ބާސެލޯނާ ބޯޑުގެ ހަ މެމްބަރަކު އިސްތިއުފާ ދެއްވައިފި
ބާސެލޯނާ ބޯޑުގެ ހަ މެމްބަރަކު އިސްތިއުފާ ދެއްވައިފި

ބާސެލޯނާ (އޭޕްރިލް 11) – ކްލަބް ހިންގާ ގޮތާ މެދު ހިތްހަމަނުޖުން ފާޅުކޮށް، ސްޕެއިނުގެ ބާސެލޯނާގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެމްބަރަކު އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވީ ކްލަބުގެ ހަތަރު ނައިބު ރައީސުންގެ ތެރެއިން އެމިލީ ރޫސޯޑާއި އެންރިކޭ ޓޮމްބާސް އަދި ހަތަރު ޑިރެކްޓަރުން ކަމަށްވާ ސިލްވިއޯ އެލިއަސް، ޖޯސެފް ޕޮންޓް، ޖޯޑީ ކަލްސަމިޖިލިއާ އަދި މާރިއާ ޓެއިޒިޑޯ އެވެ.

ހިސާބަށް އަންނަން ޖެހުނީ، ކުރިމަގުގައި އަންނާނެ ބޮޑެތި ގޮންޖެހުންތަކެއްގެ ކުރިމަތީގައި، ކްލަބް ހިންގަމުން އަންނަ ގޮތް ބަދަލުކުރެވެން ނެތުމުން ކަމަށެވެ. އެހެންވެ އެ މެމްބަރުން ވަނީ، ކްލަބް ހިންގޭ އެންމެ ރަނގަޅަކަށް ހިންގުމަށް ފުރުސަތު ދިނުމުގެ ގޮތުން، ހާލަތު ތަންދޭ އެންމެ އަވަހަކަށް ކްލަބުގެ އިންތިހާބު ބާއްވަން ގޮވާލައްވައިފަ އެވެ. ބާސެލޯނާގެ އިންތިހާބު އާއްމު އުސޫލުން ނަމަ އޮންނާނީ އަންނަ އަހަރެވެ.

އެ މެމްބަރުން ވަނީ ކުޅުންތެރިންނަށް ސޯޝަލް މީޑިއާގައި ފާޑުކިޔުމަށް ބާސެލޯނާ އިން ބަޔަކާ ހަވާލުކުރި ކަމަށް ދެކެވުނު ވާހަކަތައް ދޮގުކުރަން ކްލަބަށް މަޖުބޫރުވި ހާލަތުގައި އަމަލުކުރި ގޮތާ މެދު ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެގޮތުން ސްޕެއިނުގެ ރޭޑިއޯ ސްޓޭޝަނަކުން ވަނީ ބާސެލޯނާ އިން އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ދިފާއުކޮށް، އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވައްޓާލަން ބޭނުންވި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެކަމަށް ކުންފުންޏެއްގެ އެހީ އެ ކްލަބުން ހޯދި ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން މެސީ އާއި ޕީކޭ އާއި ކުރީގެ ކުޅުންތެރިން ކަމަށްވާ ޒަވީ އާއި ކާލްސް ޕުޔޯލް އަދި ކުރީގެ ކޯޗު ޕެޕް ގާޑިއޯލާގެ އަގުވައްޓާލަން ޓްވިޓާ އާއި ފޭސްބުކުގައި މަސައްކަތްކޮށްފައިވާ ކަމަށްވެ އެވެ. އެކަމަކު ބާސެލޯނާ އިން ވަނީ އެކަން ކަނޑައެޅިގެން ދޮގުކޮށްފަ އެވެ.

އެއާ އެކު އިންތިހާބަށް ތައްޔާރުވަމުން އައި ކްލަބުގެ ރައީސް ބާޓެމޮއޫ އާއި ބޯޑް މެމްބަރުންނަށް ވަނީ ޕްރެޝަރު ބޮޑުވި އެވެ. އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓް ވިކްޓަ ފޮންޓް މި ތުހުމަތުތަކީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށް ވިދާޅުވެފަ އެވެ.