ހިންނަވަރުގައި 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާ ސިއްހީ މަރުކަޒެއް
ހިންނަވަރުގައި 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާ ސިއްހީ މަރުކަޒެއް

ޅ. ހިންނަވަރުގައި 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން އާ ސިއްހީ މަރުކަޒެއް އަޅަން ފަށައިފި އެވެ.

ހިންނަވަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސިއްހީ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.

ސްވިފްޓް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު އަދި ތިނަދޫ އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އަލަށް އިމާރާތް ކުރެވޭ ސިއްހީ މަރުކަޒުގައި ޒަމާނީ ހުރިހާ ވަސީލަތްތަކެއް ހުންނާނެ ކަމަށެވެ.

މި އިމާރާތް ނިންމުމަށް އެގްރީމަންޓްގައި 240 ދުވަސް ދިން ނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން އެ މަސައްކަތް ނިންމަން މަސައްކަތް ކުރާނެ ކަމަށް ސައުދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަމަލީ މަސައްކަތް ފަށާނަން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި،" ސައުދުﷲ ވިދާޅުވި އެވެ.

ހިންނަވަރުގައި މިހާރު ހުންނަ ސިއްހީ މަރުކަޒާ ޖެހިގެން ހުންނަ ބިމުގައި ހަދާ މި އިމާރާތުގައި ލެބޯޓްރީއަކާއި އިމަޖެންސީ ރޫމަކާއި ވޯޑުތަކާއި ލޭބާ ރޫމެއް ހުންނާނެ އެވެ. ސްވިފްޓް އިންޖިނިއަރިން އިން ބުނީ މިހާރު ހުރި އިމާރާތަށްވުރެ، އަލަށް ހަދާ އިމާރާތުގައި ހުންނަ ވަސީލަތްތައް އިތުރުވާނެ ކަމަށެވެ.

އާބާދީގައި 4000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހިންނަވަރުގައި ހުންނަ ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދެ އެވެ. އަދި ދާދި ފަހުން އެ ސިއްހީ މަރުކަޒު ވަނީ މަރާމާތުކޮށްފަ އެވެ.