ހެރީ ޕޮޓާގެ މޭކަޕް ފިހިތަކެއް
ހެރީ ޕޮޓާގެ މޭކަޕް ފިހިތަކެއް

ހެރީ ޕޮޓާގެ ވާހަކަ ފޮތްތައް އަދި ފިލްމުތައް މަގުބޫލެވެ. ޕޮޓާ ފޭނުން ފޮތުގެ އިތުރުން ވާހަކާގައި ފެންނަ އެކި އެއްޗެހި އެއްކުރެ އެވެ. ހެރީ އަޅާ އައިނު ނުވަތަ މަރައުޑާޒް މެޕް ފަދަ އެއްޗެހި ހިމެނެ އެވެ. މިފަހަރު އަންހެން ކުދިންނަށް ހާއްސަ ހެރީ ޕޮޓާ ތީމުގެ މޭކަޕް ފިހިތަކެއް ސްޓޯރީބުކް ކޮސްމެޓިކްސް އިން ވަނީ ތައްޔާރުކޮށްފަ އެވެ.

އެމެރިކާގެ މިސީ، މޭންޑީ އަދި އެރިން އުފެއްދި ސްޓޯރީބުކް ކޮސްމެޓިކްސް އަކީ ވާހަކަ ފޮތާއި ފިލްމުތަކުން ހިޔާލު ހޯދައިގެން ކޮސްމެޓިކްސް ތައްޔާރު ކުރާ ކުންފުންޏެކެވެ. ހެރީ ޕޮޓާ މޭކަޕް ފިހި ކަލެކްޝަންގައި ތަފާތު ފަސް ޑިޒައިނެއްގެ ފިހި ހިމެނެ އެވެ. އަދި ފިހީގެ ދަނޑިކޮޅު ފަރުުމާކޮށްފައި ވަނީ ވޯންޑެއް ގޮތަށެވެ.

މިސީ ބުނިގޮތުގައި މި ފިހިތަކުގެ ކެހެރި ތައް ތައްޔާރުކޮށްފައި ވަނީ ސިންތެޓިކް ބްރިސްލްސް ބޭނުންކޮށްގެނެވެ. އަދި ފިހިތައް ޖައްސާލަން ފަސޭހަވެފައި މަޑު ވާނެ ކަމަށް ބުންޏެވެ.

ސްޓޯރީބުކް ކޮސްމެޓިކްސް އިން ހެރީ ޕޮޓާ ސޯޓިން ހެޓް އައިޝެޑޯ ޕެލެޓެއް ވެސް ވަރަށް އަވަހަށް ނެރޭނެ ކަމަށް އެ ކުންފުނީގެ އިންސްޓަގްރާމް ޕޭޖުގައި ވަނީ ބުނެފަ އެވެ.