18 އެޕްރީލް 2020 - 13:00

ލަންޑަން (އޭޕްރީލް 18) - ކޮރޯނާވައިރަސް ފެތުރޭތީ މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ބާކީ އޮތް މެޗުތައް 40 ދުވަސް ތެރޭ ކުޅެ ނިންމާލަން އިނގިރޭސި އެފްއޭ އިން ގެންގުޅޭ ހިޔާލަށް ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.
ޕްރިމިއާ ލީގުގައި ނުކުޅެ އޮތް 92 މެޗު ފުރިހަމަކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން އިއްޔެ އިނގިރޭސި އެފްއޭ އާއި ޕްރިމިއާ ލީގުގެ ބޯޑުން ކްލަބްތަކާ އެކު ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ފުރަތަމަ ވާހަކަ ދެކެވުނީ ޖޫން 30 ވަނަ ދުވަހު ސީޒަން ނިންމާލުމަށެވެ. އެކަމަކު އެފްއޭ އިން ފަހުން ހުށަހެޅި ދެ ޕްރޯޕަސަލަކާ މެދު ވަރަށް ބޮޑަށް ވާހަކަ ދެކެވުނެވެ.
އެފްއޭ އިން ހުށަހެޅި ފުރަތަމަ ޕްރޮޕޯސަަލަކީ އަށް ހަފްތާ (56 ދުވަސް) ތެރޭ ލީގުގެ ބާކީ މެޗުތައް ކުޅުމަށެވެ. އެ ހުށަހެޅުމަށް ވުރެ ބޮޑަށް ކްލަބްތަކުން ރުހުނީ ދެން ހުށަހެޅި 40 ދުވަސްތެރޭ މެޗުތައް ނިންމާލުމުގެ ވިސްނުމަށެވެ. އެއީ މަދު ދުވަސް ކޮޅެއްގައި މެޗުތައް ކުޅެގެން ހުރިހާ ކަމެއް ނިންމާލަން ގިނަ ކްލަބްތަކުން ބޭނުންވާތީ އެވެ.
މާޗް 13 ވަނަ ދުވަހު ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ ނުވަ މެޗެވެ. ދެން އޮތް ހަތަރު ޓީމަށް 10 މެޗު އެބައޮތެވެ. މި މެޗުތައް ކުޅޭނެ ގޮތްތަކަކާ މެދު މަޝްވަރާކުރާއިރު، އެންމެ ބޮޑަށް ގިނަ ބަޔަކަށް އެއްބަސްވެވޭ ހިޔާލަކީ ބާކީ ހުރި މެޗުތައް އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީ އަށް ގެންދިއުމަށެވެ. އޭރުން އެއްތަނެއްގައި ތިބެ ހުރިހާ މެޗެއް ނިންމާލުމުގެ ފުރުސަތު އޮތުމުންނެވެ.
މުއްދަތެއް ނެތް ގޮތަށް ލީގު ފަސްކޮށްފައިވާއިރު، އެންމެ އަވަހަށް ވެސް ލީގުގެ މެޗުތައް ފެށޭނެ ކަމަށް އިނގިރޭސި އެފްއޭ އިން ބަލަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ. އޭރު ވެސް ލީގު ފެށެން އޮތީ އިނގިރޭސި ސިއްހީ މާހިރުން ދޭ ލަފާގެ މަތިން ކަމަށް އިނގިރޭސި އެފްއޭ އިން ބުނެ އެވެ.
ލީގު ވީ އެންމެ އަވަހަކަށް ނިންމާލަން ކްލަބްތަކުން ބާރުއަޅާ އަނެއް ސަބަބަކީ ޖޫން މަހުގެ 30 ވަނަ ދުވަހު ކޮންޓްރެކްޓް ހަމަވާ ގިނަ ކުޅުންތެރިންތަކެއް ކްލަބްތަކުގައި ތިބުމުންނެވެ. ފީފާ އިން ވަނީ ސީޒަން ކުޅެ ނިމެންދެން ކުޅުންތެރިންގެ ކޮންޓްރެކްޓްތައް ދެމި އޮންނާނެ ކަމަށް އަންގައިފަ އެވެ. އެކަމަކު އިނގިރޭސި ގާނޫނީ ވަކީލުންތަކެއް ވަނީ ކޮންޓްރެކްޓެއްގައި ލިޔެވިފައިވާ ތާރީހަކަށް ބަދަލެއް ގެނެވޭނީ އާ ކޮންޓްރެކްޓެއް ހެދިގެން ކަމަށް ބުނެ، ފީފާގެ ނިންމުމާ އެއްގޮތަށް އިނގިރޭސިވިލާތުގައި އަމަލުނުކުރެވޭނެ ކަމަށް ބުނެފަ އެވެ. މިއާ އެކު ގިނަ ކްލަބްތަކުން އޭރު ވަނީ ކުޅުންތެރިންނާ އެކު ސީޒަން ނިމެންދެން މަޑުކުރުމަށް އެއްބަސްވުމެއް ހަދަން މަޝްވަރާތައް ފަށައިފަ އެވެ.
ސިއްހީ މާހިރުންގެ ލަފާގެ މަތިން ފުރުސަތު ލިބޭ އެންމެ އަވަހަކަށް ފުޓްބޯޅަ ސީޒަން ފުރިހަމަކުރަން ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އާއި ޔޫރަޕިއަން ލީގު ގްރޫޕުން ވެސް ވަނީ ބާރު އަޅައިފަ އެވެ. މި ދެ ފަރާތުގެ އެންގުންތަކަށް ބޯލަނބައި ގިނަ ގައުމުތަކުން އަންނަނީ ފުޓްބޯޅަ ސީޒަން ކުރިއަށް ގެންދެވޭނެ ގޮތްތަކާ މެދު ކްލަބްތަކާ މަޝްވަރާކުރަމުންނެވެ.
ޗައިނާގެ ވުހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ކޮވިޑް-19 އަށް މިހާތަނަށް މުޅި ދުނިޔެ އިން ދެ މިލިއަން މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެ ތެރެއިން ހަ ވަނަ އަށް އެންމެ ގިނަ މީހުންނާ މި ބަލި ޖެހުނީ އިނގިރޭސި ވިލާތުންނެވެ. އެ ގައުމުގައި މިހާތަނަށް މި ބައްޔަށް 108،692 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.