01 އޮކްޓޯބަރ 2016 - 15:47

ރިޔާޒް (އޮކްޓޯބަރު 1) - ސައުދީ އަރަބިއާގައި ޑްރައިވަރުންނަށް ލައިސަންސް ދޭ އިރު ޑްރަގު ޓެސްޓް ހަދަންޖެހޭ ގޮތަށް ނިންމައިފި އެވެ.
ސައުދީގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނީ ޑްރައިވަރުން ޑްރަގު ޓެސްޓް ހަދާގޮތަށް ނިންމީ އެކްސިޓެންޓްތައް އިތުރުވަމުންދާތީ ކަމަށެވެ. މަގުމަތީގެ އެކްސިޑެންޓްތަައް އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސައުދީގައި އެކްސިޓެންޓްތަކުގައި އެވްރެޖްކޮށް ދުވާލަކު 17 މީހުން މަރުވެ އެވެ.
ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ތޯރިގު އަލް ރުބައިއާން ވިދާޅުވީ ޑްރަގު ޓެސްޓުން ފޭލްވާ މީހުންނަށް ލައިސަންސް ދޫ ނުކުރާނެ ކަމަށެވެ. ސައުދީގައި މިހާރު ވެސް ވަޒީފާ އަށް ހުށަހެޅުމާއި ކައިވެނި ކުރުމުގެ ކުރިން ޑްރަގު ޓެސްޓް ހަދަން ޖެހެ އެވެ.
ސއުދީގައި އަހަރަކު ބައި މިލިއަން އެކްސިޑެންޓް ހިނގަ އެވެ. ނަތީޖާއެއްގެ ގޮތުން އިގްތިސާދަށް 21 ބިލިއަން ރިޔާލް (5.5 ބިލިއަން ޑޮލަރު) ގެ ގެއްލުންވެ އެވެ. ސައުދީގައި މި އަހަރު ވަނީ ޑްރައިވިން ލައިސަންސް ދޫކުރުމުގެ އުސޫލު ހަރުކަށި ކޮށްފަ އެވެ. ކުރިން އޮންނަ ގޮތުން، އަލަށް ލައިސަންސް އަށް އެދޭ މީހުން ލޯ ޓެސްޓް ކުރުމުން ނިމުނީ އެވެ.