށްދިނުން ހުއްޓާލައިފަ އެވެ. އެހީގެ ލޮރީތަކަށް ހަމަލާ ދިންކަމުގެ ތުހުމަތު އަޅުވާފައި ވަނީ ރަޝިޔާ އާއި ސީރިއާ ސިފައިންގެ ބޮލުގަ އެވެ.

ސީރިއާގައި ހަފުތާއަކަށް ހަމަލާތައް ހުއްޓާލަން އެއްބަސްވި މުއްދަތު ހަމަވުމާ އެކު ހަލަބް ސިޓީ އަށް ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ހަމަލާތަކުގައި މިދިޔަ ހޯމަ ދުވަހުގެ ފަހުން ހަލަބް ސިޓީން އާއްމުންގެ 237 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި 38 ކުޑަ ކުދިން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ކާތަކެއްޗާއި ފެނާއި ބޭސް ނުލިބިގެން މަދަޔާ އިން މީހުން މަރުވަމުންދާ ކަމަށް މިދިޔަ ޖެނުއަރީ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ. ނަމަވެސް ސަރުކާރުން އެއްބަސްވެގެން އެޕްރީލް މަހާ ހަމައަށް މަދަޔާ އަށް ވަނީ އެހީގެ ތަކެތި ފޯރުކޮށްދީފަ އެވެ.

އދ. އިން ލަފާކުރާ ގޮތުގައި އިންސާނީ އެހީ އަށް ބޭނުންވެފައި ތިބި 13.5 މިލިއަން މީހުން ސީރިއާގައި އެބަތިއްބެވެ.