12 އެޕްރީލް 2020 - 22:55

ލަންޑަން (އެޕްރީލް 12) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދޭން ޖެހުނު އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހޮސްޕިޓަލުން މިރޭ ދޫކޮށްލައިފި އެވެ.
ބޮޑު ވަޒީރުގެ އޮފީހުގެ ތަރުޖަމާން ވިދާޅުވީ ޖޯންސަން ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އެމަނިކުފާނު މަސައްކަތަށް ނުކުމެވަޑައިގަތުމަށް ޑޮކްޓަރުންގެ ޓީމުން އިރުޝާދު ދީފައި ނުވާ ކަމަށެވެ. ބޮޑުވަޒީރަށް ފަރުވާ ދިން ސެއިންޓް ތޯމަސް ހޮސްޕިޓަލުގެ ސްޓާފުންނަށް ތަރުޖަމާން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މާބޮޑަށް ހުންގަދަވުމުން ޖޯންސަން، 55، ހޮސްޕިޓަލުގައި އެޑްމިޓްކުރީ އެޕްރީލް 5 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު ވަނީ އައިސީޔޫ އަށް ބަދަލުކޮށް ފަރުވާދީފަ އެވެ. ވޯޑަށް ބަދަލުކުރީ އައިސީޔޫގައި ތިން ދުވަހު ފަރުވާ ދިނުމަށް ފަހު އެވެ.
ބޮޑުވަޒީރު ހޮސްޕިޓަލުގައި އޮންނެވި އިރު ކޮރޯނާވައިރަހުގެ ޓާސްކް ފޯހުގެ މަސައްކަތް ބެލެހެއްޓެވީ ފޮރިން ސެކްރެޓަރީ ޑޮނިނިކް ރާބް އެވެ.
ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅެއްގެ ގޮތުން އިނގިރޭސި ވިލާތް ވަނީ މާޗް 23 އިން ފެށިގެން ލޮކްޑައުންކޮށްފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 84،279 މީހުން ޕޮޒިޓިވްވެ 10،612 މީހުން މަރުވެފަ އެވެ.