ވާހަކަ ސިލްސިލާ: ދިހައެއް: ރީތި ހައްވަ
ވާހަކަ ސިލްސިލާ: ދިހައެއް: ރީތި ހައްވަ

(އިއްޔެގެ ބަޔާ ގުޅޭ)

މަލިކުގެ ފަޅުތެރެއިން ބޮއްކުރާ ނުކުމެ، އޭނާގެ އެއްވެސް ބާރެއް ނެތި، ކަނޑުގައި ދުއްވައިގަތްލެއް ބާރުކަމުން، ހައްވައަށް ފިލާގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި، ބޯ ވާރެ އާއި ގަދަ ވައިގެ ތެރެއަށް ވަދެވުނެވެ. ބޭބެ ބުނި ގޮތަށް އޭނާ ލޯ މަރާލި އެވެ. މިހާރު އޭނާގެ އެއްވެސް ބާރެއް ނެތެވެ.

ހަމައެކަނި އޮތް އިތުބާރަކީ ބައްޕަ ދިން ޔަގީންކަމެވެ.

ގުގުރީގެ އަޑުން މީހާ ދަނީ ގުޑައިގެންނެވެ. ހުއްޓުމެއް ނެތި ވިދަނީ އެވެ. ދުވަހަކު ވެސް މިވަރުގެ ގަދަ ވިއްސާރައެއް ހައްވަގެ ހަޔާތުގައި ނުދެކެ އެވެ. ގަދަ ވަޔާ އެކު، ވާރޭގެ ބޮޑެތި ތިކިތައް އޭނާގެ ގަޔަށް ހެރެމުން ދާ ފަދަ އެވެ. ހީކަރުވައިގަނެގެން، އޭނާ ތުރުތުރުއަޅަ އެވެ.

ކުޑަކުޑަ ބޮއްކުރާ، ރާޅުތަކުގެ ތެރޭގައި ދުވެފައި ދަނީ ވަރަށް ބާރަށެވެ. ހީވަނީ މި ވިއްސާރައިން ސަލާމަތްވުމަކީ އޭގެ ވާޖިބެއް ހެންނެވެ. ހައްވަގެ ހަމައެކަނި ހިމާޔަތަކީ ބޮއްކުރަ އެވެ. އޭގައި އިންޖީނެއް، ރިޔަލެއް ނެތެވެ. އެކަމަކު ބޭބެ އަލީ، އޭގެ ކޮޅުފަސްކޮޅުގައި ހިފާ، ކޮއްޕާލުމާ އެކު ދުވަން ފެށި ގޮތަށް، ދުވެލި ދިޔައީ ބާރުވަމުންނެވެ.

ހަގީގަތަކީ ހައްވައަކީ ވެސް އަދި އޭނާގެ ބައްޕަ އާއި ބޭބެއަކީ ވެސް އާދައިގެ އިންސާނުންނަށް ނުވުމެވެ. ހަގީގަތަކީ އެމީހުންނަށް ވުރެ އޭނާގެ މަންމަގެ އެ ސިފަތައް އަދި ތަފާތުކަމެވެ. ނަމަވެސް އާންމު މީހުންގެ ނަޒަރުގައި އެއީ ހަމަ އާދައިގެ އިންސާނުންނެވެ.

ރޭ އެދުރު ހުސޭނު އޭނާ އަތަށް ދިން ފޮތުގައި ހުރީ، އޭނާއަށް ވެސް ކުރިން ނޭނގޭ، ރާއްޖެއާ ބެހޭ ސިއްރުތަކެވެ. އަރަބި ބަހުން އެ ސިއްރުތައް ލިއުނީ ވެސް، ބައްޕަގެ އާއިލާގެ އެކި މީހުންނެވެ. އެދުރު ގާސިމުން ފެށިގެން، އާއިލާގައި ބޮޑެތި އިލްމުވެރިން އުފެދުނެވެ. އެމީހުންގެ މުޅި ހަޔާތް ނިންމާލަނީ، ދިވެހިންނަށް ނުފެންނަ ނުބައި ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރުމުގަ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި، އެ ރަށްރަށުގެ މީހުންނަށް ނުފެނި، އެހެން ބަޔަކު އުޅެ އެވެ. އެއީ ދިވެހިން އިސްލާމް ދީން ގަބޫލުކުރި ހިސާބުން ފެށިގެން، ރާއްޖެ ދޫކޮށް ނުގޮސް ތިބި "އިސްލާމް ދީނާ ދެކޮޅު ގިރިރާޖުގެ ކަޅު ނަސްލެ"ވެ.

ފޮތުގައި އޮތް ގޮތުން ނަމަ ގިރިރާޖަކީ، ބުދުދީނުގެ ހާމުދުރުންގެ ހިމާޔަތުގައި، އެމީހުން ގެންގުޅުނު، އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ، ވަރުގަދަ ފަހުލަވާނެކެވެ. އޭނާގެ ފަހަތުގައި ބޮޑު ލަޝްކަރެއް އޮތެވެ. އެކަމަކު ދިވެހިންގެ ބައެއް އިލްމުވެރިންނަށް ކޮންމެވެސް ގޮތަކުން، މި ސިއްރާއި އާންމުންނަށް ނުފެންނަ ނަސްލުގެ މީހުން އެނގި، އެމީހުން ދަސްވެ، އަދި އެމީހުންގެ ކިބައިން ދިވެހިން ސަލާމަތްކުރުމުގެ ހަނގުރާމައިގެ ތެރެއަށް ވަނެވެ.

ހައްވަގެ ބައްޕަ ފަރާތު އާއިލާއަކީ އޭގެ ތެރެއިން އެއް ބަ އެވެ. އޭނާގެ މަންމަ އަކީ ގިރިރާޖުގެ ނަސްލަށް ނިސްބަތްވި، އެކަމަކު ބައްޕަގެ ބާރުން ދިވެހިންގެ ތެރެއަށް ވެއްދި އަންހެނެކެވެ. ބައްޕަ ލިއެފައި އޮތް ގޮތުން ނަމަ، އެއީ އެ ނަސްލުގެ ރީތި އަންހެނުންގެ ތެރެއިން އެކެކެވެ. ނުބައިކަމުގެ ތެރެއިން ނުކުމެ، ބައްޕަގެ ހަޔާތާ ގުޅެން ނިންމީ މަންމަ އަމިއްލައަށެވެ. އުމުރުގެ ގޮތުން ބޮޑު ތަފާތެއް ހުއްޓަސް، ބައްޕަ ދެކެ މަންމަ ވީ ލޯބި ފުންވެފައި، ތެދުވެރި އެވެ.

މަންމަ މަރާލީ ހައްވަގެ އުމުރުން 10 އަހަރުގަ އެވެ. މަންމަގެ ލޭ، މަލިކުގެ ބިމަށް އޮހޮރުވާލީ، މިހާތަނަށް އޭނާއަށް ފެނުނު އެންމެ ބިޔަ، މޫނު ވެސް އެންމެ ބޮޑު ކަޅު ހިޔަންޏެވެ. އޭނާގެ އަތުގައި އޮތް ކަނޑި ވެސް އެހާމެ ދިގެވެ. އެރޭގެ ހަނގުރާމައިގައި، މަންމައަށް މާ ދުރަށް ދެވުނީ އެވެ. މަންމައަށް ކުރިމަތިލެވޭ ވަރަށް ވުރެ، އެ ހިޔަނީގެ ބާރު ގަދަވެފައި، މާ ތަފާތެވެ.

އެހެން ހިޔަނިތައް ބަލިކޮށް، މަންމަ ހުރި ހިސާބަށް ބައްޕަމެންނަށް ދެވުނު އިރު، މަންމަ އޮތީ މަރުވެގެން ވެއްޓިފަ އެވެ. މަންމަގެ ހަށިގަނޑު ކައިރީގައި، ބިމުގައި ނުޖެހި، އެ ބިޔަ ހިޔަނި ހުއްޓެވެ. އޭނާގެ ދިއްލިފައި ހުރި ދިގު ކަނޑީގައި މަންމަގެ ލެ އެވެ. އެއީ ބައްޕައާ ކައިވެނިކުރީންސުރެ، އެ މީހުން އެންމެ ބޭނުންވި ލެ އެވެ.

ލެއިން ތަތްތެޅިފައި އޮތް ކަނޑި ބައްޕަމެންނަށް ދައްކާލާފައި، އޭނާ އުދުހިގެން ދިޔައީ އެވެ.

އޭގެ ފަހުން ބައްޕަ އާއި ބޭބެގެ އެންމެ ބޮޑު ޒިންމާއަކަށް ނެގީ، ހައްވަ ހިމާޔަތްކުރުމެވެ. ބޮއްކުރައަށް ލާފައި، މި ބޮޑު ވިއްސާރަ އާއި ގުގުރުމާއި ލޮލަށް ކެތްނުކުރެވޭ ވަރުގެ އަލިގަދަ ވިދުވަރުން ފުރިފައި އޮތް ތޫފާނެއްގެ ތެރެއަށް އޭނާ ފޮނުވާލުމާ ހަމައަށެވެ.

ދުނިޔޭގައި ހުރުމާއި މަރުވުން މިހާރު މި އޮތީ އޭނާގެ އަތްމަތީގަ އެވެ. ބޮއްކުރައަށް އެނގެނީ ހުއްޓުމެއް ނެތި ކުރިއަށް ދާށެވެ. އެކަމަކު މި ތޫފާނުން ސަލާމަތްވެ، ފިއްލަދުއަށް ފޯރަންދެން، ހިތްވަރުކުރުމަކީ އޭނާގެ މަސައްކަތެވެ. ބައްޕަ ދިން ފޮތުން އެނގުނީ، މިއީ އެ އާއިލާގެ ވަރަށް މަދު މީހަކަށް ނޫނީ ދިމާވި އިމްތިހާނެއް ނޫން ކަމެވެ.

"ދަރިފުޅުގެ ނަސީބު ވަރަށް ގަދަވާނެ،" ހައްވައަށް ކުއްލިއަކަށް އިވުނީ މަންމަގެ އަޑެވެ. އެ އަޑު އައީ ކޮން ފަރާތަކުން ކަމެއް ނޭނގުނެވެ. އެހެންކަމުން އެކި ކޮޅުކޮޅަށް އޭނާ ބަލައިލި އެވެ.

"ކަލެއަށް އެއްވެސް ތަނަކަށް ނުދެވޭނެ! ކަލޭ ހުއްޓުވާނަން! ކަލޭ ހުއްޓުވާނަން!" ދެން އިވުނީ، ފިރިހެނެއްގެ ބާރު އަޑެވެ. އޭނާ ސިހި، ހަޅޭއްލަވާ ގަތުމާ އެކު ބޮއްކުރާގެ ވަތަށް ވެއްޓުނެވެ.

ކޮޅަށް ނުތެދުވެ، ކުރުގެޅިގެން އޮވެ، ހައްވަ ވަށައިގެން ބަލަމުން ދިޔަ އެވެ. ސިހުން ލިބިއްޖެ އެވެ. އެކަމަކު ބިރުގަތުމަށް ވުރެ އޭނާ ބޭނުންވީ ހިތްވަރެވެ. ބިރުގަންނަ ނަމަ މި ދަތުރަށް އޭނާ ނޭރީހެވެ. ބައްޕަ ކައިރީގައި އާދޭސްކޮށްގެން ނަމަވެސް މަލިކުގައި މަޑުކުރީހެވެ.

"ކަލޭ ހުއްޓުވާނަން! ކަލޭ ހުއްޓުވާނަން!" މިފަހަރު އެ އަޑު އަންނަހެން ހީވީ އެތައް ބައިވަރު ބަޔަކު އެއްފަހަރާ ގޮވާ ކަހަލަ ގޮތަކަށެވެ. އަޑު ކައިރިވަމުން، އޭނާގެ ކަންފަތަށް އުނދަގޫވާހާ ބާރުވި އެވެ. ކުއްލިއަކަށް އޭނާގެ ބޯމަތިން، އެތައް ބައިވަރު ހިޔަނިތަކެއް، އެހެން ކިޔަމުން ހުރަސްކުރަން ފެށި އެވެ. އޭގެ ކޮޅެއް ނެތްހާ ގިނަ އެވެ. ހިޔަންޏަކަށް ފަހު ހިޔަންޏެކެވެ. ބާރު ބާރަށް އޭނާ ހުރަސްކޮށް، އެއް ފަރާތުން އަނެއް ފަރާތަށް ދަތުރުކުރެ އެވެ.

ދެން ފެނުނީ އެ ހިޔަނިތަކުގެ ދިއްލިފައިވާ ކަނޑިތައް ނެގި ތަނެވެ. ލޯ ހުޅުވާލައިގެން ނޯވެވޭ ވަރަށް އެ ކަނޑިތަކުގެ އަލި ގަދަ އެވެ. ގަދަ ރަތް ކުލައިގެ އެތައް ހާސް ލޮލެކެވެ. ބަލަން އުނދަގޫވެގެން، ހައްވައަށް އެންމެ ފަހުން ލޯ މަރާލެވުނީ އެވެ. މިއީ އޭނާގެ ސިކުނޑީގެ ބާރު ވަޒަންކުރުމުގެ ވަގުތެވެ. މިއީ މިހާރު ފެންނަ ބިރުވެރި މަންޒަރުތަކުން، އޭނާގެ އަޒުމަށް ގުނޑުމެއް ނުގެންނަންވީ ވަގުތެވެ.

ހައްވަގެ ހިޔާލަށް ވެރިވެގަތީ، އޭނާގެ ފުރަތަމަ ލޯބިވެރިޔާ، ޝިހާބެވެ. މީހަކާ ހިތާވުމަކީ، މަލިކުގެ ސަގާފަތުގައި ނަމަ، ކައިވެނި ވެސް ކުރުމެވެ. އެހެންކަމުން ޝިހާބު ވީ އޭނާގެ ފުރަތަމަ ފިރިމީހާއަށެވެ. ދެ މީހުންގެ އެ ފުރަތަމަ ބައްދަލުވުން ފެށުނީ، ބޮއްކުރާގައި ނައްޓާލި ހިސާބުގެ ގޮނޑުދޮށުންނެވެ.

އެ ދުވަހުގެ ހަވީރުގެ ހިތްގައިމު ވަގުތުކޮޅު ހައްވަ ނުކުމެ ހުރީ، އެކަނިވެރިކަން ފިލުވާލާށެވެ. ދުރަށް ފެތުރިފައި އޮތް މޫދުގައި ރާޅުބާންޏެއްހާ ވަރު ވެސް ނެތެވެ. އެހާ އޮމާންކޮށް، އެހާ ކިޔަމަންތެރިކޮށް، އެ ބޮޑު މޫދު ވެސް އެބަ އޮވެ އެވެ. އަޑީގައި އުޅޭ މަސްމަހާ މެއްސަށް ވެސް، ލޮނުގަނޑުގެ އެންމެ މަތީ ހިމޭންކަން ދުއްވާލެވޭ ވަރެއް ނުވެ އެވެ.

"ތިހެން ހަމަ ހުރެދާނަންދޯ ކިތައްމެ އިރެއް ވަންދެން ވެސް،" ހައްވައަށް އިވުނީ ފިރިހެނެއްގެ އަޑެވެ. އޭނާ ވާތް ފަރާތަށް އެނބުރި ބަލައިލި އެވެ. ޝިހާބު ހުރީ ހިނިތުންވެ، އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

"އަހަރެންގެ ރައްޓެހިން ކިތައްމެ ދުވަހެއް ބުނާތާ މަށަކަށް ނުކެރޭނޭ ހައްވައާ ވާހަކަ ދައްކާކަށް. ނުކެރޭތޯ ހަމަ ބަލައިލަން މި އައީ،" ހައްވައާ ފޫޓެއްހާ ކައިރިއަށް ޖެހިލަމުން، ޝިހާބު ބުންޏެވެ.

އޭނާގެ މޫނުމަތީގައި ޖެހިލުންވުމުގެ އެއްވެސް ނިޝާނެއް ނެތެވެ. ހެވިފައި، ހައްވަގެ ޖަވާބަކަށް މަޑުކޮށްލައިގެން ހުރީ އެވެ.

"މަށާ ވާހަކަ ދެއްކުމަކީ ބިރެއްތަ؟" ޝިހާބުގެ ވާހަކަ މަޖަލަކަށް ހަދާފައި، ހައްވަ ސުވާލުކުރި އެވެ.

"އެހެންނެއް ނޫން. މިރަށުގެ އެއްވެސް ޒުވާނަކަށް ނުކެރެއެއްނު ގޮވާލާކަށް ވެސް. ގައިމު ކަމެއް ވެގެންތާ!" ހައްވަގެ ރީތި ދެ ލޮލަށް ބަލަހައްޓައިގެން ހުރެ ޝިހާބު ބުންޏެވެ.

"އެއީ އެމީހުންގެ ފިނޑިކަން. ޝިހާބު މިހާރު ތިވީ ވަރަށް ހިތްވަރުގަދަ މީހަކަށްތާ!" ހައްވަ ވެސް، ކަޅި ޖަހާނުލައި، ޝިހާބާ ދިމާއަށް ބަލަމުން ބުނެލި އެވެ.

"އަދިވެސް ބުނެފާނަން ވާހަކައެއް. އަހަރެން ހިއެއްނުކުރަން ހައްވަ ހަމަ ތިހާ ރީތިވާނޭ،" އެހެން ބުނުމާ އެކު، އޭނާގެ މޫނުމައްޗަށް ބޮޑު ހިނިތުންވުމެއް ވެރިވި އެވެ.

"އެހެންވިއްޔާ މިރަށުގެ އެހެން އަންހެން ކުދިން އަދި ނުފެންނަނީނު،" ހައްވަ ސަމާސާކޮށްލި އެވެ.

"އެހެން ކުއްޖެއް ކައިރީގައި ނުބުނާ ވާހަކައެއް ހައްވަ ކައިރީގައި ބުނެވޭނީ ގައިމު ވެސް އަހަރެންގެ ހިތުގައި އެއްޗެއް އޮތީމާ ދޯ،" ޝިހާބުގެ ވާހަކަތަކަށް ހުއްޓުމެއް ނެތެވެ.

ކިހާ ލޯބިވެތި ހެއްޔެވެ؟ ވާހަކަ ދެއްކި ފުރަތަމަ ދުވަހެވެ. އެކަނިމާއެކަނި ދެ މީހުން ބައްދަލުވި ފުރަތަމަ ފަހަރެވެ. ހިތުގައި އޮތް އެއްޗެއް ސާފުކޮށް ބުނެލަނީ އެވެ. އެއަށް ވުރެ ސާދާ ކަމެއް ކޮބައި ހެއްޔެވެ؟

ހައްވަގެ ހިތުން އެވަގުތުން ފެށިގެން ޝިހާބު ޖާގަ ހޯދި އެވެ. ބޮޑުވެ، ކައިވެނިކުރާ އުމުރަށް އެޅިއިރު ވެސް ރަށުގެ އެއްވެސް ފިރިހެނަކު އޭނާއަށް އެގޮތަށް ވާހަކަ ދައްކާފައެއް ނުވެ އެވެ. އެހެންކަމުން ޝިހާބަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާކަން ހައްވަގެ ހިތަށްއެރި އެވެ. ނަފުސަށް އެއްވެސް ކަހަލަ މަޖުބޫރުކުރުމެއް ނެތި، ވިސްނައިދިނުމެއް ނެތި، ޝިހާބު އޭނާގެ ހިޔާލުތަކުގެ މައްޗަށް ވެރިވެގަތެވެ.

"ދެން އަހަރެން ކިހިނެއް ހަދައިދޭންވީ؟" ހައްވަ ބުނެލި އެވެ.

"މަށާ އެކު މި މަޑު ވެލިގަނޑުގައި ހިނގާލަންވީ،" ޝިހާބު ވަގުތުން ބުންޏެވެ.

"ކޮން ކޮޅަކަށް؟" ހައްވަ އެހި އެވެ.

"އަހަރެން އައި ކޮޅަށް، އޭރުން ދެވޭނީ މީހުން އުޅޭ ހިސާބަށް ދުރަށް،" ޝިހާބުގެ ޖަވާބުތަކުން ހީވީ، ބުނަންވާ އެއްޗެއް އޭނާގެ ހިތުގައި ލިއެފައި އޮތް ހެންނެވެ.

"އަސްލު ދާން ޖެހޭނީ މީހުން އުޅޭ ހިސާބާ ކައިރިއަށް ދޯ. އެކަމަކު ޝިހާބު ބުނީމާ ދެން މިފަހަރު ހިނގާ. އަހަރެން ގެއްލުވާނުލާތި،" ހައްވަ ވެސް ގޮތްދޫނުކޮށް ބުންޏެވެ.

"ދުވަހަކު ވެސް ނުގެއްލޭނެ. އަހަރެން ބަލަހައްޓާނަން. ވަރިހަމަ އެ ފެންނަ ބޮޑު ކަނޑަށް އެރިގެން ހައްވަ ދިޔަސް. އަހަރެން ހުންނާނަން ކައިރީގައި،" ހައްވައާ އެކު ހިނގައި ގަންނަމުން، ޝިހާބު ބުނީ އެހެންނެވެ.

ކަޅު ހިޔަނިތައް، ރަތް ލޯތައް، ވިދުން ގަދަ ކަނޑިތައް، އެންމެ ފަހުން އޭނާގެ ލޯ މަތިން ގެއްލިއްޖެ އެވެ. އެކަމަކު ގުގުރާ އަޑު ހަމަ އެވަރުގަ އެވެ. އުޑުގެ އެކި ކޮޅުކޮޅުން، ވިދުވަރެވެ. ބާރު ވަޔާ އެކު ވިއްސާރަ އެވެ.

މަޑުމަޑުން ތެދުވެ، ކުރިން އިން ފިލާގަނޑު މަތީގައި ހައްވަ އިށީނެވެ. މާ ކަނޑުގައި، ދާ މިސްރާބެއް ނޭނގި، ހައްވަ އެ ދަތުރުކުރަނީ އެކަނިމާއެކަންޏެވެ. އެ ދުވަހު ޝިހާބު ބުނި ގޮތަށް، ހައްވައާ އެކު އޭނާއެއް ނެތެވެ. މި ތޫފާނާ ކުރިމަތިލުމުގެ ކުރިން، އޭނާގެ ފުރަތަމަ ކައިވެނިން ވެސް ޝިހާބު ނުކުމެގެން ދިޔައީ، އެ ދުވަހު ބުނި ގޮތާ ހިލާފަށެވެ.

ހައްވަގެ ހިތުން ފިލުވާނުލެވުނު މީހަކީ ޝިހާބެވެ. ބޯ މަތީގައި އެނބުރުނު އެތައް ހާސް ކަޅު ހިޔަންޏެއްގެ ނިޔަތާ އެއްގޮތަށް އޭނާގެ ވިސްނުން ބަދަލުނުވެ، ސަލާމަތުން އޮވެވުނީ ވެސް، ފުރަތަމަ ލޯބިވެރިޔާގެ ހިޔާލުތަކުންނެވެ. އެހެން ނޫން ނަމަ، އޭނާއަށް ކަނޑި ނަގައި، ހަމަލާތައް ފެށުނީހެވެ. އެކަމަކު އެއީ މި ދަތުރުގައި، ކަނޑުމަތީގައި، އެއްގޮތަކަށް ވެސް ނުކުރަން، ބޭބެ ބުނި ކަންތަކެވެ. އޭނާގެ ކަނޑި ނަގައިފި ނަމަ، މިއަށް ވުރެ ތޫފާން ގަދަވެ، ހިޔަނިތައް ވެސް ހަމަލާތައް ފެށީހެވެ. އެއީ އޭނާއަށް އެކަނި ކުރިމަތިލެވޭ ވަރަށް ވުރެ ބިރުހުރި ކަމެކެވެ.

ހިޔަނިތައް އައިސް އޭނާގެ ވަށައިގެން އޮތް ޖައްވު ހިފުމުގެ ކުރިން މަންމަގެ އަޑު އޭނާއަށް އެ އިވުނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެއީ އޭނާގެ ހިތަށްއެރި ކަމެއް ވެސް ނޫނެވެ. އެކަމަކު "ދަރިފުޅުގެ ނަސީބު ވަރަށް ގަދަ" އޭ މަންމަ ބުންޏެވެ. އެހެން ބުނީ، މަންމަ މަރުވި ރޭގެ ކުރީ ދުވަހު، ބައްޕަ ކައިރީގައި އަރަބި ބަސް ކިޔަވަން އިންދަ އެވެ.

މަަންމަ ބުނީ، ބައްޕަ އާއި ބޭބެއަކީ، މީހަކަށް ލިބޭނެ އެންމެ ރަނގަޅު ނަސީބު ކަމަށެވެ. އެހެންކަމުން އެފަދަ ބައެއްގެ ބެލުމުގެ ދަށުގައި ބޮޑުވަމުން އަންނަ ކުއްޖެއްގެ ނަސީބު ގަދަވާނެއޭ، ބުނެ އޭނާގެ ބުރަކަށީގައި ފިރުމަމުން މަންމަ ގެންދިޔަ އެވެ. ކިޔަވައި ނިމެންދެން ވެސް އެ ދުވަހު މަންމަ އިނީ، އޭނާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ އެވެ.

މަޑުމަޑުން ހައްވަގެ ކުރިމަތިން، ބޮއްކުރާގެ ކުރީކޮޅުން، ހިޔަންޏެއް ދައްކާލި އެވެ. އޭގެ ފައިކޮޅުން ފެށިގެން މައްޗަށް އޭނާގެ ނަޒަރު ހިންގާލި އެވެ. އެއީ އެއްވެސް ޝައްކެއް ނެތެވެ، އޭނާގެ މަންމަ މަރާލި ބިޔަ، ވަރުގަދަ، ހިޔަންޏެވެ. އޭނާގެ އަތުގައި އޮތް ކަނޑި ދިގުވެފައި، އަލިކަން ގަދަ އެވެ.

ވައް، ބޮޑު މޫނުގެ ރަތް ދެ ލޮލުން ހައްވައާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކަނޑީގެ އަލި އޭނާގެ މޫނުމައްޗަށް އެޅިފައި ހުރި އިރު، ބޮޑު ރަތް ތުންފަތް ފާހަގަކުރެވުނެވެ. ލޮލުގެ ރަތްކަން ފެންނަނީ، ދިއްލޭތީ އެވެ. ތުންފަތުގެ ރަތްކަން އެގޮތަކަށް ނުއެއް ދިއްލެ އެވެ.

ހުރިހާ ގޮތަކުން ބެއްޔަސް އެއީ ބިރުވެރި ސިފައެކެވެ.

"ކަލޭގެ މަންމަ މަރާލީ މި ކަނޑިން ޖަހާ،" ގުގުރުމުގެ އަޑު ތެރެއިން، ހިޔަނީގެ ބަރު އަޑު ވެސް އައީ އެހާމެ ވަރުގަދަކޮށެވެ.

"ކަލޭގެ ބައްޕަ އާއި ބޭބެއަށް ސަލާމަތެއް ނުކުރެވުނު. އައި އިރު، މި ކަނޑީގައި ހުރީ އެ ނުބައި އަންހެނާގެ މުޑުދާރު ލޭ. އަހަރެން ދޫކޮށްފައި ގޮސް ކަލޭގެ ނުލަފާ ބައްޕައާ އިނުމުގެ ހަދިޔާއަކީ މަރު،" ހިޔަނީގެ އަޑު ހީވަނީ، ކޮންމެވެސް ތަނެއްގައި ޖެހިފައި އެނބުރި އޭނާގެ ކަންފަތަށް ވަންނަހެންނެވެ.

"ކޮއްކޯ، މި ދަތުރުގައި އެންމެ މުހިންމީ ކެތްތެރިކަން،" ބޭބެ ދިން ނަސޭހަތް، ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ވެރިވެގަތެވެ.

ބިޔަ ހިޔަނި އައިސް އެހުރީ އޭނާގެ މި ދަތުރު ހުއްޓުވާށެވެ. ފިއްލަދުއަށް ދެވުމަކީ، އޭނާގެ ދިރިއުޅުން އަލުން ފެށުމެވެ. އެ ރަށުން އޭނާގެ ހަޔާތަށް އަންނާނެ އެތައް ނަސީބެއް ލިއެފައި އޮތުމެވެ. އޭނާގެ ފަހަތުން ނުނެންޓިގެން އުޅޭ ހިޔަނީގެ ލަޝްކަރަށް، ފިއްލަދޫން ކުރިމަތިވާނެ ނިކަމެތިކަން، މަލިކަށް ވުރެ ބޮޑުވުމެވެ.

ހައްވަގެ ހިތަށްއެރި އެވެ. މިއީ އޭނާ މިނިވަންވުމުގެ ދަތުރަށް ވެސް ވެދާނެ އެވެ. އޭނާއަށް އާ ލޯތްބެއް، ބައްޕަ ބުނި ގޮތަށް، އާ ފިރިއެއް ލިބުމުގެ ނަސީބު ލިއެފައި އޮތް ރަށަކީ ވެސް އެއީ ކަަމަށް ވެދާނެ އެވެ. ހިޔަނިތަކަށް އޭނާ މުޅިން ގެއްލޭނީ ވެސް ފިއްލަދޫގައި ކަމަށް ވެދާނެ އެވެ.

"ކަލޭ ބޭނުމެއް ނޫންތަ މަށާ ކުރިމަތިލާކަށް،" ހައްވަގެ ހަ ވަނަ ހިއްސުގެ އިހުސާސްތަކުން ނެރެލީ، އެ ބަރު އަޑެވެ.

އާއެނކެވެ. އޭނާ ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުންވަނީ އެ ދައްކާ ވާހަކަތަކާ މެދު ނުވިސްނާށެވެ. އޭނާ ބޭނުންވަނީ، ހިޔާލުތަކުގެ ތެރެއަށް މާޒީގެ އުފާތަކެއް ގެންނާށެވެ. އެހާ ހިސާބުން އަނެއްކާވެސް އައީ ޝިހާބެވެ.

އެއީ އިސްކޮޅުން ދިގު، ދޮން ފިރިހެނެކެވެ. އެދުވަހުގެ ހިނގާލުން ނިންމާލީ، އޮއްސެމުން ދިޔަ އިރުގެ ފަހު އަލިކަމާ އެކު އެވެ. އެކަމަކު އޭނާގެ ހަޔާތުން ލޯބީގެ އިރު އެރީ އެ ދުވަހު އެވެ. އެ ލޯބި، ކައިވެންޏަކަށް ބަދަލުވީ އެހާ އަވަހަށެވެ.

"މިއީ މުޅި އުމުރަށް ފެށި ދަތުރެއް އިނގޭ،" ފުރަތަމަ ރޭ ޝިހާބު ބުންޏެވެ.

ހައްވަގެ ގޭގެ ހައްވަގެ ކޮޓަރި އެވެ. އޭނާގެ އެނދުގައި އިށީނދެ އިނދެ، އޭނާގެ މޫނުގައި ދެ އަތުން ހިފަހައްޓާލައިގެން، ޝިހާބު ވީ ވައުދަކީ އެ އެވެ. އެއީ ސަމާސާއެއް ނޫނެވެ.

"ހައްވަ ނޫން މީހަކު މަގޭ ހަޔާތަކަށް ނާންނާނެ. ހަނދާންވޭތަ، ފުރަތަމަ ދުވަހު އަހަރެން ބުނި ވާހަކަ. 'ވަރިހަމަ އެ ފެންނަ ބޮޑު ކަނޑަށް އެރިގެން ހައްވަ ދިޔަސް. އަހަރެން ހުންނާނަން ކައިރީގައި'... ހަނދާން ވެއްޖެތަ؟" ޝިހާބު ބުނެލި އެވެ.

އޭނާ ހަނދާން އެބަ ހުއްޓެވެ. އެކަމަކު އެ ދަތުރު ޝިހާބަކަށް ފުރިހަމައެއް ނުކުރެވުނެވެ. އެންމެ ހައެއްކަ މަހެވެ. އެއް ދުވަހު ހެނދުނު އިރުއެރުމާ އެކު، ހައްވަގެ ގެއިން ނުކުމެގެން ދިޔަ ގޮތަށް، ޝިހާބު އެގެއަކަށް ނާދެ އެވެ. ވަރިކުރީ ދެ ހެކިވެރިން ފޮނުވައިގެންނެވެ.

"ކަލޭގެ މަންމަ މަރާލުން އެކަންޏެއް ނޫން، ކަލެއަށް ނޭނގޭ އެތައް ކަމެއް އަހަރެން ކޮށްފިން،" ހިޔަނީގެ ގަދަ އަޑުން، ހައްވަގެ ހިޔާލުތައް ފުނޑުފުނޑުވި އެވެ.

ހައްވަ މައްޗަށް ބަލައިލި އެވެ. ހިޔަނި ހުރީ ހަމަ ކުރިން ވެސް ހުރި ތަނުގަ އެވެ.

"ކަލޭ ހިތަށްއެރީ އިންސާނަކާ އިނދެގެން މުޅި އުމުރު އުޅެވިދާނެ ކަމަށް. އެކަމަކު އަހެންނެއް ނުވިއެއްނު. ކަލޭގެ ފުރަތަމަ ފިރިމީހާއަކީ ވެސް ބޮޑު ފިނޑިއެއް. އެންމެ ރެއަކު އޭނާގެ ފަހަތުން އަހަރެމެން އެނބުރުނީ. އެންމެ ފަހަރަކު ބުނެލީ، ކަލޭ ވަރިނުކޮށްފިއްޔާ ދުވަސް ދުއްވާލާނަމޭ، އަނެއް ދުވަހު ގެއިން ނުކުމެގެން އެ ދިޔައީ،" ހިޔަނީގެ ބޮޑު ދެ ތުންފަތް، މަލާމާތުގެ ހިނިތުންވުމެއްގައި ހުޅުވުނެވެ.

އެ ބުނީ އަސްލު ވީ ގޮތެވެ. ޝިހާބު އޭނާ ދޫކޮށްލީ، މި ނުބައި ހިޔަނީގެ އަވަލެމުގެ ތެރެއިންނެވެ. ގެއިން ނުކުމެގެން އެދިޔައީ، ބިރުންނެވެ. ބައެއް ރޭރޭ ބައްޕަ އާއި ބޭބެ އާއި އޭނާ ވެސް ބައިވެރިވެގެން ހިނގާ ހަނގުރާމަ ޝިހާބަކަށް ނޭނގޭނެ އެވެ. އޭނާ އޮންނަނީ ގަދަ ނިދީގަ އެވެ. (ހަތަރު ވަނަ ބައި، އަންގާރަ ދުވަހު)