ސްޕޯޓްސް ކައުންސިލުގެ ޗެއާމަނަކަށް އިބްރާހިމް އިސްމާއިލް
ސްޕޯޓްސް ކައުންސިލުގެ ޗެއާމަނަކަށް އިބްރާހިމް އިސްމާއިލް

ނެޝަނަލް ސްޕޯޓްސް ކައުންސިލުގެ ޗެއާމަންގެ މަގާމަށް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް އިބްރާހިމް އިސްމާއިލް އައްޔަންކުރައްވައިފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް މި ބަދަލު ގެންނެވީ، ކުރިން ޗެއާމަނަކަށް ހުންނެވި ޝާހު އިސްމާއިލުގެ ބަދަލުގަ އެވެ. ކުޅިވަރާ ބެހޭ މިނިސްޓަރުގެ ނައިބުގެ މަގާމުގައި ހުންނެވި ކުރީގެ އެއް ވަނަ ފޯވާޑް ޝާހު މިހާރު ވަނީ ފިޝަރީޒް މިނިސްޓްރީ އަށް ބަދަލުކޮށްފަ އެވެ.

އިބްރާހިމް އިސްމާއިލަކީ އެޑިއުކޭޝަން މިނިސްޓަރު އައްޔަންކުރައްވާ މެމްބަރުގެ ގޮތުގައި ކުރިން ވެސް ކައުންސިލުގައި ހުންނެވި ބޭފުޅެކެވެ. ޝާހުގެ ބަދަލުގައި އެ ކައުންސިލްގެ މެމްބަރަކަށް އައްޔަންކުރައްވާފައިވަނީ ކުޅިވަރާ ބެހޭ ވަޒީރުގެ ނައިބް އަބްދުލްމުހުސިން ހަމީދު (ޖޭފޯ) އެވެ.

ސްޕޯޓްސް ކައުންސިލްގެ ޗެއާމަނަކަށް އައްޔަންކުރެއްވި އިބްރާހިމް އިސްމާއިލަކީ ކުޅިވަރުގެ ތެރޭގައި ސާޅީސް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ފުރަތަމަ އެކުލަވާލި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރައްވައި ފަހުން ރެފްރީކަން ވެސް އިބްރާހިމް އިސްމާއިލް ކުރެއްވި އެވެ. އޮލިމްޕިކް ކޮމިޓީގެ ނައިބް ރައީސްގެ މަގާމާއި ރައީސްގެ މަގާމް ވެސް ފުރުއްވާފައިވާއިރު އިބްރާހިމް އިސްމާއިލަކީ ރާއްޖޭގެ ކުޅިވަރު ތާރީހު ދުށް އެންމެ ހިދުމަތްތެރި އެއް ފަރާތެވެ.