އެކުޅިވަރު ތަރައްގީކުރަން އެސްޓީއޯއަށް ސަރުކާރުން ހަވާލުކުރަނީ
އެކުޅިވަރު ތަރައްގީކުރަން އެސްޓީއޯއަށް ސަރުކާރުން ހަވާލުކުރަނީ

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދިން ނ. އެކުޅިވަރު ތަރައްގީނުކުރެވި ލަސްވުމުން އެއްބަސްވުން ބާތިލުކޮށް، އެ ރަށް އަލުން ތަރައްގީކުރަން އެސްޓީއޯއާ ހަވާލުކުރަން ސަރުކާރުން ނިންމައިފި އެވެ.

އެކުޅިވަރު ތަރައްގީކުރަން އެސްޓީއޯއާ ހަވާލުކުރަން ނިންމީ އެ ރަށް ތަރައްގީކުރުމަށް އެމްޓީޑީސީއާއާއެކު ހަދާފައިވާ ކުލީގެ އެއްބަސްވުން މިމަހުގެ މެދުތެރޭގައި ޓޫރިޒަމް މިނިސްޓްރީން އުވާލުމަށްފަހު އެވެ.

އެސްޓީއޯގެ ޗެއާމަން އަދި އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރު އަހުމަދު ނިޔާޒު "މިހާރު" އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެ ރަށް ތަރައްގީކުރަން ކުލީގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސަރުކާރާއެކު ސޮއިކުރައްވާނެ ކަމަށެވެ. ނަމަވެސް ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އެމްޓީޑީސީން ވަނީ އެ ރަށުގައި 180 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ރިޒްކާލްޓަންއާއެކު ޖޮއިންޓްވެންޗާ ކުންފުންޏެއް ހަދާފައިވެ އެވެ. އީއެންއޭ ހޮލްޑިން ކޮމްޕެނީގެ ނަމުގައި އުފައްދާފައިވާ ޖޮއިންޓްވެންޗާ އެގްރިމަންޓްގައި ސޮއިކުރީ މާޗް31، 2008، ގަ އެވެ. އަދި އެ ކުންފުންޏާއެކު އެމްޓީޑީސީން ސަބްލީސް އެގްރިމަންޓްގައި ސޮއިކުރީ ޖުލައި 1، 2008، ގަ އެވެ.