10 އޮކްޓޯބަރ 2016 - 06:12

ސުޕަހީރޯ ފިލްމުތަކުގެ މަގުބޫލުކަން ދުނިޔޭގައި ވަރަށް ބޮޑުވަމުން އަންނަ މި ދުވަސްވަރު ޑައިރެކްޓަރު އަޔާން މުކްރުޖީ ވެސް މިފަދަ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.
"ވޭކް އަޕް ސިދް" އާއި "ޔޭ ޖަވާނީ ހޭ ދީވާނީ" އަށްފަހު އަޔާން އާއި އޭނާގެ އެކުވެރިޔާ އަދި ފިލްމީ ތަރި ރަންބީރު ކަޕޫރު މިފަހަރު އުފައްދަނީ "ޑްރޭގަން" އެވެ. ފިލްމުގައި ރަންބީރަކީ ސުޕަހީރޯ އެކެވެ. ހަމަ އެގޮތަށް މި ފިލްމުގެ ބަތަލާ އާލިއާ ބަޓް އަކީ ވެސް ސުޕަހީރޯ އެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަމީތާބް ބައްޗަން ވެސް މި ފިލްމުގައި މުހިއްމު ރޯލެއް ކުޅެން ވަނީ ހަމަޖެހިފަ އެވެ.
މި ފިލްމުގައި ރަންބީރުގެ ކެރެކްޓާއަށް އަތުން އަލިފާން ބޯޅާ ދޫކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށްވެ އެވެ. އަދި އާލިއާގެ ކެރެކްޓާގެ ވެސް ކޮންމެވެސް މިކަހަލަ ޚާއްސަ ސިފައެއް ހުންނާނެ އެވެ.
ފިލްމުގެ ނަމަކަށް މިވަގުތު "ޑްރެގަން" ކީ ނަމަވެސް ފިލްމުގެ ނަން ބަދަލުވާނެކަމަށް ވެސް ބައެއް ނޫސްތަކުން ބުނެފައިވެ އެވެ.
އަޔާން އަދި މިވަގުތު ކުރަމުން ދަނީ މި ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކަމަށް ވާތީ ލަފާ ކުރެވެނީ ފިލްމު ފަށާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ.