ފީފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީއަކަށް ބޮބާން
ފީފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީއަކަށް ބޮބާން

ޒިއުރިކް (މޭ 31) - ފީފާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކްރޮއޭޝިއާ އާއި އޭސީ މިލާނުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ވޮނިމިރް ބޮބާން އައްޔަންކޮށްފި އެވެ.

މި މަގާމާ އެކު ބޮބާންގެ ޒިންމާއަކަށް ވަނީ ފީފާ އިން ކުރާ ފުޓްބޯޅައާ ސީދާ ގުޅުން ހުރި ކަންކަން ހިންގުމެވެ. ފީފާއަށް ގެނައި އާ ބަދަލުތަކާ އެކު ފުޓްބޯޅައާ ސީދާ ގުޅުން ހުރި ކަންކަމާއި ވިޔަފާރީ އަދި އިދާރީ މަސައްކަތްތައް ކުރާނީ ވަކިންނެވެ. އެ ބައި ބަލަހައްޓާނީ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ދެން ހަމަޖެއްސި ކުރީގެ ލީގަލް ޑިރެކްޓަރު މާކޯ ވިލިގާ އެވެ.

ފީފާގެ ޖެނެރަލް ސެކްރެޓަރީއަކަށް ހަމަޖައްސާފައިވަނީ ޔުނައިޓެޑް ނޭޝަންސްގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ފާތިމާ ސަމޫރާ އެވެ.

ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އިންތިހާބުވި ފަހުން އެ އިދާރާ އަށް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ.

ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީއަކަށް ހަމަޖެއްސި ބޮބާން ވަނީ ކްރޮއޭޝިއާ ގައުމީ ޓީމުގެ ކެޕްޓަންކަންކޮށް 51 މެޗުން 12 ގޯލް ޖަހައިދީފަ އެވެ. ކްރޮއޭޝިއާގެ ޑައިނަމޯ ޒެގްރެބް އިން ވިދާލި ކުޅުންތެރިޔާ ވަނީ މިލާނަށް ކުޅެ އިޓާލިއަން ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.