21 އެޕްރީލް 2020 - 10:24

ރާއްޖޭގައި ވެސް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރުމުގައި އެންމެ ފަހު މީހާއާ ހަމައަށް ވެސް ދިވެހި ސިފައިން މަސައްކަތްކުރާނެ ކަމަށް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 128 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ޝަމާލް ވިދާޅުވީ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތްކުރަން ބޮޑެތި ގުރުބާނީތަކެއް ސިފައިން ވަމުން އަންނަ ކަމަށެވެ. އަދި ރައްޔިތުން ބަލިން ސަލާމަތް ކުރުމަށްޓަކައި ވެވެން އޮތް ހުރިހާ ގުރުބާނީއެއް ސިފައިން ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެންމެ ފަހު މީހާއާ ހަމައަށް ވެސް ސިފައިން ދާނީ މަސައްކަތް ކުރަމުން. އެނގިވަޑައިގަންނަވާނެ ފަދައިން މިހާރު އެންމެ ރިސްކީ މަސައްކަތްތަކުގައި ސިފައިން އެ ގެންދަނީ އެކްޓިވްކޮށް އިންވޯލްވެ މަސައްކަތް ކުރަމުން،" ޝަމާލް ވިދާޅުވި އެވެ.
ކޮވިޑް-19 ކޭސްތަކާ ގުޅިގެން އެއްތަނުން އަނެއް ތަނަށް މީހުން އުފުލުމާއި ކަރަންޓީން ކޮށްފައިވާ މީހުންގެ ކަންކަން އިންތިޒާމު ކުރުމުގެ އިތުރުން އެކިއެކި ފެސިލިޓީތައް މެނޭޖްކުރުމާއި އެތަންތަން ތައްޔާރު ކުރުމުގައި ސިފައިން ހަރަކާތްތެރިވާކަން ޝަމާލް ފާހަގަކުރެއްވި އެވެ.
"ސިފައިން މިގެންދަނީ ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވަމުން. އޭގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ގައުމަށްޓަކައި. ރައްޔިތުންނަށްޓަކައި ކޮށްދެމުން ސިފައިން މިގެންދަނީ،" ޝަމާލް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހު މާލޭން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވި ފަހުން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ. މިހާތަނަށް 69 މީހަކަށް ރާއްޖޭން އެ ބަލި ޖެހިފައިވެ އެވެ.
ވޭތުވެދިޔަ އަހަރަކީ ސިފައިންގެ އަށް ގިނަ ކުރިއެރުންތަކެއް ލިބުނު ފަހުރުވެރި އަހަރެއް ކަމަށްވެސް ޝަމާލް ވިދާޅުވި އެވެ. އެގޮތުން ސިފައިންގެ މުޅި އޮޕަރޭޝަނަށް އާ ބަދަލުތަކެއް ގެނައުމާއި ވެލްފެއާ ކަންކަން ހަރުދާ ކުރުމުގެ އިތުރުން ރައްޔިތުންނާ އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަ ކުރެއްވި އެވެ.