ކޮވިޑް-19: ރާއްޖެ އިން ބަލި ޖެހުނު އިތުރު ދެ ދިވެއްސަކު ރަނގަޅުވެއްޖެ
ކޮވިޑް-19: ރާއްޖެ އިން ބަލި ޖެހުނު އިތުރު ދެ ދިވެއްސަކު ރަނގަޅުވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު އިތުރު ދެ ދިވެއްސަކު ރަނގަޅުވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ.

އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖެ އިން ކޮވިޑް-19 ޖެހުނު ފަސް ދިވެހިންގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެ ދެ މީހުންގެ ޓެސްޓު ދެ ފަހަރު ވެސް ނެގެޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އެޗްޕީއޭ އިން ބުނެފައިވާ ގޮތުން ރާއްޖެ އިން ކޮވިޑް-19 ޖެހުނު ފުރަތަމަ ދިވެހި މީހާ ވެސް ވަނީ ރަނގަޅުވެފަ އެވެ. އެހެންވެ، މިހާތަނަށް ތިން ދިވެއްސަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާ ދެމުން އަންނަނީ ދެ ދިވެއްސަކަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ 20 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 15 މީހުންނަކީ ބިދޭސީން/ޓޫރިސްޓުންނެވެ. މީގެ ތެރެއިން ފުރަތަމަ 13 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި 15 މީހުންގެ ތެރެއިން އިޓަލީގެ ދެ ޓޫރިސްޓަކަށް ބަލިޖެހިފައިވާ ކަން އެނގުނީ ފުރައިގެން ދިޔަ ފަހުންނެވެ. ރާއްޖޭގައި އެ ދެ މީހުންގެ ޓެސްޓް ހެދި ނަމަވެސް ނަތީޖާ ލިބުނުއިރު އެ މީހުން ވަނީ ފުރައިގެން ގޮސްފަ އެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް ޖެހުނު ފަސް ދިވެހިންނަކީ ވެސް އަނބުރާ އައުމުން ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވާ މީހުންނެވެ. އޭގެ ތެރެއިން ހަތަރު ދިވެއްސަކު އައީ އިނގިރޭސި ވިލާތުންނެވެ. ފަސް ވަނަ މީހާ އަކީ ފިލިޕިންސްގައި މެޑިކަލް/ޕައިލެޓުކަން ކިޔަވާ ދަރިވަރުން ސަރުކާރުން ގެނައި އިރު އޭގެ ތެރޭގައި ހިމެނޭ ދަރިވަރެކެވެ. އެ ބުރުގައި 47 ދިވެހި ދަރިވަރަކު ވަނީ ފިލިޕިންސުން ގެނެސްފަ އެވެ.

ރާއްޖެ އިން އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފިލިޕިންސުން އައި ދަރިވަރެވެ. އެއީ މިދިޔަ އާދިއްތަ ދުވަހު އެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު ރާއްޖެ އައި އެ ދަރިވަރު ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ހަމަވުމުން ދޫކޮށްލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ.