17 އެޕްރީލް 2020 - 23:17

އެމްއެންޑީއެފުން ބުނިގޮތުގައި، ސާޖިދު ނެގީ ކަނޑުން 50 މީޓަރުގެ އަޑިން ކަމަށް. އޭނާ ހޯދުމުގައި ކޯސްޓް ގާޑުގެ ޑައިވަރުންގެ އިތުރުން އަސްދަން ދޯނީގެ ޑައިވަރުން ވެސް ހަރަކާތްތެރިވި.
މަސްވެރިކަމަށް ނުކުމެ އުޅުނު ދޯނިން ފައިބައިގެން އެން ހިފަން އުޅުމުގެ ތެރޭގައި މަރުވީ ގދ. ތިނަދޫ ފުއްޓަރު، ސާޖިދު މުހައްމަދު ރަޝީދު. އޭނާ މަހަށް ދާ އަސްދަން ދޯނި ތިނަދޫން މަހަށް ފުރީ މިއަދު ހަވީރު 3:30 ހާއިރު ކަމަށް ވޭ. އޭނާއާ އެކު އިތުރު ތިން މީހަކު ވެސް އެން ހިފަން ފޭބި.
އެން ހިފަން ފީނި ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ. އެމްއެންޑީއެފުން ބުނީ ކޯސްޓް ގާޑްގެ ޑައިވަރުން، އެ ޒުވާނާގެ ހަށިގަނޑު ކަނޑުގެ އަޑިން ނަގާފައިވާ ކަމަށް.
ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓު ކައިރިން ފުޅި އަޅައިގެން އެން ހިފަން ފީނި މަސްވެރިއެއްގެ ޚަބަރެއް ނުވެގެން، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުން މިރޭ ފަށައިފި އެވެ.
"އަސްދަން" ނަމަކަށް ކިޔާ އެ ދޯނީގެ އުމުރުން 27 އަހަރުގެ އެ ފިރިހެން މީހާ ހުރީ ކަޅު ކުލައިގެ ޑައިވް ޝޫޓެއް ލައިގެން ކަމަށާއި އޭނާ ގެއްލުނު ކަމުގެ ރިޕޯޓު ލިބުނީ މިރޭ އަށެއް ޖަހާ ކަންހާއިރު ކަމަށް ވެސް ކޯސްޓް ގާޑުން ބުންޏެވެ.
އަސްދަން ދޯނީގައި 25 މީހުން ތިބި ކަމަށާއި އެ ޒުވާނާއާ އެކު އިތުރު ތިން މީހަކު ފީނަން ދިޔަ ކަމަށް ވެސް ކޯސްޓް ގޑުން ބުންޏެވެ. އެ ހަތަރު މީހުން ފޭބީ 30 ވަރަކަށް މިނެޓުން ފުރިހަމަ ކުރެވޭ ޑައިވް އަކަށް ކަމަށް ވެ އެވެ.
މި ދޯނި މަސްވެރިކަން ކުރަން އުޅުނީ ކޯސްޓް ގާޑުން ބުނިގޮތުގައި ކޮނޮއްޓާ މޯލްޑިވްސް ރިސޯޓުގެ ހުޅަނގުން 2.5 ނޯޓިކަލް ބޭރުންނެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑުން މި ދުވަސްވަރު އަންނަނީ، މި މަހުގެ ހަތް ވަނަ ދުވަހު ޖޭޑަބްލިއު މެރިއޮޓް ރިސޯޓުން މޫދަށް ފުންމާލި އިންޑިއާ މީހަކު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ހއ. އަތޮޅުގައި އޮންނަ އެ ރިސޯޓުކައިރިން ދަތުރު ކުރާ އުޅަނދުތަކުން، އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފަށް އަންގަން އެ ތަނުން ވަނީ އެދިފަ އެވެ. އެ މީހާ ލައިގެން ހުރީ ހުދު ކުލައިގެ ކުރުތާ އަކާއި އަޅި ކުލައިގެ ފަޓްލޫނެއް ކަމަށް ވެ އެވެ.