މި މަހުގެ 20 ގެ ކުރިން ރޯދަ އިނާޔަތް ދޭންޖެހޭ
މި މަހުގެ 20 ގެ ކުރިން ރޯދަ އިނާޔަތް ދޭންޖެހޭ

މި އަހަރުގެ ރޯދަ އިނާޔަތް މި މަހުގެ 20 ކުރިން ހުރިހާ މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައި ސަރުކާރުގެ މުވައްޒަފުންނަށް އެ އިނާޔަތް ދިނުމުގައި އަމަލު ކުރާނެ އުސޫލު އެ މިނިސްޓްރީން އާންމުކޮށްފި އެވެ.

މި އަހަރުގެ ރޯދަ މަސް ފެށެނީ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 24 ގަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ އެލަވަންސްގެ ގޮތުގައ 3،000ރ. ދޭންޖެހެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި ދެންނެވުމުގައި ވަނީ، ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާގެ "އެކައުންޓްސް ޕޭޔަބްލް މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާގެ ވައުޗަރުތައް މި މަހުގެ 14 ގެ ކުރިން ޕޯސްޓް ކުރަންޖެހޭ ކަމަށެވެ. އަދި ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ "އެޗްއާރު މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ މި މަހުގެ 17 ގެ ކުރިން ސިސްޓަމަށް އަޕްލޯޑްކޮށް، އިނާޔަތުގެ ފައިސާ ޕޯސްޓް ކުރަންޖެހޭ ކަމަށް ދެންނެވުމުގައި ވެ އެވެ.

ފިނޭންސްގެ ދެންނެވުމުގައި ވާ ގޮތުން، މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާތައް އަދާކުރާ މުވައްޒަފެއް ނަމަ ރޯދަ އިނާޔަތުގެ ފައިސާ ދޭންޖެހެނީ އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުންނެވެ. އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު، ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުވެ ނުދަނީސް ވަޒީފާ އިން ވަކިވެއްޖެ ނަމަ ވަކިވި ދުވަހާ ހަމައަށް ވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދައި އަނބުރާ ޖަމާކުރަން ވާނެ ކަމަށް ވެސް ދެންނެވުމުގައި ވެ އެވެ.

ރޯދަ މަސް ފެށޭ ފަހުން އަލަށް ވަޒީފާއަކާ ގުޅޭ މުވައްޒަފެއް ނަމަ އެ މީހަކު އެ ވަޒީފާއަކާ ގުޅޭ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ރޯދަ އިނާޔަތް ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އުސޫލުގައި ބަޔާންކުރެ އެވެ. އެ ގޮތަށް ފައިސާ ދޭއިރު، ދުވާލަކަށް ޖެހޭ ވަރު ބަލާނީ 30 ން ގެއްލައިގެންނެވެ.

ފިނޭންސްގެ އުސޫލުގައިވާ ގޮތުން، ރޯދަ މަސް ފެށޭއިރު އޮފީހަށް އެ މީހެއްގެ ޚިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވް (ސްކޮލަޝިޕް މުވައްޒަފުން) އާއި ނޯ ޕޭ ލީވްގައި ތިބި މީހުންނަށް ރޯދަ އިނާޔަތެއް ނުލިބޭނެ އެވެ. އެކަމަކު، އެ ގޮތަށް ލީވްގައި ހުރި މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އަލުން ވަޒީފާ އަށް ނުކުންނަން ބޭނުންވެއްޖެ ހިނދެއްގައި އިނާޔަތް ލިބޭނެ އުސޫލެއް ވެ އެވެ. އެއީ އެ މީހަކު ވަޒީފާ އަލުން ގުޅޭ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދަށް ބަލައިގެން އިނާޔަތުގެ ފައިސާ ދިނުމެވެ.

މި އަހަރުގެ ރޯދަ މަސް ދިވެހިންނާ ބައްދަލުކުރާއިރު، ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވެސް ވަނީ ވަރަށް ބޮޑަށް އަޑި އަޅާލައި، އެތައް ކުންފުންޏެއްގެ މުވައްޒަފުންގެ ވަޒީފާގެ ޔަގީންކަމާ މެދު ސުވާލު އުފެދިފަ އެވެ. އެކަމަކު، ރޯދަ އިނާޔަތަކީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މީހަކަށް ގާނޫނީ ގޮތުން ދޭންޖެހޭ އެއްޗެކެވެ.