07 އޮކްޓޯބަރ 2016 - 16:27

ޕޯޓް-އައު-ޕްރިންސް (އޮކްޓޯބަރު 7) - ހެއިޓީ އަށް އެރި ބާރުގަދަ ތޫފާނެއްގައި 300 އަށް ވުރެ ގިނަ މީހުން މަރުވެ ބައެއް ސިޓީތައް އެކުގައި ބިމާ ހަމަކޮށްލައިފި އެވެ.

ހެއިޓީގެ ސިޓީއެއް ކަމަށްވާ ޖެރެމީގެ 80 ޕަސެންޓް އިމާރާތް ވަނީ އެކުގައި ބިމާ ހަމަވެފަ އެވެ. ސުދް ޕްރޮވިންސް އިން ވަނީ 30،000 ގެ ހަލާކުވެފަ އެވެ. ކެޓަރީ ތިނެއްގެ ބާރު މިން ހުރި ތޫފާން މެތިއުގައި ވައިޖެހެމުން ދިޔައީ ގަޑިއަކު 193 ކިލޯ މީޓަރުގެ ބާރު މިނުގަ އެވެ. މި ތޫފާނުގެ މިސްރާބު މިހާރު ހުރީ އެމެރިކާގެ ފްލޮރިޑާއަށެވެ.
ހެއިޓީ އަށް ތޫފާން އެރި ހިސާބުތަކުން މުވާސަލާތީ ގުޅުން ކެނޑި އަދި ކަަރަންޓުގެ ޚިދުމަތް ވެސް ވަނީ ކެނޑިފަ އެވެ. ބައެއް މީހުންނަށް ކާބޯތަކެތީގެ ދަތިކަން ފޯރާފައިވާ ކަމަށް ވެސް އަމިއްލަ ޖަމިއްޔާތަކުން ވަނީ ބުނެފަ އެވެ.
ރެޑްކްރޮސް އިން ވަނީ ހެއިޓީ އަށް ކުއްލި އެހީގެ ގޮތުގައި 6.9 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބުނެފަ އެވެ. އެމެރިކާ އިން ވަނީ ހާލުގައި ޖެހުނު މީހުންނަށް ފެނާއި ކާބޯތަކެތި ހެލިކޮޕްޓަރުގައި ފޮނުވައިދީފަ އެވެ.
ތޫފާން މެތިއު ބަހާމާސް އަށް އަރާ ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް އެ ގައުމުން އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.