08 އޮކްޓޯބަރ 2016 - 05:31

ރާއްޖޭގެ 200 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހަދާފައިވާ ދެ ދުވުންތެރިން ކަމަށްވާ ހަސަން ސާއިދާއި އަފާ އިސްމާއިލް، ގައުމީ އެތުލެޓިކްސް މުބާރާތުގެ އެ އިވެންޓުން އެއް ވަނަ ހޯދައިފި އެވެ.

ސާއިދު 200 މީޓަރުގެ ރޭސް ކާމިޔާބުކުރީ މުބާރާތުގެ ސްޕްރިންޓް އިވެންޓްތަކުގައި އޭނާއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ތިނަދޫ ޒުވާނުންގެ ކްލަބުގެ ސަރީސް އަހުމަދުގެ މައްޗަށް ފަސޭހަކަމާ އެކު ކުރި ހޯދުމަށް ފަހު އެވެ. ސާއިދު 22:45 ސިކުންތުން ދުވިއިރު، ސަރީސް ރޭސް ނިންމީ 23:36 ސިކުންތުންނެވެ. ތިން ވަނަ އަކީ، 23:39 ސިކުންތުން ދުވި ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން އިނާޝް އެވެ. ރާއްޖޭގެ ކުރީގެ އެންމެ ބާރު ދުވުންތެރިޔާ ތިނަދޫގެ އަޒްނީމް އަހުމަދު ހަތަރު ވަނަ އަށް ދިޔައިރު އޭނާގެ ޓައިމިން އަކީ 23:40 ސިކުންތެވެ.

ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ އަފާ އެއް ވަނަ ހޯދީ 26:86 ސިކުންތުން ދުވެގެންނެވެ. އަފާއާ ވާދަކޮށް 100 މީޓަރު ރޭސް ކާމިޔާބުކުރި ކަސްޓަމްސްގެ ނަޝާ ނިޒާރު 200 މީޓަރު ރޭހުން ދިޔައީ ދެ ވަނަ އަށެވެ. އޭނާ ރޭސް ނިންމީ 27:02 ސިކުންތުންނެވެ. ތިން ވަނަ އަށް ދިޔައީ 27:76 ސިކުންތުން ދުވި ޒިފިއަސް ސްޕޯޓްސް ކްލަބުގެ މިރުފަތު އަހުމަދެވެ.

މުބާރާތުގެ 5000 މީޓަރު ދުވުމުން، ރާއްޖޭގެ އެންމެ ކާމިޔާބު ލޯންގް ޑިސްޓެންސް ދެ ދުވުންތެރިން ކަމަށްވާ ސިފައިންގެ ކްލަބުގެ ޝިފާޒް މުހައްމަދާއި އަހުމަދު ރިޒާ ފަހަަތަށް ޖައްސާލުމަށް ފަހު ދެ ވަނަ ހޯދީ ތިނަދޫ ޒުވާނުންގެ ކްލަބުގެ ޒައިދު ޝަރީފް ވަނީ އެ ދެ ދުވުންތެރިންގެ މައްޗަށް ކުރި ހޯދައި 10،000 މީޓަރު ރޭސް ކާމިޔާބުކޮށްފަ އެވެ. ޒައިދު 38 މިނެޓު 07:48 ސިކުންތުން ރޭސް ނިންމައި އެއް ވަނަ ހޯދިއިރު ދެ ވަނަ އަށް ދިޔައީ ސިކުންތުކޮޅެއްގެ ތަފާތުން 38 މިނެޓު 18:10 ސިކުންތުން ރޭސް ނިންމި ޝިފާޒެވެ. ރިޒާ ތިން ވަނަ އަށް ދިޔައިރު ރޭސް ނިންމާފާއިވަނީ 38 މިނެޓު 34:01 ސިކުންތުންނެވެ.

މުބާރާތުގެ 800 މީޓަރު ރޭސް ކާމިޔާބުކުރީ 5000 މީޓަރު ދުވުން ކާމިޔާބުކުރި ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫނާއި ރަނާސް މޯލްޑިވްސްގެ މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ. ޓްރެކް ވަށައި ދެ ބުރު ޖަހަން ޖެހޭ 800 މީޓަރުގެ ރޭހުން ފަޒީލް ކުރި ހޯދީ 2 މިނެޓު 02:73 ސިކުންތުންނެވެ. މިދިޔަ މަހު އޮތް ރެޑްބުލް ކެޗް ދަ ފެރީ ރޭސް ވެސް ކާމިޔާބުކުރި ފަޒީލް ވަނީ މުބާރާތުގެ ހަތަރެއް ގުނަ 400 މީޓަރު ރިލޭ އިން، އެއް ވަނަ ހޯދި ސިފައިންގެ ޓީމުގައި ދުވެފަ އެވެ.
ތިނަދޫ ޒުވާނުންގެ ކްލަބުގެ އަހުމަދު ހަސަން، 2 މިނެޓު 03:62 ސިކުންތާ އެކު ދެ ވަނަ އަށް ދިޔައިރު ތިން ވަނަ އަކީ ރަނާސް މޯލްޑިވްސްގެ ހަސަން ފައިހަތު ގުދުރަތުﷲ އެވެ. އޭނާގެ ޓައިމިން އަކީ 2 މިނެޓު 09:96 ސިކުންތެވެ.
ގައުމީ ސްކޮޑުގައި ހިމެނޭ އައިމިނަތު ނަޒްރާއާ ވާދަކޮށް މަރީ 800 މީޓަރުގެ ދުވުމުން އެއް ވަނަ ހޯދީ 2 މިނެޓު 45:49 ސިކުންތުން ދުވެގެންނެވެ. ކަސްޓަމްސް ތަމްސީލްކުރި ނަޒްރާ 2 މިނެޓު 50:17 ސިކުންތުން ދުވެގެން ދެ ވަނަ އަށް ދިޔައިރު ތިން ވަނަ އަކީ 2 މިނެޓު 53:68 ސިކުންތުން ރޭސް ނިންމި ފުވައްމުލަކު އަތޮޅު ކައުންސިލް އިދާރާގެ މަރިޔަމް މުނާ އެވެ.
ޝޮޓްޕުޓް އަދި ޖެވެއިލިން އުކުމުން އެއް ވަނަ ހޯދާފައިވާ ދިވެހި ސިފައިންގެ ކްލަބުގެ ހަސަން ޝައްމޫން ވަނީ ޑިސްކަން އުކުމުން ވެސް އެއް ވަނަ ހޯދައިފަ އެވެ. ދެން ވާދަކުރީ ވެސް ސިފައިންގެ ކްލަބުގެ ދެ އެތުލީޓުންނެވެ. އެއީ ދެ ވަނަ ހޯދި މޫސާ ފަޒްލީނާއި ތިން ވަނަ އަށް ދިޔަ މޫސާ ޖައުހަރީ އެވެ.
އަންހެނުންގެ ޝޮޓްޕުޓް އުކުމުން އެއް ވަނަ ހޯދީ އަންހެނުންގެ ޑިސްކަސް އުކުމުގެ އިވެންޓް ވެސް ކާމިޔާބުކުރި ސިފައިންގެ ކްލަބުގެ ޝިފްލާ އަބްދުއްލަތީފެވެ. ރަނާސް މޯލްޑިވްސްގެ ލާރާ މުރިއެލް ޑީކްމަން ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ މޭޑް ރަނާސްގެ މަރިޔަމް ބަލްގީސް އެވެ.
އަންހެނުންގެ ޖެވެއިލިން އުކުމުގެ އިވެންޓުގައި ވާދަކޮށް ރާއްޖޭގެ އެންމެ މޮޅު އެއް ބާސްކެޓްބޯޅަ އަދި ނެޓްބޯޅަ ކުޅުންތެރިޔާ ކަސްޓަމްސްގެ އައިމިނަތު ޝިއުރާ ވަނީ އެއް ވަނަ ހޯދައިފަ އެވެ. ރަނާސް މޯލްޑިވްސްގެ ލާރާ ދެ ވަނަ އަށް ދިޔައިރު ތިން ވަނަ އަކީ އުއްމީދީ ބެޑްމިންޓަން ކުޅުންތެރިޔާ މައިސާ ފަތުހުﷲ އިސްމާއިލެވެ
1 - ޒުލޭޚާ އިބްރާހިމް (ރަނާސް މޯލްޑިވްސް) 15 މިނެޓު 33:72 ސިކުންތު
2 - ހުސްނާ މުހައްމަދު (ކަސްޓަމްސް) 15 މިނެޓު 42:15 ސިކުންތު
3 - ޒާރިފާ އަހުމަދު (މޭޑް ރަނާސް) 16 މިނެޓު 24:78 ސިކުންތު
1 - އަހުމަދު ނިޒާމް (ދިވެހި ސިފައިންގެ ކްލަބް) 20 މިނެޓު 02:85 ސިކުންތު
2 - އިބްރާހިމް ޒަމީރު (މޭޑް ރަނާސް) 20 މިނެޓު 41:63 ސިކުންތު
3 - އިބްރާހިމް ނައީމް (މޭޑް ރަނާސް) 21 މިނެޓު 20:82 ސިކުންތު
މުބާރާތުގައި ހިމެނޭ އަންހެނުންގެ ވެޓްރަންސް ޝޮޓްޕުޓް އުކުމުން އެއް ވަނަ ހޯދީ ކަސްޓަމްސް ތަމްސީލް ކުރި، މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ހުސްނާ އެވެ. ކްލަބް ކާމް ސްޕޯޓްސްގެ ފާތިމަތު ރިޔާސާ ދެ ވަނަ އަށް ދިޔައިރު ތިން ވަނަ އަކީ އެ ކްލަބުގެ މަރިޔަމް ނަޒްރާނާ އެވެ.