އެޕް ސްޓޯރް، މިއުޒިކް، އައިކްލައުޑް އަދި އިތުރު ހިދުމަތްތައް ރާއްޖެ އަށް ދީފި
އެޕް ސްޓޯރް، މިއުޒިކް، އައިކްލައުޑް އަދި އިތުރު ހިދުމަތްތައް ރާއްޖެ އަށް ދީފި

އެޕް ސްޓޯރާއި އެޕަލް މިއުޒިކާއި އެޕަލް ޕޮޑްކާސްޓާއި އައިކްލައުޑާއި އިތުރު އެހެން ބައެއް ހިދުމަތްތައް ރާއްޖެ ހިމެނޭ ގޮތަށް، މިއަދު އިތުރު ގައުމުތަކަށް ދޫކުރަން ފަށައިފިކަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

ހިދުމަތްތައް ދީ ނިމުމުން އެޕަލްގެ ގޭމިން ޕްލެޓްފޯމް ކަމަށްވާ އެޕަލް އާކޭޑް ވެސް ރާއްޖެ އަށް ލިބޭނެ އެވެ. މި ވަގުތު ހިދުމަތް ނުލިބުނަސް، ގިނައިރުތަކެއް ނުވެ ހިދުމަތް ލިބޭނެ އެވެ.

އެޕަލް އިން މިދިޔަ މަހު ވަނީ މި ހިދުމަތްތައް ރާއްޖެއާ އެކު އިތުރު 20 ގައުމަކަށް ދޭނެ ކަމަށް ބުނެފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޓެކް ކުންފުނިން ހިދުމަތްތައް އަލަށް ދޭ ގައުމުތަކުގެ ތެރޭގައި އެފްރިކާ، ޔޫރަޕް، އޭޝިއާ-ޕެސިފިކް އަދި މެދުއިރުމަތީގެ ބައެއް ގައުމުތައް ހިމެނެ އެވެ.

އަލަށް ހިދުމަތް ދިން ގައުމުތަކާ އެކު އެޕަލް މިއުޒިކް މިހާރު އިތުރު 52 ގައުމަކަށް ލިބޭނެ އެވެ.

"އެޕަލްގެ ހިދުމަތްތައް އިތުރު އެތައް ގައުމެއްގެ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް،" އެޕަލް މިއުޒިކާއި އިންޓަނޭޝަނަލް ކޮންޓެންޓުގެ ނައިބު ރައީސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.

މި ހިދުމަތްތަކާ އެކު އަލަށް އެތައް ކަސްޓަމަރުންނަކަށް މިއުޒިކާއި ގޭމިން އާއި ޕޮޑްކާސްޓްގެ އާ ތަޖުރިބާތަކެއް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޕް ސްޓޯރު މިހާރު 175 ގައުމަކާއި ރީޖަންތަކަށް ލިބެ އެވެ. އަދި އެޕަލް މިއުޒިކް 167 މާކެޓަކަށް ވަނީ ފުޅާކޮށްފަ އެވެ. ވާދަވެރި ސްޕޮޓިފައި ލިބެނީ 100 އަށް ވުރެ ގިނަ މަދު ގައުމަކަށެވެ.

މައިކްރޮސޮފްޓާއި ގޫގުލްގެ ހިދުމަތް ވެސް ވަރަށް އަވަހަށް ރާއްޖެ އަށް ލިބޭނެ ކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ދީފަ އެވެ. މިގޮތަށް ގައުމަށް ހާއްސަކޮށް ހިދުމަތް ދޭން ފެށުމުން އެ ކުންފުންޏެއްގެ ވަރަށް ގިނަ ހިދުމަތްތައް ފަސޭހަކަމާ އެކު ލިބި އަދި ކުރިން ނުލިބޭ އެތައް ހިދުމަތެއް ވެސް ލިބޭނެ އެވެ.