08 އޮކްޓޯބަރ 2016 - 06:25

ޑާކް ރެއިން އެންޓަޓައިންމަންޓުން މިހާރު އަންނަނީ "މިއީ ލޯތްބަކީ" ގެ ނަމުގައި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މިއީ މި އަހަރު އެ ސްޓޫޑިއޯއިން ގެނެސް ދިން "ވާށޭ މަށާއެކީ" އަށް ފަހު އަނެއްކާ ވެސް ބެލުންތެރިންނަށް ގެނެސްދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.

"މިއީ ލޯތްބަކީ" ފެންވަރު ވާނީ އަންނަ އަހަރު އެވެ. މި ފިލްމުން އަނެއްކާ ވެސް ފިލްމީ ދާއިރާ އަށް އާ އެކްޓަރުންތަކެއް ތައާރަފުވެގެން ދާނެ އެވެ. ފިލްމާ ދޭތެރޭ ކުރެވޭ އުންމީދުތައް ވަރަށް ވެސް ބޮޑެވެ.

މީގެ ކާސްޓުން ޑާކް ރެއިނުން މިހާރު މި ވަނީ ބެލުންތެރިންނަށް ތައާރަފުކޮށް ދީފަ އެވެ. ކާސްޓުންނަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.

"މިއީ ލޯތްބަކީ"ގެ ލީޑް އެކްޓަރަކީ އަނެއްކާ ވެސް ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. މިއީ ޑާކް ރެއިނަށް އޭނާ ކުޅޭ ތިން ވަނަ ފިލްމެވެ. "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ވާށޭ މަށާއެކީ" އިން ބެލުންތެރިންނަށް ޖާދޫ ދެއްކުމަށް ފަހު "މިއީ ލޯތްބަކީ" އިން އަނެއްކާ ވެސް ޖުމަލް ފެނިގެން ދާނެ އެވެ. އޭނާއަކީ އެހެން ގޮތަކަށް ބުނާ ނަމަ ޑާކްރެއިންގެ ފެވަރިޓެވެ. މި ފަހަރު ޖުމަލް ފެނިގެން ދާނީ އިޝާންގެ ރޯލުންނެވެ.
އައްޒައަކީ މި ފިލްމުގެ ލީޑް ބަތަލާ އެވެ. އޭނާގެ ކެރެކްޓާގެ ނަމަލީ ލަމް އެވެ. މިއީ ޑާކް ރެއިންގެ ފިލްމަކުން އައްޒަ ފެނިގެންދާ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް "މިއީ ލޯތްބަކީ" ވެގެން ދާނީ އައްޒަ އާއި ޖުމަލް އެކުގައި ކުޅޭ ދެވަނަ ފިލްމަށެވެ.
މި މަހުގެ 18 ގައި ރިލީޒް ކުރާ ފާތުމަތު ނަހުލާގެ ބިރުވެރި ފިލްމް 4426 (ފޯފޫޓޫސިކްސް) އިން ޖުމަލް އާއި އައްޒަގެ ގުޅުން ފެނިގެން ދާނެ އެވެ.
ޖުމަލް ނަގާފައި ދެން ޑާކް ރެއިންގެ އެންމެ އާންމު އެއް އެކްޓަރަކީ މުހައްމަދު ފައިސަލެވެ. "ވާށޭ މަށާއެކީ" ގައި އޭނާ ކުޅުނު ތޯބެގެ ކެރެކްޓާއަކީ ފިލްމުގެ އެންމެ މަޖާ އެއް ރޯލެވެ. "މިއީ ލޯތްބަކީ" އިން ފައިސަލް ފެނިގެން ދާނީ އިމްރާންގެ ގޮތުގަ އެވެ.
ނޫރާއަކީ ޝަޒޫ އެވެ. "ވާށޭ މަށާއެކީ" އަށް ފަހު "މިއީ ލޯތްބަކީ" އަކީ ޑާކް ރެއިން އާ އެކު ނޫރާ މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.
މީގެ އިތުރުން "ވާށޭ މަށާއެކީ" ގައި ބައިވެރިވި ބިދޭސީ ބަތަލާ މާރިޔާ ތެރެސާއަކީ މި ފަހަރު ޑރ. ތެރެސާ އެވެ. އަދި ހަމަ އެ ފިލްމުގައި ޑޮކްޓަރެއްގެ ރޯލް ކުޅުނު އައިޝަތު ގުލްފާ (އައިޝާ) އަކީ "މިއީ ލޯތްބަކީ" ގައި ޑރ. އައިޝާ އެވެ.
އަހުމަދު ސުނީއަކީ މުމްތާޒް ޝާކިރެވެ. މިއީ "ވާށޭ މަށާއެކީ" ގައި މާ މަޖާ ޑޮކްޓަރެއްގެ ރޯލުން ފެނިގެން ދިޔަ އެކްޓަރެވެ.
މި ފަހަރު ވެސް އޭނާގެ ތަފާތު މަޖާ ރޯލެއް "ވާށޭ މަށާއެކީ" އިން ފެނިގެން ދާނެ އެވެ. މީގެ އިިރުތުން "ވާށޭ މަށާއެކީ" އިން ފިލްމީ ދާއިރާ އަށް ތައާރަފުވެގެން ދިޔަ ލަވަ ކިޔުންތެރިޔާ އަބްދުﷲ ޝާފިއު (ފުބޫ) "މިއީ ލޯތްބަކީ" އިން ފެނިގެން ދާނެ އެވެ.
އެކަމަކު މި ފަހަރު އޭނާ ފެންނަނީ ފުބޫގެ ގޮތުގައެއް ނޫނެވެ. މި ފަހަރު އޭނާއަކީ ސިދް އެވެ.
ޑާކް ރެއިންގެ އަނެއް އާންމު ދެ މޫނު ކަމަށްވާ އާދަމް ރިޒްވީ (ރެކްސް) އާއި އަލީ ޝަޒްލީމް ވެސް "މިއީ ލޯތްބަކީ" އިން ފެންނާނެ އެވެ. ރެކްސްއަކީ މި ފަހަރު އިބްރާހީމް ޝާކިރެވެ. ޝަޒްލީމަކީ ހަސީން ޝާކިރެވެ.
މި ފިލްމުން އަލަށް ތައާރަފުވާ އެކްޓަރަކީ "މޯލްޑިވިން އައިޑޮލް" އިން ވިދާލި އިބްހީމް އަމާން އެވެ. "މިއީ ލޯތްބަކީ" ގައި އަމާންގެ ކެރެކްޓާއަކީ ގޯގޯ އެވެ.
މި ފިލްމުން ތައާރަފުވާ އާ ތަރިންގެ ތެރޭގައި ތިން ބަތަލާއަކު ހިމެނެ އެވެ. އެއީ ލިއުގެ ރޯލް ކުޅޭ ސާޔާ އާއި ނަޝްގެ ރޯލުން ފެނިގެންދާ ސަމާގެ އިތުރުން އަސްމާގެ ރޯލުން ފެނިގެންދާ ސާޖީ އެވެ.
މޯލްޑިވިއަން އައިޑޮލް އިން ތައާރަފްވި ނައްބަތު ޝަކީބް (ނަބޫ) ފިލްމީ ދާއިރާ އަށް ތައާރަފް ވާން އޮތީ މި ފިލްމުންނެވެ. ނަމަވެސް މިހާރު އޭނާ ވަނީ ފިލްމު ކުޅުމުގެ ޚިޔާލު ދޫކޮށްލައިފަ އެވެ. އޭނާ ބުނީ ފިލްމު ނުކުޅެން ނިންމީ "ޕާސަނަލް ކަންތައްތަކަކާ ހެދި" ކަމަށެވެ. އިތުރު ތަފްސީލެއް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.