ކޮވިޑް-19: ޔުނައިޓެޑަށް މާލީ ބޮޑު ގެއްލުމެއް ނެތް
ކޮވިޑް-19: ޔުނައިޓެޑަށް މާލީ ބޮޑު ގެއްލުމެއް ނެތް

ލަންޑަން (އޭޕްރީލް 19) - ކޮރޯނާވައިރަހުގެ ސަބަބުން މި މުއްދަތުގައި ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާތީ ގިނަ ކްލަބްތަކަށް މާލީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުން އައި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑަށް އޭގެ މާ ބޮޑު ގޯސް އަސަރުތަކެއް ނުކުރާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ކޮވިޑް-19: ޔުނައިޓެޑަށް މާލީ ބޮޑު ގެއްލުމެއް ނެތް
ކޮވިޑް-19: ޔުނައިޓެޑަށް މާލީ ބޮޑު ގެއްލުމެއް ނެތް

ޔުނައިޓެޑުގެ އެގްޒެކްޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިދާޅުވީ މި ސީޒަން ނިމުމަށް ފަހު ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން އިތުރަށް ކުޅުންތެރިން ގަތުމުގެ މަސައްކަތްތަށް ކުރިއަށްގެންދާނެ ކަމަށާއި އެ ކަމަށް މާ ބޮޑު ހުރަހެއް ނެތް ކަމަށެވެ.

"ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަކުރަން މަސައްކަތްކުރާނަން. އަހަރެމެންގެ ޓާގެޓްތަކެއް އެބަހުރި. އެ ކުޅުންތެރިން ގެންނަން ހަރަދުކުރެވޭނެ ފެންވަރު އެބަހުރި. މާލީ ގޮތުން ބެލިޔަސް އަދިވެސް މި ތިބީ އެ ހިސާބުގައި. ކޮވިޑް-19 ގެ މި ޗެލެންޖިން ވަގުތުގައި ޔުނައިޓެޑަށް މާ ބޮޑު ހުރަސްތަކެއް ނެތް،" އެމެރިކާގެ ޗެނަލަކަށް އިން އިންޓަވިއުއެއްގައި ވުޑްވާޑް ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ފާރަލާ ކުޅުންތެރިންގެ ތެރޭގައި އެސްޓަން ވިލާގެ ޖެކް ގްރީލިޝް އާއި ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އަދި ބާމިންހަމްގެ ޒުވާންތަރި ޖޫޑް ބެލިންހަމް ހިމެނެ އެވެ.

އެމެރިކާގެ މަހުޖަނު މެލްކަމް ގްލޭޒާ އަށް ޔުނައިޓެޑް ގަތުމަށް ލަފާދިނީ 2005 ވަނަ އަހަރު ވުޑްވާޑް އެވެ. ގްލޭޒާގެ ފަރާތުން ޔުނައިޓެޑަށް އެންމެ ފުރަތަމަ ވުޑްވާޑް ހިދުމަތްކުރަން ފެށީ މާލީ ގޮތުން ލަފާދޭ މީހެއްގެ ގޮތުގަ އެވެ. ފަހުން 2007 ވަނަ އަހަރު ޔުނައިޓެޑްގެ ކޮމާޝަލް އަދި މީޑިއާ ކަންތައްތަކުގެ އެންމެ އިސް ވެރިޔެއްގެ ޒިންމާ ހަވާލުކުރި އެވެ. އޭނާގެ މޭސްތިރި ކަމުގެ ދަށުގައި ޔުނައިޓެޑްގެ އަގު އެތައް ގުނައެއް އުފުލިގެން ދިއުމާ އެކު 2012 ވަނަ އަހަރު ޔުނައިޓެޑްގެ ސީއީއޯގެ މަގާމުގައި ހުރި ޑޭވިޑް ގިލް ރިޓަޔާކުރުމުން އެގްޒެކްޓިވް ވައިސް ޗެއާމަންގެ މަގާމާ އެކު ސީއީއޯގެ ބޮޑެތި ޒިންމާތައް ހަވާލުކޮށް ނުފޫޒުގަދަ މަގާމަކަށް ވުޑްވާޑް އައްޔަނުކުރި އެވެެ.

"ގްލޭޒާގެ ވިޔަފާރިތަކާ އެހެން ކަންތައްތަކަށް ބެލިޔަސް މި ވަގުތު ޔުނައިޓެޑް އޮތީ މާލީގޮތުން ރަނގަޅު ހިސާބެއްގައި. މިހާރު ސުވާލަކީ މިއީ ކިހާ ދުވަހެއް ވަންދެން ދެމިގެންދާނެ ހާލަތެއްތޯ. ބެލެވޭ ގޮތުގައި މި ވަރަށް އަވަހަށް ކޮންޓްރޯލް ކުރުމުގެ ފުރުސަތު އެބައޮތް،" ވުޑްވާޑް ބުންޏެވެ.

އިނގިރޭސި ސަރުކާރުން ކަނޑައަޅާ ސްކީމުގައި ހިމަނައި ބައެއް ސްޓާފުން މުސާރަ ނުދޭ ގޮތަށް ފޮނުވައިނުލަން ޔުނައިޓެޑުން ވަނީ ނިންމައިފަ އެވެ. ޔުނައިޓެޑުން ވަނީ ކުޅުންތެރިން ބޭނުންނަމަ ކޮވިޑް-19 ސަޕޯޓް ފަންޑްތަކަށް ފައިސާ ދިނުމަށް އެ ކުޅުންތެރިންގެ މުސާރައިން ބައެއް ބޭނުންކުރެވިދާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އިތުރު ގޮންޖެހުމެއް އެބައޮތެވެ. އެއީ ކުރިން ކޮށްފައިވާ ޓްރާންސްފާތަކަށް މި ފަހަރުގެ ދައްކަން ޖެހޭ ފައިސާ އިތުރުވެއްޖެނަމަ ޔުނައިޓެޑަށް ބޭނުންވާ ހޭދަ ކުރެވުމުގެ ފުރުސަތު ކުޑަވުމެވެ. ރިޕޯޓްތައް ބުނާގޮތުން ކުރީގެ ޓްރާންސްފާތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 40 މިލިއަން ޕައުންޑާ ގާތްކުރާ އަދަދެއް މި ފަހަރު ޔުނައިޓެޑުން ދައްކަން ޖެހެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑީ ދުނިޔޭގެ ރެކޯޑް އަގަކަށް މީ ސީޒަން ފެށުމުގެ ކުރިން ގަތް ހެރީ މެގުއާގެ ޓްރާންސްފާގެ ބަޔަކާއި ޖެނުއަރީ މަހު ސްޕޯޓިން ލިޒްބަން އިން ގެނައި ބްރޫނޯ ފެނާންޑޭސްގެ ޓްރާންސްފާ ފީގެ ތެރެއިން ބައެކެވެ.