ކާޑުގެ އަގު ބޮޑުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: ކެނދިކުޅުދޫ ކައުންސިލް
ކާޑުގެ އަގު ބޮޑުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން: ކެނދިކުޅުދޫ ކައުންސިލް

ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދިން ސަބްސިޑީ ހުއްޓާލައި، ކާބޯތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނ. ކެނދޮކުޅުދޫ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.

އެރަށު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ކާޑުގެ ބާވަތްތައް އަގު ބޮޑުނުވާ ވަރަށް އަގު އުފުލުމުން ކަންބޮޑުވާ ކަމަށެވެ.

ކަރަންޓު ސަބްސިޑީ ކަނޑާލުމުންނާއި ކަރަންޓު ބިލަށް ފިއުލް ސާޗާޖް ނެގުމަކީ ނިކަމެތިންނަށް ލިބުނު އިތުރު ނިކަމެތި ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.

"މީގެ ކުރިން ޑިއުޓީ މާފްވެފައި ހުރި ގިނަ މުދާތަކުން ޑިއުޓީ ނެގުމާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކަރަންޓުގެ އަގަށް ގެނެވުނު ބަދަލާއި ވިޔަފާރިތައް އަލުން ރަޖިސްޓްރީ ކުރަން ޖެހުން ފަދަ ކަންކަމާއެކު ގެއްލުމުގެ އަގު ދައްކަން ޖެހެނީ ހަމަ ނިކަމެތި ރައްޔިތުންނެވެ،" ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ރައްޔިތުން ނިކަމެތިކޮށް ސަލާން ޖެހުމުގެ މަގަށް ގެންދިއުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު އިންތިހާ އަށް ކުށްވެރި ކުރާ ކަމަށެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުން އަގު ވަނީ ދެ ގުނަ ބޮޑުވެފަ އެވެ.

ކެނދިކުޅުދޫގައި ފުށް ކިލޯއެއްގެ އަގު ވަނީ 6.80ރ. އަށް އަރައިފަ އެވެ. ހަކުރު ކިލޯއެއް 8.84ރ. ގައި އުޅޭއިރު، ހަނޑޫ ކިލޯއެއް ވަނީ 8.80ރ. އަށް އަރައިފަ އެވެ. މީގެ ކުރިން އެ ރަށުގައި ހަނޑޫ އަދި ހަކުރު ކިލޯއެއް 5ރ. އަށް ވިއްކިއިރު، ފުށް ކިލޯއެއް ވިއްކީ 4ރ. އަށެވެ.

މާލޭގައި ހަނޑޫ ކިލޯއެއް ދެން ގަންނަން ލިބޭނީ 7.96ރ. އަށެވެ. މިހާތަނަށް ހަނޑޫ ކިލޯއެއް ވިއްކީ 3.98ރ. އަށެވެ. ހަކުރު ކިލޯއެއް އަށް ރުފިޔާ އަށް އަދި ފުށް ކިލޯއެއްގެ އަގު 5.96 އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއް މިހާތަނަށް ވިއްކީ 2.96ރ. އަށެވެ. ހަކުރު ކިލޯއެއް ވިއްކީ ހަތަރު ރުފިޔާ އަށެވެ.