ކޮވިޑް-19 އަށް ކާމިޔާބު ފަރުވާއެއް ހޯދިއްޖެ ކަމަށް ޔޫއޭއީން އިއުލާނުކޮށްފި
ކޮވިޑް-19 އަށް ކާމިޔާބު ފަރުވާއެއް ހޯދިއްޖެ ކަމަށް ޔޫއޭއީން އިއުލާނުކޮށްފި

މުޅި ދުނިޔެ އެ ބައްޔަކާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ކޮވިޑް-19 އަށް ކާމިޔާބުކަމާ އެކު ފަރުވާކުރެވޭނެ ގޮތެއް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސްޓެމް ސެލް ސެންޓަރުން ހޯދައިފި ކަމަށް އެ ގައުމުން މިއަދު އިއުލާނުކޮށްފި އެވެ.

އަބޫ ދާބީ ސްޓެމް ސެލް ސެންޓަރުގައި މި ފަރުވާ އީޖާދުކުރީ ޑޮކްޓަރުންނާއި ރިސާޗަރުންގެ މައްޗަށް އެކުލެވޭ ޓީމެއްގެ މަސައްކަތުން ކަމަށާއި މިހާތަނަށް މި ފަރުވާ ދިން 73 މީހުން ވެސް ކާމިޔާބުކަމާ އެކު ބަލިން ފަސޭހަވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ސްޓެމް ސެލް ބޭނުންކޮށްގެން ދޭ މި ފަރުވާގެ ޕޭޓަންޓް ސްޓެމް ސެލް ސެންޓަރަށް މިހާރު ދީފައިވާ ކަމަށް ޔޫއޭއީގެ އިކޮނޮމީ މިނިސްޓްރީން މިއަދު ބުންޏެވެ.

މި ފަރުވާ ދެނީ ބަލި މީހާގެ ލެއިން ސްޓެމް ސެލް ނަގައި "އެކްޓިވޭޓް" ކުރުމަށް ފަހު އަލުން ހަށިގަނޑަށް ފޮނުވައިގެންނެވެ. ޕޭޓަންޓް ދީފައިވަނީ މި ފަރުވާ އަށް ސްޓެމް ސެލް ނަގާ ގޮތަށެވެ.

އަލަށް ދެނެގަތް ގޮތް ބޭނުންކޮށްގެން ސްޓެމް ސެލް ނަގައި، ބަދަލުތައް ގެނައުމަށް ފަހު، ފުއްޕާމެޔަށް ފޮނުވާލަނީ އާވީގެ ގޮތުގައި، ނެބުލައިޒްކޮށްގެންނެވެ. ރިސާޗަރުން ބުނީ މި ފަރުވާ ދިނުމުން ފުއްޕާމޭގެ ސެލްތައް އަލުން ހެދެން ފަށަ އެވެ. އަދި މި ފަރުވާގައި ކޮވިޑް-19 އަށް ހަށިގަނޑުގެ ދިފާއީ ނިޒާމު އޯވަރިއެކްޓްކުރުން ކޮންޓްރޯލްކޮށްދޭ ކަމަށާއި ކޮވިޑް-19 ގައި ސީރިއަސްވަނީ މި އޯވަރިއެކްޝަންގެ ސަބަބުން ކަމަށް، މި ފަރުވާ އީޖާދުކުރި ޓީމުން ގަބޫލުކުރެ އެވެ.

މި ފަރުވާ ކްލިނިކަލް ޓްރަޔަލްގައި ކާމިޔާބުވެ ފަރުވާގެ ރައްކާތެރިކަމާ މެދު ވަނީ ޔަގީންކަން ބޮޑުވެފަ އެވެ.

އަލަށް އީޖާދުކުރި ފަރުވާ ދިން އެއްވެސް މީހެއްގެ ކިބައިން ސިއްހީ ބޮޑު މައްސަލައެއް އަދި ނުފެންނަ ކަމަށާއި ކޮވިޑް-19 ގެ ބަލި މީހުންނާ މެދު މިހާރު އަމަލުކުރާ އާންމު ޕްރޮޓޮކޯލްއާ މި ފަރުވާއާ ތައާރުޒުނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފަރުވާގެ ޔަގީންކަން ކަށަވަރުކުރުމަށް ހަދަންޖެހޭ އިތުރު ދިރާސާތައް ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭ ނިމޭނެ ކަމަށް، ސްޓެމް ސެލް ބޭނުންކޮށްގެން ބަލިތަކަށް ފަރުވާ ހޯދުމަށް ހާއްސަކޮށް އުފައްދާފައިވާ ސެންޓަރުން ބުންޏެވެ.

މުޅި ދުނިޔެއިން މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވާއިރު މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ، ވަކި ހާއްސަ ފަރުވާއެއް މި ބައްޔަށް ނެތް ނަމަވެސް ބަލިން ފަސޭހަވެފަ އެވެ. ބަލީގައި މަރުވި މީހުންގެ އަދަދު ދެ ލައްކަ އަށް ވުރެ ގިނަ އެވެ. ބައްޔަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ސައިންސްވެރިން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.