14 އެޕްރީލް 2020 - 14:55

ވޮޝިންޓަން (އެޕްރީލް 14) - ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ މަގާމުން ދުރުކުރަން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރާފައި ވަނީ ދޮގު ޚަބަރެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ނަމަވެސް އޭނާގެ އިރުޝާދާ އެއްގޮތަށް ޓްރަމްޕް ދުރާލައި ފިޔަވަޅު އެޅުއްވި ނަމަ އެމެރިކާއިން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ފައުޗީ ވިދާޅުވުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެންފަ އެވެ.
ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ރޭ ވިދާޅުވީ ފައުޖީ އަކީ އެމަނިކުފާން ވަރަށް ގަޔާވާ ތަޖްރިބާކާރެއް ކަމަށާއި ކޮރޯނާވައިރަހުގެ ކަންތައް ފެށުނީއްސުރެ މަސައްކަތް ކުރައްވަނީ ފައުޖީއާ ވަރަށް ގާތުން ކަމަށެވެ.
ވައިޓް ހައުސްގެ ބައްދަލުވުމުގައި ފައުޗީ ވިދާޅުވީ އޭނާ ޖަވާބު ދެއްވީ ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މިންވަރަކަށް ޓްރަމްޕް މަސައްކަތް ކުރެއްވިތޯ ކުރި ސުވާލަށް ކަމަށެވެ. އޭނާ ދެއްވި އިރުޝާދު ޓްރަމްޕް އެއްސެވި ކަމަށާއި އެ ގޮތުގެ މަތިން ސޯޝަލް ޑިސްޓެންސިންގެ ގައިޑްލައިނެއް ތައާރްފް ކުރެއްވި ކަމަށް އެމެރިކާގެ ސީނިއާ މެޑިކަލް އެޑްވައިޒަރު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ އެމެރިކާ އިން އެޅި ފިޔަވަޅުތައް ތަފްސީލްކޮށްދެއްވައިފަ އެވެ.
އެމެރިކާ އިން މިހާތަނަށް ވަނީ 587،173 މީހުން ޕޮޒިޓިވްވެ 23،644 މީހުން މަރުވެފަ އެވެ.