28 އެޕްރީލް 2020 - 10:06

މަބްރޫކް: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ ޕޮޒިޓިވް ވެފައި ވަނީ 21 މީހުން. އެހެންވެ ރާއްޖެ އިން ޕޮޒިޓިވްވި ޖުމްލަ އަދަދު ވަނީ 245 އަށް އަރާފައި. މީގެ ތެރޭގައި ހިމެނެނީ 99 ދިވެހިން.
ޑރ. އަފްޒަލް: ނަރުދޫގެ ކޭސްތަކާ ގުޅިގެން އެ މީހުން މިހާރު ވެސް ތިބޭނީ އެކަހެރިކޮށްފައި. އެކަމަކު މިހާރު އެ މީހުން ތިބީ ސީދާ ކޮންތާކު ކަމެއް އަދި ނޭނގެ. އެކަމަކު އެ މީހުން އައިސޮލޭޓްކުރެވޭނެ.
މަބްރޫކް: ބިދޭސީން އުޅޭ ތަންތަނުގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިވާ ތަންތަނުން މިހާރު ވެސް ރެންޑަމްކޮށް ސާމްޕަލް އެބަ ނަގަމުން ގެންދަން. މިއަދުގެ ކޭސްތަކާ ގުޅިގެން ވެސް އެކަން އެގޮތަށް ކުރަމުން ގެންދަން.
މަބްރޫކް: އަޅުގަނޑުމެން ހިންގާފައިވާ އޮޕަރޭޝަންތަކަށް އެޗްޕީއޭގެ ފަރާތުން ވަނީ ރަށްރަށުގައި މަސައްކަތް ކުރާ މީހުންނަށް ތަމްރީން ދީފައި.
އަފްޒަލް: އަމާޒު ބޯޓުގެ ސްޕްރެޑަށް ބަލާއިރު އަށް މީހަކު ޕޮޒިޓިވްވެފައިވޭ. މިލަންދޫން ވަނީ އެކަކު ޕޮޒިޓިވްވެފައި. 113 މީހުން ކޮންޓެކްޓް ވެފައިވޭ މި ކްލަސްޓާގައި.
ޑރ. އަފްޒަލް: މިއަދު ފެނިފައިވާ 21 ކޭސް ވެސް ގުޅިފައިވަނީ އެހެން ކްލަސްޓާތަކާ. އާ އެއްވެސް ކްލަސްޓާއެއް ނުފެނޭ.
މަބްރޫކް: ޕާކިސްތާނުގެ ރައްޔިތެއް ދަރުމަވަންތަ ހޮސްޕިޓަލުގައި މިހާރު ވަނީ އެޑްމިޓްކޮށްފައި. އޭނާ އެންމެ ފުރަތަމަ ދިޔައީ އޭޑީކޭ އަށް. އޭނާ ދިޔައީ ހުން އައިސްގެން. އެހެންވެ، އޭޑީކޭއިން ވަނީ 8 މީހެއްގެ ސާމްޕަލް ނެެގ، އެ ސާމްޕަލްތައް ނެގެޓިވްވެފައި. ދެން އޭނާ ދެ ފަހަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ދިޔަ އެތަނުން ހަތަރު މީހެއްގެ ސާމްޕަލް ވަނީ ނަގާފައި. އޭގެ ނަތީޖާއެއް އަދި ނުލިބޭ. އޭގެ ފަހުން އޭނާ ދިޔައީ އައިޖީއެމްއެޗަށް. އެތަނުން އޭނާގެ ސާމްޕަލް ނަގައި ވަނީ ޕޮޒިޓިވްވެފައި.
ދަރުބާރުގޭގައި ނޫސްވެރންގެ ބައްދަލުވުން ދެންމެ ފަށައިފި. މިރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި ޑރ. އިބްރާހިމް އަފްޒަލް.
މި މަހުގެ 15 ވަނަ ދުވަހު މާލެ އިން ފުރައިގެން ދިޔަ ށ. ނަރުދޫ "އަމާޒު" ބޯޓުގެ ކެޕްޓަންގެ އާއިލާގެ ބައެއް މެމްބަރުން ޕޮޒިޓިވްވެ، ނަރުދޫގެ އިތުރުން އެ އަތޮޅު މިލަންދޫގައި ވެސް ކޮވިޑް ފެތުރެން ފަށައިފި. އެނގިފައިވާ ގޮތުގައި، އަމާޒު ބޯޓުގެ ކައްޕިގެ އާއިލާގެ ފަސް މެމްބަރަކު ވަނީ ޕޮޒިޓިވްވެފައި. ބޯޓުގެ ކައްޕި ޕޮޒިޓިވްވެފައިވާ ކަން އެޗްޕީއޭ އިން ކުރިން ވެސް ވަނީ ބުނެފައި. މީގެ އިތުރުން މިލަންދޫގައި ވެސް އެކަކު ވަނީ ޕޮޒިޓިވްވެފައި. މި ދެ ރަށަކީ ވެސް ކަރަންޓީނުގައި އޮތް ދެ ރަށް.
ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 94. ރާއްޖެ އިން އެންމެ ގިނައިން އެ ބަލި ޖެހިފައި ވަނީ ބަންގްލަދޭޝްގެ މީހުންނަށް. އެ ގައުމުގެ 115 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައި. ދެން ޕޮޒިޓިވްވީ އިންޑިއާގެ 17 މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި އިޓަލީގެ 11 މީހަކާއި ޕާކިސްތާނުގެ ދެ މީހަކާއި އިނގިރޭސި ވިލާތުގެ އެކަކު. މީގެ އިތުރުން "އެހެނިހެން" ކެޓަގަރީގެ ތިން މީހަކު ޕޮޒިޓިވްވިކަން ހެލްތު މިނިސްޓްރީގެ އަދަދުތަކުން ދައްކާ.
އިތުރު 16 މީހަކު ޕޮޒިޓިވްވެ، ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ 245 އަށް އަރައިފި. އެޗްޕީއޭ އިންް ދެންމެ އިއުލާން ކުރި 16 ކޭހުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 9 މީހަކާ އިއިންޑިޔާގެ ހަތަރު މީހަކާއި ތިން ދިވެހިން.
ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު ދެ މީހަކު މިއަދު ޕޮޒިޓިވްވެއްޖެ އެވެ. މިހާރު ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަކީ 228 އެވެ.
އެޗްޕީއޭ އިން އާންމު އުސޫލުގެ މަތިން، މިއަދުގެ ފުރަތަމަ ދެ ކޭސް އަދި ސޯޝަލް މީީޑިއާގައި އާންމު ނުކުރިޔަސް ކޮވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދޭ ހެލްތު މިނިސްޓްރީގެ ވެބްސައިޓްގައިވާ ގޮތުން އިތުރު ދެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ. އެ މައުލޫމާތުތަކަށް ބަލާއިރު ކޭސް227 އަކީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޭސް228 އަކީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ކޭސް227 ގުޅެނީ ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ނަމަ "އެމްއެޗްއެފް" ކްލަސްޓާއާ އެވެ. ކޭސް228 މިހާތަނަށް އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތެވެ.
މިހާރު ރާއްޖެ އިން މި ބަލި ޖެހިފައިވާ ދިވެހިންގެ އަދަދަކީ 90 އެވެ. އެންމެ ގިނައިން އެ ބައްޔަށް ރާއްޖެ އިން ޕޮޒިޓިވްވެފައިވާ ބަންގްލަދޭޝް މީހުންގެ ޖުމްލަ އަކީ މިހާތަނަށް 106 އެވެ. ދެން ތިބީ އިންޑިއާގެ 13، ސްރީ ލަންކާގެ ދޭއް، އިޓަލީގެ 11 ޕާކިސްތާންގެ ދޭއް، އިނގިރޭސި ވިލާތުގެ އެކެއް އަދި "އެހެނިހެން" ކެޓަގަރީގެ ތިން މީހުންނެވެ.
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 17 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފަ އެވެ. އަދި ތިން މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން އެކަކަށް އޮކްސިޖަން ދެމުން އަންނަ ކަމަށް ސަރުކާރުން ރޭގައި ބުނެފައި ވެ އެވެ. އެއީ ޕާކިސްތާނުގެ ދެ މީހުންގެ ތެރެއިން އުމުރުން 48 އަހަރުގެ ފިރިހެންމީހާ އެވެ.
ރާއްޖެ އިން އިއްޔެ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 12 ކަމަށް ވާއިރު، މިހާތަނަށް އެ ބަލީގެ އެންމެ ގިނަ މީހުން ފެނުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ވަނީ 73 މީހަކު ޕޮޒިޓިވްވެފަ އެވެ.