02 މެއި 2020 - 19:41

ކޮވިޑް-19 ގެ އަލާމާތްތައް ހުރި ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަމިއްލައަށް އެންގުމަށްފަހު، ޓެސްޓް ކުރަން ދެކޮޅު ހެދި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނެ އަމިއްލައަށް ރަށު ތެރޭގައި އަޑު ފަތުރައި އެ ބަލީގެ އަލާމާތްތައް ހުރި ކަމަށް އެޗްޕީއޭ އަށް އެންގުމުން، އެ ރަށުގެ ސިއްހީ މަރުކަޒުން ސާމްޕަލް ނަގަން 46 އަހަރުގެ ފިރިހެން މީހާ ކައިރިއަށް ދިޔަ ކަމަށެވެ. އެކަމަކު ޓެސްޓް ކުރަން އޭނާ ދެކޮޅު ހެދީ އެވެ.
ކޯޓު އަމުރެއް ހޯދައި ސާމްޕަލް ނަގަން ދިއުމުން ވެސް އިންކާރުކުރީ އެވެ. އެހެންވެ އޭނާ ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރި ވެފައިވާ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނެގުމަށާއި ކަރަންޓީން ކުރަން ދެކޮޅު ހަދާ މީހުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަމުންނެވެ. ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 500 އަށް ވުރެ މައްޗަށް އަރައިފަ އެވެ.