އިންގްލެންޑަށް ލީޑަރުންގެ ޓީމެއް ބޭނުންވޭ: ކޯޗު
އިންގްލެންޑަށް ލީޑަރުންގެ ޓީމެއް ބޭނުންވޭ: ކޯޗު

ލަންޑަން (އޮކްޓޯބަރު 4) - އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަނެ ކުރިއަށް ދިއުމަށްޓަކައި ބައިވަރު ލީޑަރުން ބޭނުންވާ ކަމަށް އެ ޓީމުގެ އާ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލެންޑުގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު ސައުތުގޭޓާ، ވަގުތީ ގޮތުން ޓީމު ހަވާލުކުރީ ކުރީގެ ކޯޗު ސޭމް އެލަޑީސް ވަކިކުރުމަށް ފަހު އެވެ. މަގާމާ ހަވާލުވިތާ ތިން މަސް ދުވަހުގެ ތެރޭގައި އޭނާ ވަކިކުރީ ސިއްރު ނޫސްވެރިންތަކަކާ ދެއްކި ވާހަކައެއްގައި އެފްއޭ އާއި ކުރީގެ ކޯޗު ރޯއީ ހޮޖްސަން އަށް ފާޑުކިޔައި އަދި އެފްއޭގެ ގަވާއިދުތަކާ ހިލާފުވާން ހިތްވަރު ދީފައިވާތީ އެވެ.

ސައުތުގޭޓް ވަނީ ކެޕްޓަންކަމުގައި ވޭން ރޫނީ ދެމި ހުންނާނެ ކަމަށް ބުނެފަ އެވެ.

"ރޫނީ އަކީ މި ގްރޫޕުގެ ލީޑަރު. އެކަމަކު އެންމެ ލީޑަރެއް ހުރެގެން ނުފުދޭނެ. ލީޑަރުންގެ ޓީމެއް ބޭނުންވޭ. ވޯލްޑް ކަޕުގައި ވާދަކުރަން ރަޝިއާއަށް ދިއުމުގެ ކުރިން އެކަން ކުރަން ޖެހޭ، އެކަން ވާން ޖެހޭ،" ސައުތުގޭޓް ބުންޏެވެ.

ރޫނީ ގައުމީ ޓީމަށް ކުޅެން ފެށި އަހަރު، ގައުމީ ޓީމަށް ކުޅުން ހުއްޓާލި ސައުތުގޭޓް ބުނީ ކުޑަ ދުވަސްކޮޅަކަށް ވިޔަސް އިންގްލެންޑުގެ ކޯޗުކަން ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ފަހުރުވެރި މަގާމެއް. އަހަންނަކީ ވަރަށް ވަތަނީ އިނގިރޭސިއެއް. މި ޗެލެންޖާ ކުރިމަތިލަނީ އުފަލާ އެކު. ކިތަންމެ ކުޑަ ދުވަސްކޮޅަކަށް ވިޔަސް މިއީ ވަޒީފާ ލިބުމުން ހިތްހަމަޖެހޭ،" ސައުތުގޭޓް ބުންޏެވެ.

ސައުތުގޭޓުގެ ސްކޮޑުން އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ މާކަސް ރަޝްފޯޑާއި ޖެސޭ ލިންގާޑަށް ފުރުސަތު ދީފަ އެވެ. ކޯޗު ވަނީ ރަޝްފޯޑަށް ތައުރީފުކޮށްފަ އެވެ.

"މިދިޔަ މަހު ރަޝްފޯޑް ވަރަށް ތަފާތު ކުޅުމެއް ދެއްކި 20 އަހަރުން ދަށުގެ ޓީމުގައި. އޭނާގެ ފެންވަރު އެންމެންނަށް ވެސް އެނގޭނެ. އެކަމަކު އަހަރެން އެންމެ ހިތްހަމަޖެހުނީ އޭނާގެ ވިސްނުމާއި އޭނާގެ އަމަލުތަކާ މެދު،" ސައުތުގޭޓް ބުންޏެވެ.