ހުޅުމާލެ ފްލެޓްތަކުގެ ހުސް ބިމުގައި ނުގަވައިދުން ހަދާފައި ހުރި ތަންތަން ރޫޅާލަން ދެ މަސް ދީފި
ހުޅުމާލެ ފްލެޓްތަކުގެ ހުސް ބިމުގައި ނުގަވައިދުން ހަދާފައި ހުރި ތަންތަން ރޫޅާލަން ދެ މަސް ދީފި

ހުޅުމާލެ ފްލެޓްތައް ކައިރީގައި އޮންނަ ހުސް ބިންތައް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރާތީ އެ ތަންތަން ރޫޅާލަން ދެ މަސް ދުވަހުގެ މުއްދަތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ދީފި އެވެ.

އެޗްޑީސީގެ ބަޔާނެއްގައި ބުނީ ފްލެޓްތަކުގެ ގްރައުންޑް ފްލޯގައި ދިރިއުޅޭ މީހުންނަށް ދޫކޮށްފައި އޮންނަ ހުސް ބިމުގައި ގަވާއިދާ ހިލާފަށް ރާނައި، ހިޔާކޮށް އިތުރު ބައިތަކެއް ހަދައި، އިމާރާތަށް ގެއްލުންވާ ގޮތަށް ގަސްތައް އިންދާތީ އެކަންކަން އިސްލާހު ކުރަން އެންގުމުން ވެސް އެކަން ރަނގަޅުކޮށްފައި ނުވާ ކަމަށެވެ

އިމާރާތާ އިންވެގެން އޮންނަ އާންމު ސަރަހައްދު ގަވާއިދާ ހިލާފަށް ބޭނުން ކުރާނަމަ، ބޮޑެތި ގަސްތަކުގެ މުލުގެ ސަބަބުން އިމާރާތްތަކުގެ އޮނިގަނޑެއް ލިބިދާނެ ކަމަށާއި އިމާރާތުގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ، މީހުން ސަލާމަތް ކުރުމަށް ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ހުޅުމާލެ ފްލެޓްތަކުގެ ކައިރީގައި އޮންނަ ހުސް ބިންތަކަކީ ހުރިހާ އެންމެންގެ މަސްލަހަތު ހިމެނޭ ސަރަހައްދެކެވެ. އެހެންކަމުން އިމާރާތުގެ ތިރީގައި އިންވެގެން އޮންނަ އާންމު ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަދާފައި ހުރި ތަންތަނާއި އިމާރާތަށް ގެއްލުން ލިބޭ ގޮތަށް އިންދާފައި ހުރި ގަސްތައް 60 ދުވަސްތެރޭ ނެގުމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ.

މި މުއްދަތުގެ ތެރޭގައި ގަވާއިދާ ހިލާފަށް ހަދާފައި ހުރި ތަންތަން ސާފުނުކޮށްފި ނަމަ، އެޗްޑީސީން އެ ތަންތަން ނަގައި ސާފު ކުރާނެ ކަމަށާއި މިކަމުގެ ފަރާތުން އެއްވެސް މީހަކަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް އެޗްޑީސީން ނެރުނު ބަޔާނުގައި ބުންޏެވެ.

"މިކަމަކީ އެއްމެދު އިމާރާތުގައި ދިރިއުޅޭ އެންމެންގެ މަންފާ އަށް ކުރެވޭ ކަމަކަށް ވާތީ މިކަމުގައި ހުރިހާ އެންމެންގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

ފްލެޓްތަކުގެ ގްރައުންޑް ފްލޯގައި ދިރިއުޅޭ މީހުންނަށް ދޫކޮށްފައި އޮންނަ ހުސް ބިމުގައި ކޮޓަރި ހަދައިގެން ކުއްޔަށް ދޫކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އެ ހުސް ބިންތަކަކީ އެގޮތަށް ބޭނުންކުރަން ދޫކޮށްފައި ހުންނަ ތަންތަން ނޫން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.