ޖިންނިއެއްގެ ޝަކުވާ
ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ

ފޯނުން ތަނަށް އަލިކޮށްލަން އަތް ހަރަކާތްކުރި ވަގުތު ކުޑަކުއްޖަކު ހީނގަތް އަޑު ދީމާއަށް އިވުނެވެ. އެ އަޑު އެއްގޮތަކަށް ވެސް އާޒިމްގެ އަޑާ ވައްތަރެއް ނޫނެވެ.

"ބަލަ ކަލޭ ވިސްނީމައެއްނު އަހަރެންގެ ފަހަތުން އެ ގޮލާ ފޮނުވީ،" އަނިލް ވަގުތުން ބުންޏެވެ. "ކީއްކުރަން ފޮނުވީ؟"

"އެއީ އޭނަ އަމިއްލައަށް ދިޔައީ،" ޖަވާބުގައި ހަނާ ބުންޏެވެ. "މަ ބުނިން ނުދާށޭ ވެސް. އެކަމަކު އޭނަ ދިޔައީ. އަހަންނަކަށް ނުއެއް ހިފޭއްޓޭނެއެއްނު! ކަލޭ އަންހެނުން މިރޭ ނުގުޅާތަ؟ އަޅެ ފޯނު ބަލާލަބަލަ!"

ގޭގައި ކޮންމެވެސް ކަންތައްގަނޑެއް ހިނގާކަން އަނިލްއަށް ޔަގީންވިއެވެ. އެހެނަސް، އެ ފަދަ ކަންކަމާ ކުރިމަތިލާނެ ގޮތް ދީމާއަށް ދަސްކޮށްދީފައި ވާތީ އަނިލް ކަންބޮޑެއް ނުވެއެވެ. އަނިލް ބޭނުންވަނީ، އަނބިމީހާ ބިރުގަންނަވައިގެން އަނިލް ނުހުއްޓުވޭނެކަން ސާބިތުކޮށްދޭށެވެ.

"ކަލޭ ނުޖެހޭ އެ ކަމާ ކަންބޮޑުވާކަށް. މިހާރު ލައްކަ ވަގުތު ބޭކާރު ކުރެވިއްޖެއްނު!" އަނިލް ބުންޏެވެ. "ދެން އޮށޯވޭ!"

ދެން ވެސް ހަނާ އޮށޯންނާކަށް ނޫޅުނެވެ. ވާހަކަ އެހެން ދިމާއަކަށް އަނބުރައިލިއެވެ.

"މައްކާއިން އަންނަ މީހާ ލައްވާ އަހަރެން ކިޔަވަންތަ؟" ހަނާ އެހިއެވެ.

"އުހުނއުހުނ!" އަނިލް އެއްބަހެއް ނުވިއެވެ. "އޭނަ މި ތަނަށް ގެނެއްސިއްޔާ ބޯ ކަނޑާލާނަން."

"އެކަމަކުވާ!" ޗޮކެއްކަނޑައިފައި ހަނާ ބުންޏެވެ. "މަ ބުނީމެއްނު އެއީ މުސްކުޅިއެކޭ!"

"ބަލަ ކަލޭ މުސްކުޅިއެކޭ ނޫނީ ކުޑަ ސޮރެކޭ ބުނީމަ އަހަރެން ވީ ގަބޫލުކުރަން؟" އަނިލް ސުވާލުކުރިއެވެ. "އަހަންނަކަށް ފެންނަ ބަޔެއް ނޫން ވާހަކަދެއްކޭ ބަޔެއް ނޫން."

ދީމާ ހުރީ އާޒިމްގެ މޫނަށް އަލިކޮށްގެންނެވެ. އާޒިމް އޮތީ ނިދައިފައެވެ. އެކަމަކު ހުއްޓައިނުލައި ހެމުންގެންދިޔައެވެ. ކުއްލިއަކަށް ލޯހުޅުވައިލިއެވެ. ހުނުން ހުއްޓައިލިއެވެ.

"ދެން މައްސަލައެއް ނެތް!" އަނިލް ވާހަކަ ކުރުކޮށްލިއެވެ. "ކަލޭ އޮށޯވެބަލަ!"

"އަހަރެން ހުންނާނީ ދޮންތަ ކައިރީގަ،" ޗޮކެއްކަނޑައިފައި ހަނާ ބުންޏެވެ. "ދޮންތަ ވައްދާ!"

ދޮންތައަކީ ހަމްދާއެވެ. ރިޒްވާންގެ ދޮށީ ދައްތައެވެ. އޭނައަކީ ރުޤްޔާކުރާ ތަނަށް ވަންނަން ބޭނުންވާ މީހެއް ނޫނެވެ. އޭނަ ގެންނަން ޖެހޭ ވަކި ހާއްސަ ބޭނުމެއް ނުވެސް ނެތެވެ.

"ކީއްކުރަން ދޮންތަ ވައްދަނީ؟" އަނިލް އެހިއެވެ.

"ދޮންތަ ބުނީ ކިޔަވާ ގަޑީގަ ދޮންތަ ހުންނަން ބޭނުމޭ!" ހަނާ ބުންޏެވެ.

އާޒިމް ބަލަހައްޓައިގެން އޮތްގޮތުން ހީވަނީ އާޒިމަށް ދީމާ ފެންނަހެންނެވެ. އެކަމަކު ދީމާ ދެ ފަހަރަކު ގޮވައިލުމުން ވެސް އާޒިމް ހަރަކާތެއް ނުކުރިއެވެ. އެ ދަނޑިވަޅު ދީމާގެ ފަހަތުން އެއްޗެއް ހުރަސްކުރިހެން ދީމާއަށް ހީވިއެވެ. ގަޔަށް ވައިއެޅުނު ގޮތުންނެވެ. އެ ފަދަ ދަނޑިވަޅުތަކުގައި ފަހަތް ނުބަލަން އަނިލް އޮންނަނީ ބުނެފައެވެ. އެހެންވެ ދީމާ ފަހަތެއް ނުބަލައެވެ. އާޒިމަށް ބަލަހައްޓައިގެން ހުރިއިރު ދީމާޔާ ވަރަށް ގާތުގައި ކޮންމެވެސް އެއްޗެއް ހުއްޓި ހުރިހެން ދީމާއަށް ވަރަށް ހީވިއެވެ. އެ ކަމަށް ހެކިދިނީ ދީމާގެ ކޮނޑާ ދިމާއަށް އާޒިމް މަޑުމަޑުން ބަލައިލުމުންނެވެ.

"މައްސަލައެއް ނެތް! ދޮންތަ ވައްދަފާނަން. އެކަމަކު އޭރުން ކަލޭ ޖެހޭނެ އޮށޯންނަން،" އަނިލް ޝަރުތެއް ހުށައެޅިއެވެ. "އެހެން ނޫނީ ދޮންތަ ނެރޭނަން."

އަނިލްގެ އެދުމަށް ހަމްދާ ކޮޓަރިއަށް ވެއްދިއެވެ. ހަމްދާ ފެނުމާއެކު ހަނާ ދުވެފައި ގޮސް ހަމްދާ ގައިގައި ބައްދައިގަތެވެ. ދެން ދުރަކަށް ނުދިޔައެވެ.

"އަހަނ! ކަލޭ މީހުންނާ ދިމާއަށް މުނާފިގޭ ކިޔާކަށް ލަދެއްނުގަނޭ؟" އަނިލް އެހިއެވެ. "ކަލޭ ތި ކުރީ މުނާފިގުކަން ކުޑަ ކަމެއްތަ؟"

"އަހަރެން ބުނީމެއްނު ދޮންތަ ކައިރީގަޔޭ އަހަރެން ހުންނާނީ." ހަނާ ބުންޏެވެ.

"ބަލަ ހަމަ ކަލެއެއްނު ބުނީ މިތާ އޮށޯންނާނަމޭ!" އަނިލް ބުންޏެވެ.

"ނޯށޯންނާނަން،" ހަނާ އިންކާރުކުރިއެވެ. "ކަލޭ ތި އުޅެނީ އަނިޔާކުރަން."

ދީމާގެ ކޮޓަރިއަށް ކަރަންޓު އައިސް މުޅި ކޮޓަރި އަލިވިއެވެ. ވަރަށް ހަމަޖެހިލައިފައި ދީމާ ފަހަތް ބަލައިލިއެވެ. އެކަކު ވެސް ނެތެވެ. ދެން ބަލައިލިއިރު އާޒިމް އޮތީ ނިދައިފައެވެ.

"އަހަރެން ނޫޅެން އަނިޔާކުރާކަށް،" އަނިލް ބުންޏެވެ. "ކަލޭ މިތާ ރީތިކޮށް އޮވެއްޖެއްޔާ ކަލޭ ގައިގަ މަ އަތް ވެސް ނުލާނަން."

"އައްދެ! ކަލެއަކަށް އަތެއް ނުވެސް ލެވޭނެ!" ޔަގީންކަމާ އެކުގައި ހަނާ ބުންޏެވެ. "ހިލޭފިރިހެނުން އައިސް އަންހެނުންނަށް ރުޤްޔާކުރުމަކީ ހަމަ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫން!"

ހަމްދާ ގެނައި ސަބަބަކީ އެއީއެވެ. ބޭނުމަކީ ހަމްދާގެ ހިތުގައި ޝައްކު އުފައްދައިގެން ރުޤްޔާކުރުން ހުއްޓުވޭތޯ ބެލުމެވެ. އެކަމަކު "ހަނާގެ" ކޮންމެ މަސައްކަތެއް ބޭކާރުވަމުންދިޔައެވެ.

"ރުޤްޔާކުރުން އެއީ ކޮން ކަހަލަ ކަމެއްތޯ ނިންމާނީ ކަލޭތަ؟" އަނިލް ބުންޏެވެ.

"އަޅެ ކަލޭ ބުނެބަލަ!" ހަނާ ބުންޏެވެ. "އެއީ ރަނގަޅު ކަމެއްތަ؟"

"ބަލަ އެހެން މީހަކަށް ނުކުރެވެންޏާ ކުރެވޭ ވަރުގެ މީހަކު ގެންނާކަށްނު ޖެހޭނީ." އަނިލް ޖަވާބުގައި ބުންޏެވެ.

"ތީ އޭނަގެ ފިރިމީހާގެ މައްސަލައެއްނު! އެހެންވީމަ ކަލޭ ވެއްޖެއްނު އޭނަ އިސްލާހުކުރަން،" ހަނާ އެދުނެވެ. "ކަލޭ ވީނު އޭނައަށް ނަސޭހަތްދޭން."

"ކަލޭ ވެއްޖެއްނު ތި ބޭކާރު އަނގަތެޅުން ހުއްޓާލަން،" އަނިލް ރުޅިއައިސްފައި ބުންޏެވެ. "މާ އަނގަ ގަދަނުކޮށް މިތާ އޮށޯވޭ!"

"އަހަރެން ރަނގަޅު ނަސޭހަތެއް ދިނީމަ ކަލޭ ރުޅިއަންނަނީ ކީއްވެގެންތަ؟" ހަނާ އެހިއެވެ.

"ރުޅިއެއް ނާންނަމޭ!" އަނިލް ބުންޏެވެ. "ބޭކާރު އަނގަނުތަޅާ މިތާ އޮށޯވޭ!"

ހުރި ފިޔަވަޅުމަތިން ހަނާ ގުޑައި ވެސް ނުލިއެވެ.

"ކަލޭ އަނިޔާނުކުރަން ބުނީމަ އޮށޯންނާނީ." ހަނާ ބުންޏެވެ.

"ތި ހީކުރީތަ ދޮންތަ ކައިރީގަ ހުރީމަ އަނިޔާ ނުކުރެވޭނެކަމަށް؟" އަނިލް ބިރުދައްކައިލިއެވެ.

"އޭ! އެހެން ނަހަދައްޗޭ! ދޮންތަ ދެރަވާނެ." ހަނާ އެދުނެވެ.

"ހެޔޮ ދެރަވިޔަސް،" އަނިލް ބުންޏެވެ. "ދޮންތައަށް އެނގޭނެ ހަނާއަށް އަނިޔާނުވާނެކަން."

"ކަލޭ ކިހިނެއް އޭނައަށް އަނިޔާނުވާ ގޮތަށް އަހަރުމެންނަށް ތި އަނިޔާކުރަނީ؟" ހަނާ އެހިއެވެ.

"ގަދަކަމުން ކަލޭ ބާއްވަންވީތަ؟" ދެ ލޯ ބޮޑުކޮށްލައިފައި އަނިލް އެހިއެވެ. "ދޮންތަ ހިފޭއްޓިޔަސް، ރިޒްވާން ހިފޭއްޓިޔަސް މަ އަނިޔާކުރަން ވެއްޖެއްޔާ ކުރާނަން."

"ކަލޭ ތީ ހާދަ ނުލަފާ މީހެކޭ ދޯ!" ހަނާ ބުންޏެވެ.

"ބުނަން! މަ ދެން އިތުރު ވާހަކައެއް ނުދައްކާނަން. ކިޔަވަން ފަށަނީ މި!" އަނިލް ބުންޏެވެ.

އަނިލް ކިޔަވަން ފެށިއެވެ. ހަނާ ކޮންމެ ވާހަކައެއް ދެއްކިޔަސް ކިޔެވުން ހުއްޓައިނުލަން ނިންމައިގެންނެވެ.

"އޭ! ކަލޭ ގެނައި ސްޕީކަރު ކޮބާ؟" ހަނާ އެހިއެވެ.

ދަބަހުގައި ރައްކާކޮށްގެން އަނިލް ކުޑަ އިސްޕީކަރެއް ގެނައެވެ. އެއީ ޤުރުއާން ޖެހޭ އެއްޗެކެވެ. އަނިލް ނޫން އެހެން މީހަކަށް އެ ކަމެއް ނޭނގޭނެއެވެ.

"އެއިން ވެސް ޤުރުއާން ޖަހަންވީ؟" ޖަވާބުނުދީއެއް އަނިލްއަކަށް ނީނދެވުނެވެ.

އަނިލް އިސްޕީކަރު ނެގިއެވެ. ރިޒްވާން އަތަށް ދިނެވެ.

"މި ޕްލޭކޮށްލަބަލަ!" އަނިލް އެދުނެވެ. "އޭނަ މާ އަޑުއަހާ ހިތުން އެ އުޅެނީ."

"އޭ! ތިހެން ނަހަދާ!" ހަނާ އާދޭސްކުރަން ފެށިއެވެ.

"ދެން ކަލޭ ކީއްކުރަން ހަނދާންކޮށްދިނީ؟" އަނިލް ސުވާލުކުރިއެވެ. "މި ޖެހީމަ ކަލެއަށް އެނގޭނެއްނު ކަލެއަށް އަނިޔާވާކަން."

އިސްޕީކަރުން ޤުރުއާން ޖަހަމުން އަނިލް ކިޔަވަން ފެށިއެވެ. އިސްޕީކަރުން ޖެހީ އަޒާބުގެ އާޔަތްތަކެވެ. ތަނުގެ އެތެރޭގައި ގިނަ އަދަދަކަށް ޖިންނިސައިތާނުން ތިބިކަން އަނިލްއަށް ޔަގީނެވެ. ކުރީ ރޭ ކިޔެވިކިޔެވުމުގައި ހަނާއަށް ދެ ކަމެއް ޖެހިފައިވާކަން އަނިލްއަށް ދަނެގަނެވުނެވެ. އަނިލްގެ މަގުސަދަކީ ބޮޑަށް ޔަގީންކުރުމެވެ. ކިޔަވަން ފެށިތާ މާ ގިނައިރެއް ނުވަނީސް ހަނާ ހޭނެތިގެން ދެމުނެވެ. ރިޒްވާން ގޮސް ހަނާ ރީތިކޮށް އެނދުގައި ބޭއްވިއެވެ. އޭރު ވެސް އަނިލް ކިޔެވުން ހުއްޓައެއް ނުލައެވެ. ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ކިޔެވި ތަނާ ހަނާ ހޭން ފެށިއެވެ. އަނިލް ހުއްޓައިނުލައި ކިޔެވިއެވެ. ކިޔަވަމުން އަނިލް އަތުގައި އޮތް އިލޮށިން މަޑުމަޑުން ހަނާގެ ކޮނޑުގައި ޖަހައިލައެވެ. ފަނަރަ މިނެޓު ވާން އުޅެނިކޮށް ހަނާ ވާހަކަދައްކަން ފެށިއެވެ.

"ކަލޭ އަޅެ ބުނެބަލަ!" ލޯމަރައިގެން އޮތް ހަނާ ބުންޏެވެ. "ކަލެއަށް އަޅެ ހަނާ ރީއްޗެއް ނޫންތަ؟"

ޖިންނިސައިތާނުންނަކީ މަކަރުވެރި ބައެއްކަން އަނިލްއަށް އެނގެއެވެ. އެކަމަކު އެހާ މުޑުދާރު ރޭވުމެއް ރާވާނެކަމަކަށް އަނިލް ހިޔެއް ނުކުރެއެވެ. ގާތުގައި ހަނާގެ ފިރިމީހާ ރިޒްވާން އިނެވެ. ހަނާގެ ދޮންތަ އިނެވެ. ހަނާއަކީ ހުތުރުކުއްޖެއް ނޫނެވެ. ކޮންމެ މީހަކު ވެސް އެ ކަމަށް އެއްބަސްވާނެއެވެ. އެކަމަކު އެ ދަނޑިވަޅުގައި ހަނާ ރީތިކަމަށް އަނިލް އެއްބަސްވުމަކީ ހުތުރުކަމެކެވެ. ރީއްޗެއް ނޫނޭ ބުނުމަކީ ވެސް އެހާމެ ހުތުރުކަމެކެވެ. އެ ސުވާލަކީ ނޭނގެޔޭ ބުނެވޭ ކަހަލަ ސުވާލެއް ނޫނެވެ. އަނިލްއަށް އޮތް ގޮތަކީ "ހަނާ" ބުނި އެއްޗެއް އިވުނު ކަމަށް ނަހަދާ ކިޔެވުމެވެ. އަނިލް ހެދީ އެހެންނެވެ. ހަނާ ދެން ވާހަކަދެއްކީ ރިޒްވާނާއެވެ.

"ރިޒްވާން!" ހަނާ ބުންޏެވެ. "ކަލޭ ލަދެއްނުގަނޭތަ؟ މިހިރަ އަނިލްއަށް ކަލޭގެ އަންހެނުން ވަރަށް ރީތި! ގައިމު ކަމެއް ވެގެންތާ އޭނަ އެއްޗެއް ނުބުނެ އެ އިންނަނީ."

އަނިލްއާ ދިމާއަށް ރިޒްވާން ބަލައިލިކަން އަނިލްއަށް އެނގެއެވެ. އެކަމަކު ދެނަހުރިކަމަށް ވެސް ނަހަދައި އަނިލް ކިޔެވިއެވެ. ރިޒްވާން އިނީ ހަނާގެ ފައިލާކޮޅުގައެވެ.

"ރިޒްވާން!" އަނެއްކާ ވެސް ހަނާ ގޮވައިލިއެވެ. "އާދެބަލަ މިކޮޅަށް! އައިސް މި ދޭތެރޭގަ ހުރެބަލަ!"

"ހަނާ" މަސައްކަތްކުރީ އަނިލްއާ ހަނާއާ ދޭތެރޭގައި ރިޒްވާން ބައިންދާށެވެ. ހަނާ ގައިގަ އިލޮށިން ޖެހިޔަނުދިނުމަށް ޓަކައެވެ.

"ރިޒްވާން ލަދެއްނުގަނޭތަ ރިޒްވާންގެ އަނބިމީހާ އަނިލްއަށް ދައްކައިގެން ހުންނާކަށް؟" ހަނާ އެހިއެވެ.

ރިޒްވާން އެއްޗެއް ނުބުންޏެވެ. ނުވެސް އައެވެ. ކުރަން އުޅުނު މަސައްކަތް ބޭކާރުވުމުން ހަނާ އަނެއްކާ ވެސް އަނިލްއަށް ގޮވަން ފެށިއެވެ.

"އަނިލް!" ހަނާ ބުންޏެވެ. "ކަލޭ އަޅެ ރީތިކޮށް ބުނެބަލަ! ކަލެއަކަށް ހަނާ ރީއްޗެއް ނޫންތަ؟"

އަނިލްއަށް މަޖުބޫރުވީ ޖަވާބެއް ދީފައި "ހަނާގެ" ދޫ މައިތިރިކުރާށެވެ.

"މަށަކަށް ރީއްޗެއް ނޫން!" އަނިލް ބުންޏެވެ.

"އަހަނ!" ހަނާ ބުންޏެވެ. "ކަލޭ ކަނޑައެޅިގެން ދޮގެއްނު ތި ހެދީ! ރީތިއްޔާ ރީތި ވާހަކަ ބުނެވޭނެއްނު!"

"ކަލޭ ފިތުނަ އުފެއްދުން ހުއްޓާލަބަ!" އަނިލް ގާތަށް ރުޅިއައިސްފައި ބުންޏެވެ.

"އެންމެ ރަނގަޅު!" ހަނާ ބުންޏެވެ. "ރިޒްވާން އިނދެގެން ނޫޅޭ ނަމަ ކަލޭ ހަނާޔާ އިނދެފާނަންތަ؟"

ނުނިމޭ