12 އެޕްރީލް 2020 - 11:45

ލަންޑަން (އޭޕްރީލް 12) - ކޮރޯނާވައިރަހާ ހެދި ފުޓްބޯޅަ މެދުކަނޑާލާފައިވާ މި މުއްދަތުގައި މުސާރަ ކުޑަކުރަން އެއްބަސްވި ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިންނަށް އަލުން ސީޒަން ފެށުމުން ބޯނަހެއް ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލީޑްސް އަކީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އެއްބަސްވުމަކަށް އައި އިނގިރޭސި ފުރަތަމަ ކްލަބެވެ. އެ ފަހަރު ކުޅުންތެރިންގެ އިތުރުން ކްލަބްގެ ކޯޗު މާސެލޯ ބިއެލްސާ އާއި އެހެނިހެން ބައެއް މުވައްޒަފުން ވެސް ވަނީ މި މުއްދަތުގައި މުސާރައިގެ ދެބައި ކުޅަ އެއް ބައި ނުނަގަން ނިންމައިފަ އެވެ. މި އެއްބަސްވުމާ އެކު ލީޑްސް އިން މަހަކު މުސާރަ އަށް ހޭދަކުރާ 3.1 މިލިއަން ޑޮލަރުން 1.2 މިލިއަން ޑޮލަރު ވަނީ ސަލާމަތްވެފަ އެވެ.
އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމަށް މަސައްކަތްކުރާ ލީޑްސް މި ވަގުތު އޮތީ އީީއެފްއެލް ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން)ގެ އެއް ވަނައިގަ އެވެ. ބާކީ ނުވަ މެޗު ކުޅެން އޮތްއިރު، ލީޑްސް އޮތީ ހަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
ރިޕޯޓްތައް ބުނާގޮތުން ލީޑްސްގެ ވެރިޔާ އިޓަލީގެ މަހުޖަނު އަންދްރެއާ ރަޑްރިޒާނީ ވަނީ މި ވަގުތު ކްލަބްގެ ހުށަހެޅުމަށް އެއްބަސްވެ މުސާރަ ކުޑަކުރި ކުޅުންތެރިންނަށް ފަހު ބަދަލެއް ދޭން ނިންމައިފަ އެވެ. އެ ގޮތުން މުސާރަ ކުޑަކުރި ކޮންމެ ކުޅުންތެރިއެއްގެ ސީޒަނުގެ މުސާރައިގެ ދެ ޕަސެންޓް ބޯނަހެއްގެ ގޮތުގައި ދޭން ވަނީ ނިންމައިފަ އެވެ. ކުޅުންތެރިންގެ އިތުރުން ބައެއް އޮފިޝަލުންނަށް ވެސް ބޯނަސް ދޭން ލީޑްސް އިން ވަނީ ނިންމައިފަ އެވެ.
މި ވަގުތު ލީޑްސް އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި ސީޒަން ކެންސަލްކޮށްލައިފިނަމަ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމަށް އެ ޓީމުން ކުރަމުންދާ އިންތިޒާރު ދިގުލައިދިއުމެވެ. ރިޕޯޓްތައް ބުނާގޮތުން ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން ޔުއެފާ އިން ބާރުއަޅާ މި ދަނޑިވަޅުގައި މެޗުތައް ކުރިއަށް ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ގައުމަކީ އިންގްލެންޑް އެވެ. އެންމެ ފަހުން އިނގިރޭސި އެފްއޭ އާއި އެ ގައުމުގެ ސަރުކާރުން ބޭއްވި ބައްދަލުވުމުގައިވަނީ ޖޫން މަހުގެ ތެރޭގައި އަލުން ފުޓްބޯޅަ ސީޒަން ފެށޭނެތޯ މަޝްވަރާކޮށްފަ އެވެ. އޭރު ސީޒަން އަލުން ފެށެން އޮތީ ސިއްހީ ކަމާބެހޭ ފަރާތްތަކުން އެގޮތަށް އެއްބަސްވާނަމަ އެވެ.
ޗެމްޕިއަންޝިޕްގެ އެއް ވަަނަ އާއި ދެ ވަަނަ އަށް ޕްރިމިއާ ލީގުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ފަހު ޖާގަ ލިބޭނީ 3،4،5،6 ގައި ނިންމާ ޓީމުތަކުގެ މެދުގައި ކުޅޭ ޕްލޭއޮފް ކާމިޔާބުކުރާ ޓީމަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވާ ކޮންމެ ޓީމަކަށް 180 މިލިއަން ޑޮލަރުގެ އާމްދަނީއެއް އާންމުކޮށް ލިބެ އެވެ.
ނުވަދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅުގައި އިނގިރޭސި ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި އޮވެ ޗެމްޕިއަންސް ލީގުގައި ވެސް ރަނގަޅު ވާދަކުރި ލީޑްސް ރެލިގޭޓްވީ 2003 ވަނަ އަހަރު އެވެ. އެއީ މެދުކެނޑުމެއް ނެތި 14 އަހަރު ވަންދެން ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ފަހު އެވެ. ލީޑްސް އަލުން ޕްރިމިއާ ލީގަށް ގެންގޮސްދިނުމުގައި މަސައްކަތް މިހާރު ލީޑުކުރަނީ ތަޖުރިބާކާރު ކޯޗު ބިއެލްސާ އެވެ.