15 ނޮވެމްބަރ 2016 - 06:28

މޭކަޕް ޓްރެންޑަކީ ކޮންމެ މޫސުމަކަށް އަދި ކޮންމެ އަހަރަކު ބަދަލުވާ އެއްޗެކެވެ. ފަހުގެ އެންމެ މަގުބޫލު މޭކަޕް ޓްރެންޑަކީ މެޓް ލިޕްސްޓިކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޮންމެ ކޮސްމެޓިކްސް ކުންފުންޏަކަށް ވެސް މެޓް ލިޕްސްޓިކްގެ ވައްތަރެއް ނެރެން މަޖުބޫރު ވެއްޖެ އެވެ. ޑިމާންޑް އެހާމެ ބޮޑު ވެއްޖެ އެވެ. ނަމަވެސް، މޭކަޕަކީ ފެޝަން އާއި ސްޓައިލް ފަދައިން އެމީހެއްގެ އަމިއްލަވަންތަ ސްޓައިލެއް ދައްކާލަން ބޭނުން ކުރެވޭނެ ވަސީލަތެކެވެ. މެޓް ލިޕްސްޓިކްގެ ބަދަލުގައި ލިޕް ގްލޮސްއެއް ޖައްސާލަައި ތަފާތުކޮށްލުމަކީ ނަލަ ގޮތެކެވެ.
މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް ސިގްމާ އުފެދުނީ 2009ގަ އެވެ. އަދި މިބްރޭންޑުގެ އެންމެ މަގުބޫލު އުފެއްދުމަކީ ސިގްމާ މޭކަޕް ފިހިތަކެވެ. ސިގްމާއިން މެޓް ލިޕްސްޓިކް ޓްރެންޑު ބަދަލު ކޮށްލައި ޔުނިކޯން އަދި ރެއިންބޯ ޓްރެންޑް ކަމުދާ މީހުންނަށް ހާއްސަ ލިޕް ގްލޮސްއެއް ވަނީ އުފައްދައިފަ އެވެ.
ސިގްމާ ލިޕް ސްވިޗް އަކީ ހޮލޮގްރެފިކް ލިޕް ގްލޮސް އެކެވެ. މި ލިޕް ގްލޮސް ކަލެކްޝަންގައި ފަސް ވައްތަރެއްގެ ތަފާތު ކުލަތައް ހިމެނެ އެވެ. ފެހި އަދި ލެވެންޑާ ކުލައިގެ ޑަބަލް ވެމީ، އޮރެންޖު ކުލައިގެ ފްލިޕް ފްލޮޕް، ފްރޮސްޓީ ފެހި ކުލައެއްގެ އަދަ ވޯލްޑްލީ، މަޑު ފިޔާތޮށި ކުލައެއްގެ ޕިންކް ލޮޓަސް އަދި އޯޕަލް ދަނބު ކުލައެއްގެ 'ޓްރާންސެންޓް' އެވެ. ސިގްމާގެ ލިޕް ގްލޮސް، ލިޕްސްޓިކް މަތިން ވެސް ޖައްސާލެެވޭނެ ނުވަތަ ލިޕް ގްލޮސް އެކަނިވެސް ޖައްސާލެވޭނެ އެވެ. ލިޕް ސްވިޗްގެ ގްލޮސް ތަތް ގަދަނުވެ، ތުނި ލޭޔަރަކުން އޭގެ ވިދާ ކުލަތައް ފެންނާނެ ކަމަށް އެ ބްރޭންޑުން ބުނެ އެވެ.
ސިގްމާގެ ލިޕް ގްލޮސް އަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ގިނަ ބިއުޓީ މަޖައްލާތަކުން ބުނެ އެވެ. ރެއިންބޯ، ޔުނިކޯން އަދި ގްލިޓާ އަކީ ފަހަކަށްއައިސް މަގުބޫލު ބިއުޓީ އިންސްޕިރޭޝަނަކަށް ވެއްޖެ އެވެ. އިސްތަށިގަނޑުގައި ވިއްސާރަ ދުނީގައި ހުންނަ ކުލަތަކުން ކުލަ ޖެއްސުމުގެ އިތުރުން، ލޮލާއި ތުންފަތުގައި ޑިސްކޯ ކުނޑި މޭކަޕް ޖެއްސުމަކީ ގިނަ ބަޔަކަށް ކަމުދާ ސްޓައިލެކެވެ. ވިދާ އަދި ރީތި ކުލައެއް ހުންނަ ހޮލޯގްރެފިކް ލިޕްގްލޮސް އެއް ތަފާތުވެފައި ގިނަ މުނާސަބަތުތަކާ ގުޅުވާލެވޭނެ އެވެ. ލިޕްސްވިޗް ކަލެކްޝަނުން ގްލޮސް ފުޅިއެއް ސިގްމާގެ ވެބްސައިޓުން ވިއްކަނީ 14 ޑޮލަރަށެވެ.