ލޮކްޑައުނާ އެކު ހޯމް ޑެލިވަރީ އަށް ބާރު ބޮޑުވެއްޖެ
ލޮކްޑައުނާ އެކު ހޯމް ޑެލިވަރީ އަށް ބާރު ބޮޑުވެއްޖެ

މާލެ ލޮކްޑައުން ކުރުމާ އެކު ހޯމް ޑެލިވަރީ އަށް ބާރު ބޮޑުވެ، ބައެއް ފިހާރަތަކުން އޯޑަރު ނެގުން ވެސް ހުއްޓާލައިފި އެވެ.

މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން މިއަދު 2:30 އިން ފެށިގެން 24 ގަޑިއިރަށް މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. އާންމުންނަށް ބޭރުގައި ނޫޅެވޭތީ، ކާފިއު ވަގުތަކުގައި ޑެލިވަރީ އަށް ވަނީ އޯޑަރު ދޭން ފަށައިފަ އެވެ.

މާލޭގައި މި ދުވަސްވަރު ފުޅާ ދާއިރާއެއްގައި ޑެލިވަރީ ކޮށްދޭ ރެޑްވޭވުން ބުނީ އެންމެ ގިނަ އޯޑަރުތައް ލިބިފައި ވަނީ ކާބޯތަކެއްޗަށް ކަމަށެވެ.

ރެޑް ވޭވުން ބުނި ގޮތުގައި ޑެލިވަރީ ކުރަން ހުއްދަ ލިބުނީ ލޮކްޑައުން ކުރިތާ ތިން ގަޑިއިރެއްހާ އިރު ފަހުންނެވެ. ހުޅުމާލޭގައި ހުންނަ ފިހާރައިން އެކަނި ވެސް ޑެލިވަރީ ކުރަން 150 އަށް ވުރެ ގިނަ އޯޑަރު ލިބުނު ކަމަށް އެތަނުން ބުންޏެވެ. އަދި މާލެއިން ކޮށްފައިވާ އޯޑަރުތައް 200 އަށް ވުރެ ގިނަ އެވެ.

"ބޮޑެތި ލިސްޓުތަކަށް އޯޑަރު އަންނަނީ. މި ވަގުތު ތަކެތި ޑެލިވަރީ ކުރުމުގެ ހުއްދަ އޮތީ މާލެއިން އެއް ވެހިކަލް އަދި ހުޅުމާލެއިން އެއް ވެހިކަލް. ކުރިއަށް އޮތް ތަނުގައި ލޮކްޑައުންގެ ވަގުތު އިތުރުކޮށްފި، ޑެލިވަރީ ކުރާ ވެހިކަލްތައް އިތުރު ކުރަން ޖެހޭނެ،" ރެޑްވޭވްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޑެލިވަރީ އަށް ފިހާރަތަކަށް ގުޅާ މީހުންގެ އަދަދު އިތުރުވެފައިވާތީ ބައެއް ފިހާރަތަކަށް ނުގުޅޭ ކަމުގެ ޝަކުވާތައް ވެސް ވަނީ ބޮޑުވެފަ އެވެ. އެކި ފިހާރަތަކުގެ ނަންބަރު ބިޒީވެ، ފިހާރަތަކަށް ގުޅެނީ އެތައް އިރެއް ފަހުންނެވެ.

މިއީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވި މުޅިން އާ ހާލަތެކެވެ. އެކަމަކު ލޮކްޑައުންއަކަށް ހިނގައިދާނެތީ ކަމާ ބެހޭ ފަރާތްތަކުން ކުރިންސުރެ ވަނީ ހޯމް ޑެލިވަރީ ހަދައިދޭނެ ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތް ފޯރުކޮށްދޭނެ ތަންތަން ކަނޑައަޅައިފަ އެވެ.

ގޭގެއަށް ބޭނުންވާ ކާބޯތަކެތި އޯޑަރު ކުރުމަށް ގުޅި މީހަކު ބުނީ، އަގޯރާ އަށް ގުޅުމުން، މިރޭ އިތުރު އޯޑަރުތަކެއް ނުނެގޭނެ ކަމަށާއި އޯޑަރު ނެގި ނަމަވެސް މާދަމާ ހެނދުނު ވެސް ޑެލިވަރީ ނުކުރެވޭނެ ކަމަށެވެ.

އާންމުކޮށް ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނު ވިއްކާ އިހްސާން ފިހާރައިން ބުނީ މިހާރު ވެސް އޯޑަރުތައް 100 އަށް ވުރެ އިތުރު ކަމަށާއި މިރޭ 12:00 އާ ހަމައަށް ޑެލިވަރީ ކުރެވޭ ވަރަކުން ޑެލިވަރީކޮށްދޭނެ ކަމަށެވެ.

"ކުޑަ ވަގުތުކޮޅެއްގެ ތެރޭ މިހާ ގިނަ އޯޑަރުތައް އައީ މީހުން ޕެނިކް ވެގެން ކަމަށް ބެލެވެނީ. އޯޑަރު އާދޭ ކާބޯތަކެއްޗާއި ގޭތެރެއަށް ބޭނުންވާ ސާމާނާއި ރީތިވާ ސާމާނަށް ވެސް،" މެނޭޖަރު މުހައްމަދު އިހްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުއްލިއަކަށް މާލެ ލޮކްޑައުން ވުމުން ވިޔަފާރިތަކަށް އެކަމަށް ރެޑީވާން ފުރުސަތު ނުލިބުނު ކަމަށެވެ. އަދި ހޯމް ޑެލިވަރީ ކުރުމަށް އިތުރު ވެހިކަލްތަކަށް ހުއްދަ ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.