ކޮވިޑް-19: "މިއީ އެމެރިކާ މީހުންގެ ސެޕްޓެމްބަރު 11 ގެ ހާލަތަށް ވެދާނެ"
ކޮވިޑް-19: "މިއީ އެމެރިކާ މީހުންގެ ސެޕްޓެމްބަރު 11 ގެ ހާލަތަށް ވެދާނެ"

ވޮޝިންޓަން (އެޕްރީލް 6) - ކުރިއަށް އޮތް ހަފުތާގައި، ކޮރޯނާވައިރަހުގައި އެމެރިކާ އިން މަރުވާ މީހުންގެ އަދަދު އިތުރުވެ، ފަހަރެއްގައި އެއީ އެމެރިކާ މީހުންގެ ޕާލް ހާބަ ނުވަތަ ސެޕްޓެމްބަރު 11 ގެ ހާލަތަށް ވެދާނެ ކަމަށް ޔޫއެސް ސާޖަން ޖެނެރަލް ޖެރޯމް އެޑަމްސް އިންޒާރު ދެއްވައިފި އެވެ.

އެމެރިކާގެ ޕަބްލިކް ހެލްތު ސާވިސްގެ އިސްވެރިޔާ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ މި ހަފުތާގައި، ކޮވިޑް-19 ގައި އެމެެރިކާ އިން ގިނަ ބަޔަކު މަރުވެދާނެ ކަމަށް ލަފާކޮށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މިއީ އެމެރިކާ އަށް އެންމެ ނުރައްކާ ހަފުތާ ކަމަށް ވިދާޅުވެފަ އެވެ.

"މިއީ އެމެރިކާ އަށް އެންމެ ހިތާމަވެރި އަދި އެންމެ އުނދަގޫ ހަފުތާ އަށް ވާނެ. އެމެރިކާ އިން ގިނަ ބަޔަކު ނެތިގެން ހިނގައިދާނެ،" ފޮކްސް ނިއުސް އަށް އެޑަމްސް ވިދާޅުވި އެވެ.

މީގެ 78 އަހަރު ކުރިން، ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޕާލް ހާބަރަށް ޖަޕާނުން ދިން ހަމަލާގައި 2،335 މީހުން މަރުވެ 1،143 މީހުން ޒަޚަމްވި އެވެ. ސެޕްޓެމްބަރު 11، 2001 ގައި އަލްގައިދާ އިން އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާގައި 2،996 މީހުން މަރުވި އެވެ.

އެޑަމްސް ވިދާޅުވީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި ލޮކްޑައުން ހާލަތު ގެނެސްފައިވީ ނަމަވެސް ނުވަ ސްޓޭޓެއްގައި އެފަދަ އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. އެއީ އެމެރިކާގައި އެންމެ ބޮޑަށް ކާބޯތަކެތި ސަޕްލައި ކުރާ ސްޓޭޓްތަކެވެ.

އެޑަމްސް ވަނީ ކުރިއަށް އޮތް 7-10 ދުވަހު އެމެރިކާގެ ހުރިހާ ސްޓޭޓަކުން ވެސް އެންމެން ގޭގައި ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ފަރުދީ ޒިންމާ އަދާކޮށްފިއްޔާ އުއްމީދުގެ ހުޅުކޮޅު ދިއްލޭނެ،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި މިހާތަނަށް ވަނީ 336.851 މީހުން ޕޮޒިޓިވްވެ 9،620 މީހުން މަރުވެފަ އެވެ.