27 ސެޕްޓެމްބަރ 2016 - 11:14

ހޮނިހިރު ދުވަހުގެރޭ ބާއްވާ ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވާ ހަމައެކަނި ދެ ކެންޑިޑޭޓުންނަކީ ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ލަތީފާއި އިސްމާއިލް ރިފާއު (ޗިޗޫ) އެވެ.
އިންތިހާބު ބާއްވަނީ މި އަހަރުގެ މާޗު މަހު ބޭއްވި އިންތިހާބު ކާމިޔާބުކޮށް މުހައްމަދު ރިޔާޒް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންވެފައިވަނިކޮށް، އިންތިހާބުގައި މަކަރު ހަދައި އޮޅުވާލާފައިވާ ކަމަށް ބުނެ ސްޕޯޓްސް ކޮމިޝަން އަދި ހޯމް މިނިސްޓްރީން އިންތިހާބު ކެންސަލްކުރުމުންނެވެ.
އިންތިހާބުގައި ވާދަނުކުރައްވަން ރިޔާޒް ކުރިން ނިންމަވާފައިވާއިރު އޭނާގެ ނައިބެއްގެ ގޮތުގައި މިދިޔަ ދެ ދައުރު މަސައްކަތްކުރެއްވި އިލްޔާސް ވަހީދު ވެސް މި ފަހަރު ވާދަނުކުރައްވަ އެވެ. ނައިބް ރައީސަކަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓަކީ އެސޯސިއޭޝަނުގެ އިދާރީ މުއައްޒަފެއްގެ މަގާމް މިހާތަނަށް އަދާކުރި އަދި މިދިޔަ އިންތިހާބުގައި ނައިބް ރައީސަކަށް ކުރިމަތިލައި ނާކާމިޔާބުވި އިއްޒަތު ވަހީދެވެ.
ހަޒާންދާރުގެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓަކީ ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ރަނޭޝެވެ. ރޫލްސް ކޮމިޓީގެ ތިން މެމްބަރުން ކަމަށް ކުރިމަތިލެއްވީ ތިން ފަރާތެކެވެ. އެއީ އަލީ އިޔާޒާއި އިބްރާހިމް ފަލާހް އަބޫބަކުރު އަދި އަދުނާން އަބްދުއްރަހީމް (ނާނު) އެވެ.
ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޝަނުގެ ތިން މެމްބަރުގެ މަގާމަށް ކުރިމަތިލެއްވީ ހަސަން އަގްލީނާއި ވޮލީބޯޅަ ކޯޗު ސޮފްވާން އަހުމަދު އަދި ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު މުހައްމަދު ނަދީމެވެ.
ރައީސް ކަމަށް ކުރިމަތިލެއްވި ލަތީފަކީ ގައުމީ ވޮލީބޯޅަ ޓީމުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ގިނަ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިއެވެ. ވިޔަފާރިވެރިޔާ ލަތީފް ވަނީ އޭނާ ޑިރެކްޓަރެއްގެ މަގާމް އަދާކުރައްވަމުން އަންނަ ގައުމީ އެއާލައިން ކުންފުނި އައިލެންޑް އޭވިއޭޝަނުން ވޮލީބޯޅަ ޓީމެއް ނެރެއްވައި އެ ޓީމަށް ކާމިޔާބީތައް ހޯދައިދެއްވައިފަ އެވެ.
ގައުމީ ޓީމުގެ އިތުރުން ރާއްޖޭގެ ގިނަ ކްލަބްތަކެއްގައި މޮޅަށް ކުޅުނު ޗިޗޫ ފަހަކަށް އައިސް ފެނިފައިވަނީ ވޮލީބޯޅަ އެސޯސިއޭޝަނުގެ މަސައްކަތުންނެވެ. އެގޮތުން މުބާރާތްތައް އިންތިޒާމްކުރުމުގައި ވެސް ހަރަކާތްތެރިވި އެވެ.