18 އެޕްރީލް 2020 - 18:48

މާލެ އިން ކޮރޯނާވައިރަސް ޖެހިފައިވާ މީހުން ފެންނަން ފެށުމުން ކޮންޓެކްޓް ޓްރޭސިން އާއި ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އެޅުމަށް އަންނަ މަހުގެ 1 އާ ހަމައަށް މާލެ ސަރަައްދު ލޮކްޑައުން ކުރުމާ ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލްގައި އޮންލައިން ކްލިނިކްތަކެއް ގާއިމްކުރަން އެ ހޮސްޕިޓަލުން މިއަދު ނިންމައިފި އެވެ.
އެއިން ކޮންމެ ކްލިނިކަކުން ދުވާލަކު 10-15 ވަރަކަށް މީހުންނަށް ޚިދުމަތް ދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މާދަމާ 8 ކްލިނިކެއް ހުޅުވަން ނިންމާފައިވާ އިރު، އެ ކްލިނިކްތަކުގެ ޚިދުމަތް ލިބޭނީ ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9 ން މެންދުރު 1 އަށެވެ. އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ކްލިނިކާއި ނަފްސާނީ ބަލިތަކުގެ ކްލިނިކްގެ ހިދުމަތް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އަންހެނުންގެ ބަލިތަކާ ބެހޭ ކްލިނިކްގެ ޚިދުމަތް ލިބޭނީ ހެނދުނު 8:30 ން މެންދުރު 12:00 އަށެވެ. ނަފްސާނީ ބަލިތަކާ ބެހޭ ޑިޕާޓްމެންޓު ހުޅުވާފައި ހުންނާނީ ހެނދުުނު 10 ން މެންދުރު 12 އަށެވެ.
- ނާރުގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
- ހިތުގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
- އާންމު އޮޕަރޭޝަންތަކާ ބެހޭ ޑިޕާޓްމެންޓް
- ކެންސަރު ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
- އެތެރެހަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
- ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
- ކިޑްނީގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
- ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓް
އައިޖީއެމްއެޗުން ބުނީ، މި ކްލިނިކްތަކުގެ ޚިދުމަތް ދޭން ފެށީ ލޮކްޑައުން ދުވަސްވަރު ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގިނަ ދަތިތަކެއް ހުރުމުން ކަމަށެވެ. އޮންލައިން ކްލިނިކްތަކުގެ ހިދުމަތް ހޯދާ އިރު، ބޭނުން ކުރަމުން އަންނަ ނަންބަރެއް އެ ހޮސްޕިޓަލާ ހިއްސާ ކުރަން އައިޖީއެމްއެޗުން އެދެ އެވެ.
މާލެ އިން މިހާތަނަށް 14 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ބަންދްލަދޭޝް ރައްޔިތަކު ވެސް ހިމެނެ އެވެ. ބާކީ 13 މީހުންނަކީ ދިވެހިންނެވެ.