01 މެއި 2020 - 12:28

ބުދަ ދުވަހާއި ބުރާސްފަތި ދުވަހު، އިންޑިއާގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އިރުފާން ޚާނާއި ރިޝީ ކަޕޫރް މަރުވެ، ބޮލީވުޑަށް ހިތާމައިގެ މައްޗަށް ހިތާމަ ކުރިމަތިވެފައި ވަނިކޮށް މިއަދު ވެސް ފިލްމީ ދާއިރާގެ މީހަކު މަރުވެއްޖެ އެވެ.
މިއަދުހެ ވަގުތެއްގައި މަރުވެފައި ވަނީ ފިލްމު އެންޑް ޓެލެވިޝަން ޕްރޮޑިއުސާސް ގިލްޑްގެ ސީއީއޯ ކުލްމީތު މައްކަރު އެވެ. މީޑިއާތަކުން ބުނީ އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ހިމާޗަލް ޕްރަދޭޝްގެ ދަރަމްޝާލާގައި ކަމަށެވެ. ކުލްމީތު މަރުވި ޚަބަރާ އެކު ބޮލީވުޑްގެ ފަންނާނުން ޓްވިޓާގައި ހިތާމަފާޅުކޮށްފައިވެ އެވެ.
ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ފިލްމު އެންޑް ޓެލެވިޝަން ޕްރޮޑިއުސާސް ގިލްޑްގެ ސީއީއޯގެ މަގާމު ފުރަމުން ދިޔަ ކުލްމީތަކީ މުނިފޫހިފިލުވުމުގެ ދާއިރާގައި 30 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ މީހެކެވެ.
އޭނާ ވަނީ ރިލައިންސް އެންޓަޓައިންމަންޓާއި ބިގް މިއުޒިކް އެންޑް ހޯމް އެންޓަޓައިންމަންޓާއި ސާރޭގާމާ އިންޑިއާ ލިމިޓެޑް ފަދަ ކުންފުނިތަކުގައި ވެސް އިސް މަގާމުތަކެއް އަދާކޮށްފަ އެވެ.
ފިލްމީ ޓީވީ ދާއިރާގެ ކަންކަން ވިލަރެސްކުރާ ބޮޑީއެއްގެ ގޮތުގައި އޮންނަ ފިލްމު އެންޑް ޓެލެވިޝަން ޕްރޮޑިއުސާސް ގިލްޑްގެ ރައީސަކީ މި ވަގުތު މަޝްހޫރު ބަތަލާ ވިދިޔާ ބާލަންގެ ފިރިމީހާ އަދި ފިލްމު ޕްރޮޑިއުސަރު ސިދާތު ރޯއި ކަޕޫރެވެ.
ފިލްމު އެންޑް ޓެލެވިޝަން ޕްރޮޑިއުސާސް ގިލްޑްގެ އުފެދުނީ 1954 ގަ އެވެ.