15 އެޕްރީލް 2020 - 18:12

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ކޭހާ ގުޅިގެން މިހާތަނަށް 54 މީހަކު ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ބަލައި އައިސޮލޭޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ބެހޭ ގޮތުން މައުލޫމާތު ދޭން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މޭލޭން ފެނުނު ޕޮޒިޓިވްވި ކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާ އެކު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފުރިހަމައަށް ކުރިއަށް ގެންދަން މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުންކޮށްފަ އެވެ.
ނަޒްލާ ވިދާޅުވީ، މި ކޭސްއާ ގުޅިގެން އިތުރު ކޮންޓެކްޓުންގެ ގޮތުގައި 55 މީހަކު ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ މާލެއިން ޕޮޒިޓިވްވި މީހާއާ ގުޅުންހުރި 109 ކޮންޓެކްޓެއް އެޗްޕީއޭ އަށް ވަނީ ފާހަގަކުރެވިފަ އެވެ. މާލެއިން ޕޮޒިޓިވް މީހާ އަކީ ކޮމިއުނިޓީ ޓްރާންސްމިޓެޑް ކޭހެއްގެ ގޮތުގައި ބަލާތީ، ޕްރައިމަރީ ކޮންޓެކްޓްތަކުގެ އިތުރުން ސެކަންޑްރީ ކޮންޓެކްޓްތަކުގެ މައުލޫމާތުތައް ތައް ވެސް އެއްކުރަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
މި ކޭހާ ގުޅިިގެން އައްޑޫން ދެ މީހަކު އައިސޮލޭޓްކޮށް ގދ.ވާދޫގައި ވެސް ދެ މީހަކު އެސެސް ކުރަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވި އެވެ. ނަޒްލާ ވިދާޅުވި ގޮތުގައި، މި ކޭހާ ގުޅިގެން ހޮޓްލައިނަށް ގިނަ ބަޔަކު ގުޅައި މައުލޫމާތު ދެމުން އާދެ އެވެ.
ބަލި ޖެހުނު މީހާގެ ކިބައިން އަލާމާތްތައް ފެނުމުގެ ދެ ދުވަސް ކުރިން ދިމާވި މީހުން ބަލަނީ އެންމެ ރިސްކް ބޮޑު މީހުންގެ ގޮތުގަ އެވެ.
"ގަބޫލު ކުރެވޭ ގޮތުގައި އިތުރު ފަރާތްތައް ވެސް އަދި އައިސޮލޭޓް ކުރެވޭނެ. ރައްކާތެރިވުމުގެ ގޮތުން، ބަލިމީހާއާ އެންމެ ގާތްކޮށް އުޅުނު މީހުންގެ ކޮންޓެކްޓްތައް ހޯދަމުން ދަނީ. މި މީހުން ވެސް މިވަގުތު ގޭގައި މަޑުކުރުމަށް އަންގާފައިވަނީ. އެހެން ނަމަވެސް ސީދާ އައިސޮލޭޝަނަށް ނުގެންދަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ކޭހުގެ ހާލަތަށް ބަލައި ސެކަންޑްރީ ކޮންޓެކްޓްގެ މީހުން ވެސް އައިސޮލޭޝަނަށް ގެންދަން ޖެހިދާނެ ކަމަށެވެ. މި ކޭހާ ގުޅިގެން ހަތަރު ގެއެއްގެ މީހުން މިހާތަނަށް ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން ބަލި މީހާއާ އެއްކޮށް ޑޮކްޓަރަށް ދައްކަން ދިއުމުގައި ދިމާވި މީހުންނާއި އެކި ގޮތްގޮތުން ދިމާވި މީހުން ހިމެނެ އެވެ. ނަޒްލާ ވިދާޅުވި، މާލެއިން ޕޮޒިޓިވްވި މީހާއަށް ބަލި ޖެހުނު ގޮތް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި ކޭސް އިންވެސްޓިގޭޓްކުރަމުން އަންނަ ކަމަށެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސްގައި ޑރ. އަލީ ލަތީފް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ވެސް ކަރަންޓީނު ކުރާނީ ރިސޯޓުތަކުގައި ކަމަށާއި ނަމަވެސް ކޭސްތައް އިތުރުވާ ނަމަ، ހޯމް ކަރަންޓީނަށް ވެސް ބަދަލު ކުރަން ޖެހިދާނެ ކަމަށެވެ.
"އެންމެ މުހިއްމު ކަމަކީ މަގުމައްޗަށް ވަޑައިނުގަތުން. އަދި ރޯގާ ޖެހިއްޖެ ނަމަ އަޅުގަނޑުމެންގެ ހޮޓްލައިނަށް ގުޅައިގެން ލަފާ ހޯދުން. ކޮންމެހެން ހޮސްޕިޓަލަށް ވަޑައިގަންނަވާ ނަމަ އަމަލު ކުރާނެ ގޮތްތައް ވެސް ކިޔައިދޭނަން،" އޭނާ ވިދާޅުވި އެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ، މިހާރު ރާއްޖެ އޮތް ހާލަތަށް ބަލާއިރު ވެކްސިނެއް ފެންނަންދެން ގޭގައި މަޑު ކުރުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ހާއްސަކޮށް 65 އަހަރުން މަތީގެ މީހުންނާއި މާބަނޑު މީހުންނާއި ކުޑަކުދިން ވެސް މިދުވަސްވަރު ބޭރަށް ނުދިއުމަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ލޮކްޑައުންގެ ހާލަތުގައި އޮތުމަކީ އެތައް ބަޔަކަށް ތަކްލީފުތަކެއް ކުރިމަތިވާނެ ހާލަތަކަށްވީ ނަމަވެސް، މިކަމުގައި އެއްބާރުލުން ދިނުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މާލޭގައި ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ނަމަ، އަތޮޅު ތެރެއަށް ވެސް މިބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މާލެ އެތައް ދުވަހަކަށް ލޮކްޑައުންކުރަން ޖެހޭ ހާލަތު ވެސް ކުރިމަވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައިރީގައި ހުންނަ މީހާއިން ބަލީގެ ނިޝާނެއް ނުފެންނަ ނަމަ އެމީހާއާ ދުރަށް ދާން ވެސް ނޭނގޭނެ. އެހެންމަ އެގޮތުން ޓްރާންމިޝަންގެ ފުރުސަތު އެބަ އޮތޭ. ކޮވިޑް-19 އަށް ހަމައެކަނި ޕޮޒިޓިވްވާނީ ކޮވިޑް-19 ބަލި ހުރި މީހެއްގެ ފަރާތުން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިނަގާ ސްޓެޕްތަކުން ބަލި ކޮންޓްރޯލު ކުރުމުގެ އުންމީދު ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި ބަލީގެ އަލާމާތްތައް ނުފެންނަ މީހުންގެ ފަރާތުން ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އޮތް އިރު މިހާރު މާލެއިން ފެނިފައިވަނީ އެފަދަ ކޭހެއް ކަަމަށް ބެލޭވޭ ކަމަށެވެ.