22 އެޕްރީލް 2020 - 19:32

މެލޭރިއާގެ ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ހައިޑްރޮކްސީކްލޮރޯކްއީން އިންޑިއާ އިން ރާއްޖެ އަށް ހިލޭ ދީފި. ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ ހައިޑްރޮކްސިކްލޮރޮކުއިންގެ 50،000 ޔުނިޓު ހިލޭ އެހީގެ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކަަމަށް. އެ ބޭސްތައް މިރޭ ރާއްޖެ ގެނެސްފައި ވަނީ ޗެންނާއީން އައި މޯލްޑިވިއަންގެ މަތިންދާބޯޓުގައި. ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގައި ކޮންޓްރޯލްކޮށްފައިވާ މި ބޭސް ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް ދިނީ ދެ ގައުމުގެ މެދުގައި އޮންނަ ގާތްގުޅުމުގެ ރަމްޒެއްގެ ގޮތުން ކަމަށް. ހައިޑްރޮކްސީކްލޮރޯކްއީން އަކީ ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް އިތުބާރު ހިފޭ ބޭހެއް ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ބުނަމުން. މެލޭރިއާ ބޭސް އެކްސްޕޯޓް ކުރަން ރާއްޖޭގެ އިތުރުން 12 ގައުމަކަށް އިންޑިއާ އިން ހުއްދަ ދީފައިވޭ. އެއީ އެމެރިކާ، ސްޕެއިން، ޖަރުމަނު، ބަހްރެއިން، ބްރެޒިލް، ނޭޕާލް، ބޫޓާން، ސްރީ ލަންކާ، އަފްޣާނިސްތާން، ބަންގަލަދޭޝް، ސީޝެލްސް އަދި ޑޮމިނިކަލް ރިޕަބްލިކް.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުއްލި ގޮތަކަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނައިރު، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ހިމެނޭ ގައިޑްލައިނެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިރޭ އާންމުކޮށްފި. "ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ ކަންކަމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާ" ގައި ވަނީ ކޮރަޕްޝަން ހުއްޓުވުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއް ބަޔާންކޮށްފައި. އޭގެ ތެރޭގައި ދެފުށް ފެނުމާއި ޖަވާބުދާރީވުމާއި ދައުލަތުގެ މާލިއްޔަތާއި ޕްރޮކިއުމަންޓުގެ ނިޒާމުގައި ހިންގާ ކޮރަޕްޝަން މަދުކުރުމާއި ފާރަވެރިވުމުގެ ނިޒާމު ހަރުދަނާ ކުރުމާއި އިޖުތިމާއީ އަދާލަތު ގާއިމްކޮށް ނިންމުންތައް ނިންމުމުގައި ނަޒާހަތްތެރިކަން ޔަގީން ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ހިމެނޭ. އަދި ސްޓިމިއުލަސް/ރިލީފާ ގުޅޭ ކަންކަމާއި ކާރިސާއާ ގުޅިގެން ހިންގާ ޕްރޮގްރާމްތަކުގެ ނަޒާހަތްތެރިކަން ޔަގީން ކުރުމާއި ލިޔެކިޔުން ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމާއި އިދާރާތަކުގެ ހިންގުމުގެ ނިޒާމުގައި ކޮރަޕްޝަނަށް އޮންނަ ފުރުސަތު ކުޑަކުރުމަށް ކުރެވޭނެ ކަންކަން ވެސް އޭސީސީގެ ގައިޑްލައިންގައި ވޭ.
ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ ހަ ތަނެއް މޮނިޓަ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި. މޮނިޓާ ކުރަމުން އަންނައިރު، ޒަރޫރީ ބޭނުމެއްގައި ނޫނީ އެ ފަދަ ތަންތަނުން މީހުންނަށް ނުކުމެ ނޫޅެވޭނެ ކަމަށް ފުލުހުން ބުނި. ތޮއްޖެހިގެން ގިނަ ބިދޭސީންތައް ދިރިއުޅޭ ތަންތަން ފުލުހުން ބަލަހައްޓަމުން ގެންދަނީ މާލޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން. ޚާއްސަކޮށް އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރި ގޮތުން ބިދޭސީންގެ މެދުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ބުނޭ. މާލެ އިން 80 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދަކަށް ބިދޭސީން ހިމެނޭ. އެ މީހުންގެ ތެރެއިން ވެސް ގިނައީ ބަންގްލަދޭޝްގެ މީހުން.
ކޮވިޑް-19 އިން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅަކަށް ސަރުކާރު ތައްޔާރު ކަމަށާއި މި މަސައްކަތުގައި ހަރަދަކަށް ނުބަލާނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ދިވެހިންގެ ފުރާނަ ސަލާމަތްކުރުމުގައި ހޭދަކުރަން ސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ. މިކަން ކިތަންމެ ދިގުލައިގެން ދިޔައަސް ސަރުކާރުގެ ވިސްނުމަކީ އެއީ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"ބޭރުގެ އެތައް ގައުމަކުން މިކަމުގައި ގެންގުޅުނު ގޮތަކީ، ވީހާ ވެސް އަވަހަކަށް އެންމެންނަށް ޖެހިފައި، ރަނގަޅުވާ ބައެއް ރަނގަޅުވެ، މި ބަލީގައި މަރުވާ ބައެއް މަރުވުމުން އިގްތިސާދައިގެން ކުރިއަށް ދެވޭނެއޭ. އަޅުގަނޑުމެން ސްޓްރެޓެޖީއެއް އެހެންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ބަލި ޖެހޭ މީހުން މަދުކުރުމާ އެކު ބަލީގެ ޝިކާރައަކަށްވެ އެއްވެސް މީހަކު މަރުނުވާން ސިއްހީ ގޮތުން ކުރެވެން ހުރި ކަމެއް ކުރުމަކީ މި ސަރުކާރުން މިކަމުގައި އަމަލުކުރާނެ އުސޫލެވެ. ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިގްތިސާދު ހަލާކު ވިޔަސް އެކަމަކަށް މިވަގުތަކު އިސްކަމެއް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
"މި މަސއްކަތުގައި، އަޅުގަނޑުމެންގެ އިގްތިސާދު ހަލާކު ވާންވީ ވަރަކަށް ހަލާކު ވާންވީ،" މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް ފަހު އިގްތިސާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ބޭނުންވާނެ ކަމަށެވެ. އިގްތިސާދު މިހާރު އޮތް ގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިޔަފާރިތަކާއި އާންމުންނަށް މިވަގުތަށް ދޭ އެހީއަކީ ދިރިއުޅުން ހިފަހައްޓާލަން ދޭ އެހީއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ. މިކަން ކުރުމަށް ފަހުގައި އިގްތިސާދު ފުޅާކޮށް، ކުރިއަށް ގެންދިޔުމަށްޓަކައި "ސްޓިމިއުލަސް" ޕެކޭޖުތައް ވެސް އަންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެގޮތުން މަޑުޖެހިފައިވާ ވިޔަފާރިތަކަށް ކުރިއަށް ގެންދިއުމަށް ވެސް ސަރުކާރުން އެހީވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކުރާ ގޮތުގައި ކޮޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ، އެންމެ "ވާސްޓް ސިނޭރިއޯ" ގައި އިގްތިސާދު މައިނަސް 17 ޕަސެންޓަށް ވެއްޓޭނެ އެވެ. މިއީ އެންމެ ފަހުން ރާއްޖެއަށް ކުރިމަތިވި، އިގްތިސާދީ ލޮޅުން ކަމުގައިވާ 2009 ވަނަ އަހަރު ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސް ހާލަތަށް ވުރެ ވެސް ދަށް ހާލަތެކެވެ. އެފަހަރު އިގްތިސާދު ދަށަށް ދިއައީ މައިނަސް 6.6 ޕަސެންޓަށެވެ.