އަތޮޅުތަކަށް ނަގުދު ފައިސާ އުފުލުމުގައި ބީއެމްއެލްގެ ސީއީއޯ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފި
އަތޮޅުތަކަށް ނަގުދު ފައިސާ އުފުލުމުގައި ބީއެމްއެލްގެ ސީއީއޯ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފި

ރަށްރަށަށް ބޭނުންވާ ނަގުދު ފައިސާ އުފުލުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިއީއޯ ޓިމް ސޯޔާ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފި އެވެ.

އެ ބޭންކްގެ ފޭސްބުކް ޕޯސްޓެއްގައި ބުނީ، މޯލްޑިވިއަންގެ ހާއްސަ މަތިންދާބޯޓަކުން ނުވަ އެއާޕޯޓަކަށް ދަތުރު ކުރިއިރު، މި ދަތުރުތަކުގައި ބޭންކްގެ ބްރާންޗުތަކަށް ނަގުދު ފައިސާ އާއި ބޭނުންވާ އެހެނިހެން ސާމާނު އުފުލާފައިވާ ކަމަށެވެ. މިކަމުގައި އަމަލީ ގޮތުން ބޭންކްގެ ސީއީއޯ ޓިމް ބައިވެރިވެވަޑައިގެންނެވިއިރު، ބީއެމްއެލްގެ އެހެން ބައެއް އިސްވެރިން ވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ.

މި ދަތުރުތަކުގައި ބޭންކުގެ ބްރާންޗްތަކަށާއި އޭޓީއެމްތަކަށް ބޭނުންވާ ފައިސާގެ އިތުރުން ކޭޝް ކާޑާއި ޕީއޯއެސް ޓާމިނަލްތައް ވެސް 23 ބްރާންޗަކަށް ފޮނުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަަރަހައްދާއި ބައެއް ރަށްތައް ލޮކްޑައުން ހާލަތުގައި އޮތުމާ ގުޅިގެން، ދަތުރުފަތުރު ކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ހުއްޓާލާފައިވާ އިރު ހާއްސަ ދަތުރުތަކެއް ބައެއް ސަރަހައްދުތަކަށް އަންނަނީ ކުރަމުންނެވެ.

ބީއެމްއެލުން ބުނީ، މި ހާލަތުގައި ވެސް ކަސްޓަމަރުންނަށް ދަތިކަމެއް ނެތި ހިދުމަތްތައް ދިނުމަށްޓަކައި ބޭންކުން ކެނޑިނޭޅި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.