މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތް ހަދަނީ
މެޗެއްގެ ތެރެއިން ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތް ހަދަނީ

ޒިއުރިކް (އޭޕްރީލް 28) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލި ފުޓްބޯޅަ ސީޒަން އަލުން ފަށާއިރު މެޗުތަކުގެ ތެރޭގައި، ފަސް ކުޅުންތެރިން ބަދަލުކުރެވޭ ގޮތަށް ވަގުތީ ގޮތުން ގަވާއިދު ބަދަލުކުރަން ފީފާ އިން ޕްރޮޕޯސަލެއް ހުށަހަޅައިފި އެވެ.

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން މި ޕްރޮޕޯސަލް ހުށަހެޅީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އަށެވެ. އެ ބޯޑަކީ ފުޓްބޯޅަ ގަވާއިދު ހަދާ ބޯޑެވެ.

ފީފާގެ ތަރުޖަމާނަކު ބުނީ ސީޒަނުގެ މެދުތެރެއިން ގާތްގަނޑަކަށް ދެ މަހަށް ވުރެން ގިނަ ދުވަސް ވަންދެން މެޗުތަށް ނުކުޅެ ތިބުމަށް ފަހު އަލުން މެޗުތައް ފަށާއިރު ކޮންމެ ގައުމެއްގެ ފުޓްބޯޅަ ކަލަންޑަރަށް ވެސް އޮންނާނީ ވަރަށް ލޯޑު ބޮޑުވެފައިކަމަށާއި އެކަންކަމަށް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ.

"ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭއިރު އެބަޖެހޭ ކުޅުންތެރިންގެ ސަލާމަތަށް ވެސް ވިސްނަން. އެހެންވީމަ މި ފަދަ ޕްރޮޕޯސަލެއް މި ހުށަހެޅީ،" ފީފާގެ ތަރުޖަމާނު ބުންޏެވެ.

އައިފެބް އިން މީގެ ކުރިން ވަނީ ތިން ކުޅުންތެރިން ބަދަލުކޮށްފައިވަނިކޮށް މެޗުގެ ތެރެއިން ކުޅުންތެރިއެއްގެ ބޮލަށް އަނިޔާވެއްޖެނަމަ އެ ކުޅުންތެރިޔަކު ބަދަލު ކުރުމުގެ އިހުތިޔާރު ދޭ ގޮތަށް ގަވާއިދެއް އެކުލަވާލަން މަޝްވަރާކޮށްފަ އެވެ. ދާދި ފަހުން ޔުއެފާ އިން ވަނީ މެޗެއްގެ އިތުރު ވަގުތަށް ގޮސްފިނަމަ ހަތަރު ވަނަ ބަދަލެއް ކުރެވޭ ގޮތަށް ހަދައިފަ އެވެ.

ފީފާގެ ފަރާތުންމި ފަހަރު އައި މި ޕްރޮޕޯސަލާ ބެހޭގޮތުން އައިފެބް އިން ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ. އެއީ ގިނަ ގައުމުތަކުގެ ލީގުތައް ވީ އެންމެ އަވަހަށް ފަށަން މަސައްކަތް ކުރަމުން އަންނާތީ އެވެ. އެ ގޮތުން ޔޫރަޕްގެ ގައުމުތަކުން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި ޕްރެކްޓިސް ފަށައި ފުރުސަތު ލިބުމާ އެކު ލީގު ފަށާނެ ވަކި ތާރީހެއް ރަސްމީކޮށް އިއުލާނުކުރާނެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ފީފާގެ ވިސްނުމަކީ މެޗެއްގައި ފަސް ބަދަލު ގެނެވޭ މި ގަވާއިދަށް އަމަލުކުރުން މި ސީޒަނުގެ އިތުރުން އަންނަ ސީޒަނުގައި ވެސް ދެމެހެއްޓުމަށެވެ. ސަބަބަކީ އަންނަ ސީޒަން ވެސް ފުރިހަމަ ކުރަން ޖެހޭނީ ކުރު މުއްދަތެއްގެ ތެރޭގައި ކަމަށްވާތީ އެވެ.

ފީފާ އާއި އައިފެބުން މި ގަވާއިދަށް އަމަލުކުރަން އެސޯސިއޭޝަންތަކަށް ލަފާދިން ނަމަވެސް މި ކަމުގައި އެންމެ ފަހު ގޮތްތަކެއް ނިންމާނީ ލީގުތަކުގެ ބޯޑުންނެވެ.