ވަޒީފާ ގެއްލުމުގެ ބިރާ ހަކުރު ބައްޔާ ގުޅުމެއް އޮވެދާނެ
ވަޒީފާ ގެއްލުމުގެ ބިރާ ހަކުރު ބައްޔާ ގުޅުމެއް އޮވެދާނެ

އަދާކުރާ ވަޒީފާ ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އޮންނަ މީހުންގެ ކިބައިން ޓައިޕް 2 ޑައެބެޓީސްގެ އަލާމާތްތައް ފެނުން އިތުރު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާކުރުމަށް، ވަޒީފާގައި އުޅޭ އެމެރިކާ، ޔޫރަޕް އަދި އޮސްޓްރޭލިއާގެ 141،000 މީހެއްގެ މައުލޫމާތު އެއްކުރި އެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ އެވްރެޖް އުމުރަކީ 42 އަހަރެވެ.

ދިރާސާއިން ފާހަގަވި ގޮތުގައި، ވަޒީފާ ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ބުނި މީހުންގެ ކިބައިން ހަކުރު ބަލި ފެނުން، ވަޒީފާއާ މެދު ކަންބޮޑުވުމެއް ނެތް މީހުންނާ އަޅާބަލާއިރު 19 ޕަސެންޓް އިތުރެވެ. ނަމަވެސް މިގޮތަށް ދިމާވަނީ ކީއްވެގެން ކަމެއް ދިރާސާއަކުން ނޭނގެ އެވެ.

ކެނޭޑިއަން މެޑިކަލް އެސޯސިއޭޝަން ޖާނަލްގައި މި މަހުގެ ތިން ވަނަ ދުވަހު ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ އާ ދިރާސާގެ ނަތީޖާ، މީގެ ކުރީގެ އެހެން ދިރާސާތަކާ ދިމާވާ ކަމަށެވެ.

"ވަޒީފާގެ ޔަގީންކަން ގެއްލުމުން މީހުންގެ ބަރުދަން އިތުރުވެ ހަކުރު ބައްޔަށް މަގު ފަހިވެދާނެ ކަމުގެ ހެކި މީގެ ކުރީގެ ބައެއް ދިރާސާތަކުން ވެސް ލިބިފައި ވާއިރު އާ ދިރާސާ ވެސް ކުރީގެ ދިރާސާތަކަށް ބާރު ދޭ،" ދިރާސާގައި އިސްކޮށް ހުންނެވި ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ޖޭން ފެރީ ވިދާޅުވެފައިވެ އެވެ.

ވަޒީފާ ގެއްލުމުގެ ބިރު އޮންނަ މީހުންނަށް ހަކުރު ބަލީގެ އިތުރުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ވެސް އިތުރުވެގެންދާ ކަމަށް މި ދިރާސާއިން އެނގިފައިވާ ކަމަށް ފެރީ ވިދާޅުވި އެވެ.

ދިރާސާ ޓީމުން ބުނީ އާންމު ސިއްހަތަށްޓަކައި މިއީ މުހިންމު ދިރާސާއެއް ކަމަށާއި ހަކުރު ބައްޔަކީ ސަމާލުވާންޖެހޭ، ދިގު މުއްދަތަކަށް ފަރުވާކުރަން ޖެހޭ ބައްޔެއް ކަމަށެވެ. އަދި ވަޒީފާއާ މެދު މަސައްކަތްތެރިންނަށް އޮންނަ ޔަގީންކަން އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.