ސަޕޯޓަރުން ނެތި ލީގު ފަށަން ބޭނުމެއް ނޫން: ސަމްޕްޑޯރިއާ
ސަޕޯޓަރުން ނެތި ލީގު ފަށަން ބޭނުމެއް ނޫން: ސަމްޕްޑޯރިއާ

ޖެނޯއާ (އޭޕްރިލް 9) – ސަޕޯޓަރުން ނެތި ލީގު ފެށުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ އިޓާލިއަން ލީގު މިހިސާބުން ހުއްޓާލަން ސަމްޕްޑޯރިއާގެ ރައީސް މަސިމޯ ފެރޭރޯ ގޮވާލައްވައިފި އެވެ.

ބެލެވޭ ގޮތުގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލްވެ ލީގު އެންމެ އަވަހަށް ފެށުނަސް ފެށޭނީ އަންނަ މަހުގެ ފަހުކޮޅެވެ. ނަމަވެސް ލީގު އަލުން ފަށައިގެން ފުރަތަމަ ކުރިއަށްގެންދާނީ ސަޕޯޓަރުން ނުވައްދަ އެވެ. ފަހަރުގައި ސަޕޯޓަރުން ނުވައްދާ އެއްކޮށް ކުޅުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ފެރޭރޯ ވިދާޅުވީ ލީގު ނިންމާލަން އޭނާ ބުނަނީ ބަރު ހިތަކާ އެކު ކަމަށާއި އޭނާ ވެސް ހަގީގަތުގައި ބޭނުންވަނީ ލީގު އަލުން ފަށަން ކަމަށެވެ. އެކަމަކު އެކަން ކުރަން ބޭނުންވަނީ ސަޕޯޓަރުން ދަނޑުން ފެންނަ ދުވަހަކުން ކަމަށް ވިދާޅުވި އެވެ.

"އަހަރެން ދުށިން ސަމްޕްޑޯރިއާ އާއި ވެރޯނާގެ މެޗު ސަޕޯޓަރުން ނުވައްދާ ކުޅެނިކޮށް. އަޑެއްބަޑެއް ނީވި ކުޅޭތަން ފެނުމުން އަހަރެންގެ ރޫހަށް އަސަރުކުރި. ކީއްކުރަން ސަޕޯޓަރުން ނެތި، ވަށައިގެން ކުލަތައް ނެތި، ހަޅޭކާއި ސަޕޯޓުގެ އަޑުތައް ނެތި، މެޗެއް ކުޅެންވީ؟،" ލީގުގެ 16 ވަނައިގައި އޮތް ޓީމުގެ ޗެއާމަން ވިދާޅުވި އެވެ.

ޔުއެފާ އިން ބާރު އަޅަނީ ސީޒަން ފުރިހަމަކުރާށެވެ. އެކަމަށް ވަގުތު ދިނުމުގެ ގޮތުން ޖޫން/ޖުލައި މަހު އޮންނަ ޔޫރޯ އާއި ކޮޕާ އެމެރިކާ ވަނީ ފަސްކޮށްފަ އެވެ. އަދި ޔުއެފާގެ އެންގުމާ ހިލާފަށް ސީޒަން ފުރިހަމަނުކުރާ ނަމަ އެ ގައުމެއްގެ ކްލަބްތަކަށް އަންނަ ސީޒަނުގެ ޔޫރަޕް މުބާރާތްތަކުން ޖާގަ ނުލިބިދާނެ އެވެ. އެހެންވިޔަސް، ފެށުން މާބޮޑަށް ފަސްވެއްޖެ ނަމަ، ކެންސަލްކޮށްފާނެ އެވެ.

އިޓާލިއަން ލީގުގައި ބާކީ އޮތް ބައިގައި، އަށް ޓީމަކކުން 13 މެޗު ކުޅެން ޖެހެ އެވެ. ބާކީ ޓީމުތަކަށް އޮތީ 12 މެޗެވެ. އަދި އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގެ މެޗުތަކުން ފެށިގެން ފައިނަލާއި އަދި ޔޫރަޕުގައި އިޓަލީގެ ހަތަރު ޓީމެއް ކުޅެން ޖެހޭ މެޗުތައް އެބައޮތެވެ.