13 އެޕްރީލް 2020 - 23:39

ގުއާމް (އެޕްރީލް 13) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓުގެ ފަޅުވެރިއަކަށް ކޮވިޑް-19 ޖެހިގެން މިއަދު މަރުވެއްޖެ އެވެ.
ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމުން އެ ފަޅުވެރިޔާ ވަނީ ގުއާމަށް ބާލައި އެކަހެރިކޮށްގެން ފަރުވާ ދޭން ފަށައިފަ އެވެ. ނަމަވެސް އެމެރިކާގެ ނޭވީން ބުނި ގޮތުގައި، މި މަހު 9 ވަނަ ދުވަހުން ފެށިގެން އޭނާގެ ހާލު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މަރުވި ފަޅުވެރިޔާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައި ވަނީ މާޗް 30 ވަނަ ދުވަހު އެވެ. މަރުވި މީހާއާ ބެހޭ މައުލޫމާތު ނޭވީން ހާމަކޮށްފައެއް ނުވެ އެވެ.
ގުއާމްގައި މިހާރު ބަނދަރުކޮށްފައި އޮތް މަނަވަރުން 585 ފަޅުވެރިން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. މަނަވަރުން ވަނީ ގާތްގަނޑަކަށް 4،000 ފަޅުވެރިން ގުއާމަށް ބާލައިފަ އެވެ.
ތިއޮޑޯ ރޫޒްވެލްޓުގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ އަވަސް އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި ޕެންޓަގަނަށް ސިޓީ ފޮނުވުމުން އެ މަނަވަރުގެ ކެޕްޓަން ބްރެޓް ކްރޯޒިއާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާ ވެސް ފަހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
ރޫޒްވެލްޓް މަނަވަރުގައި ތިބި 4،800 ފަޅުވެރިންގެ ތެރޭން 92 ޕަސެންޓް މީހުން ވަނީ ކޮރޯނާވައިރަހަށް ޓެސްޓްކޮށްފަ އެވެ. ޕެންޓަގަން އިން ނިންމާފައި ވަނީ ޕޮޒިޓިވްވާ ފަޅުވެރިން ގުއާމްގައި ކަރަންޓީން ކުރުމަށެވެ.
މާޗް 28 ވަނަ ދުވަހު މަނަވަރު ގުއާމަށް ދިޔައީ ވިއެޓްނާމަށް ކުރި ފަސް ދުވަހުގެ ދަތުރަކަށް ފަހު އެވެ.