03 އޮކްޓޯބަރ 2016 - 06:10

ބޮލިވުޑްގެ ކުޅަދާނަ ބަތަލާ ކަންގަނާ ރަނާވަތަކީ އޭނާގެ ހިތުގައި އޮންނަ އެއްޗެއް ފޮރުވައިގެން ނުހުރެ ގޮވާލާ މީހެކެވެ. ޒާތީ ދިރިއުޅުމުގެ ވާހަކަތައް ވެސް ދައްކާކަށް އެއްވެސް ވަރަކަށް ޖެހިލުމެއް ނުވެ އެވެ.
ރިތިކް ރޯޝަން އާއި ކަންގަނާގެ މެދުގައި ޖެހިގެން އުޅޭ މައްސަލަތަކުގައި ވެސް މީޑިއާ އަށް އެ ވާހަކަތައް ކިޔައިދެނީ އަބަދުވެސް ކަންގަނާ އެވެ. ނަމަވެސް މީގެ ދެތިން ދުވަސް ކުރިން ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ވަނީ މި މައްސަލައިގައި އޭނާގެ ދަރިފުޅުގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ.
ރާކޭޝް ރޯޝަން ބުނެފައި ވަނީ މީހަކު ރިތިކް ބަދުނާމްކޮށް ތަފާތު ދޮގު ވާހަކަތައް ދައްކަމުންދާއިރު ވެސް ރިތިކް ދިފާއުގައި ވާހަކަ ނުދައްކައި ހުންނަނީ ކަމަށާއި ރިތިކް ހަގީގަތް ކިޔައިދީފި ނަމަ އެންމެންގެ އަނގަ ބެދޭނެ ކަމަށެވެ.
ރިތިކްގެ ބައްޕަގެ މި ވާހަކަ އަށް ކަންގަނާ ބުނަނީ ކީކޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ކަންގަނާ ވަނީ އިންޑިއާ ފިރިހެނުންނަށް އަމިއްލަ ނަފްސު ދިފާއު ނުކުރެވެނީ ކީއްވެތޯ ސުވާލު ކޮށްފަ އެވެ. ރިތިކަކީ 43 އަހަރު ވެފައި ހުރި ބޮޑު ފިރިހެނެއް ކަމަށާއި އެ އުމުރުގައި ވެސް ރިތިކް ސަލާމަތްކުރަން ތެދުވަންޖެހެނީ އޭނާގެ ބައްޕަތޯ ކަންގަނާ ސުވާލު ކުރި އެވެ.
"އޭނާ (ރިތިކް) އަކީ ބޮޑުސިންގާ ފިރިހެނެއް. ފިލްމު އިންޑަސްޓްރީގެ ނުފޫޒު ގަދަ ބައްޕައިންގެ ފުރަގަހަށް ވަދެ ފިލައި މި މީހުންނަށް ތިބެވޭނީ ކިހާ ދުވަހަކު. އަހަންނަށް ހީވަނީ ރިތިކް އަމިއްލައަށް އޭނާގެ މައްސަލަތައް ހައްލު ކުރެވެން ވާނެހެން. މިއީ ވަރަށް އާދައިގެ ކަމެއް. އަހަންނަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ ކީއްވެ ކަމެއް ބައްޕައިން އަބަދުވެސް އެމީހުންގެ ފިރިހެން ދަރިން ދިފާއުކޮށްދޭން ޖެހެނީ،" ކަންގަނާ ބުނެފައިވެ އެވެ.
ކަންގަނާ އާއި ރިތިކްގެ މެދުގައި ޖެހުނު މައްސަލަ ފެންމަތިވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ފުރަތަމަ މި މައްސަލަ ފެށޭ ގޮތްވީ ކަންގަނާ ދިން އިންޓަވިއުއެއްގައި ރިތިކް އާ މުޚާތަބުކޮށް "ސިލީ އެކްސް" ނުވަތަ ކުރީގެ މޮޔަ ލޯބިވެރިޔެކޭ ބުނުމުންނެވެ.
ރިތިކް އަށް މިކަން އެނގިގެން ވަރަށް ރުޅިގަދަވެ ކަންގަނާ އަށް ޖަވާބުދީ ކުރި ޓުވީޓެއްގައި ޕޯޕް އާ ލޯބިވިޔަސް މީޑިއާ އިން "ވޮންޑަ ވުމަން" އޭ ކިޔާ އަންހެނާ އާ ރައްޓެހިވުމުގެ ފުރުސަތެއް ނެތް ކަމަށް ބުނެފައި ވެއެވެ.
އެއަށްފަހު މި ހަނގުރާމަ ވަރަށް ހޫނުވެ ރިތިކް ކަންގަނާއާ ދެކޮޅަށް ދައުވާ ކުރަން ނިންމި އެވެ. ރިތިކް ބުނާ ގޮތުގައި އޭނާ އެއް އިރަކުވެސް ކަންގަނާއާ ލޯބީގެ ގުޅުމެއް ނުބާއްވަ އެވެ. ނަމަވެސް ކަންގަނާގެ ގާނޫނީވަކީލުން ބުނަނީ ރިތިކް އާއި ކަންގަނާ ރައްޓެހިވެގެން އުޅުނުކަމަށެވެ.
މި މައްސަލައިގައި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ރިތިކާ ދެކޮޅު ވެފައިވާ ކަން ފާހަގަކޮށްލަން ޖެހެ އެވެ.