17 އެޕްރީލް 2020 - 12:13

ވޫހާން (އެޕްރީލް 17) - ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ މާރުކޭޓަކުން އުފެދުނު އެއްޗެއް ނޫން ކަމަށާއި އެއީ އެ ސިޓީގެ ސަލާމަތީ ފިޔަވަޅުތައް ދޯދިޔާ ލެބަކުން ދޫވި އެއްޗެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފި އެވެ.
"އެކަމާ ގުޅޭ ތަފާތު އަޑުތައް ވަނީ އިވިފައި،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް ކޮރޯނާވައިރަހަކީ ވަލު ޖަނަވާރުންގެ ފަރާތުން އިންސާނުންގެ ހަށިގަނޑަށް ވާސިލްވި އެއްޗެއް ކަމަށް ސައެންޓިފިކް ގޮތުން ވަނީ ގަބޫލްކުރެވިފަ އެވެ. އަދި އެ ވައިރަސް އުފެދުނީ ވޫހާންގައި އެއްގަމު މަސް ވިއްކާ މާރުކޭޓަކުން ކަމަށް ޗައިނާގެ ސައެންސްވެރިން ބުނެ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ކޮރޯނާވައިރަހަކީ ވާލުގެ ތަހުލީލުތައް ކުރާ ވޫހާންގެ ބަޔޯ ރިސާޗް ސެންޓަރަކުން ދޫވި އެއްޗެއްތޯ ބަލަން އެމެރިކާ އިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮރޯނާވައިރަހުގެ އޮރިޖިންއާ ބެހޭ ގޮތުން ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ. އެއީ ޗައިނާގެ ބަޔޯވެޕަންއެއް ކަމަށް އެއް ބަޔަކު ބުނާ އިރު ޗައިނާ އިން ބުނަނީ އެއީ އެމެރިކާ ސިފައިން ވޫހާން އަށް ދޫކުރި އެއްޗެއް ކަމަށެވެ.
ފޮކްސް ނިއުސް އިން ބުނެފައި ވަނީ "ޕޭޝަންޓް ޒީރޯ (ފުރަތަމަ ބަލިޖެހުނު މީހާ) އަކީ ލެބޯޓްރީއަކުން ވާލުގެ ޒަރީއާއިން ބަލި ޖެހުނު މީހެއް ކަމަށެވެ.
އެމެރިކާގެ ތުހުމަތު ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވަނީ ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ކޮރޯނާވައިރަހަކީ ލެބެއްގައި އުފެއްދި އެއްޗެއް ކަމުގެ އެއްވެސް ހެއްކެއް ލިބެން ނެތް ކަމަށް ޑަބްލިއުއެޗްއޯ އިން ވެސް ބުނެފައިވާ ކަމަށެވެ.